މިއީ އާދައިގެ އިންސާނެއް ނޫނެވެ. އުމުރުން 114 އަހަރެވެ. އުމުރުން 89 އަހަރުގައި ފުރަތަމަ މެރެތަން ފުރިހަމަކުރި އެވެ. އޭނާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ދުވަސްވީ މެރެތަން ދުވުންތެރިޔާ އެވެ.
ނަމަވެސް އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ފައުޖާ ސިންގްގެ ހަޔާތުގައި އިއްޔެ ކުރިމަތިވީ ބިރުވެރި ހާދިސާއެކެވެ. އޭނާގެ އުފަން ވިލެޖަށް ގޮސް އުޅެނިކޮށް ހަވީރު މަގު ހުރަސްކުރަނިކޮށް ކާރެއްގައި ޖެހުނީ އެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.
ސިކުންގެ މައި ސްޓޭޓް ކަމަށްވާ ޕަންޖާބަށް އުފަން ފައުޖާ އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރީ 1992ގަ އެވެ. އޭގެ ކުރިން އޭނާއަކީ ދަނޑުވެރިއެކެވެ. އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކުރީ އަންހެނުން މަރުވުމާ އެކު، ފިރިހެން ދަރިފުޅާ އެކު އުޅޭށެވެ.
"އެކްސިޑެންޓް ހިނގީ އޭނާގެ ގޭ ކައިރިން މަގެއް ހުރަސްކުރަން އުޅުމުގެ ތެރޭގަ އެވެ،" ފައުޖާ ނިސްބަތްވާ އިނގިރޭސި ދުވާ ކްލަބް، ސިކްސް އިން ދަ ސިޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ދުވުމުގެ ތެރެއަށް އޭނާއަށް ވަދެވުނީ ފަސް ވަނަ ދަރިފުޅު މަރުވުމުން ލިބުނު ހިތާމަތަކުން ދުރުވުމަށެވެ. އޭރު އުމުރުން 83 އަހަރެވެ. މީހުންގެ ތެރޭގައި އޭނާގެ ނަން މަޝްހޫރުވީ 2000 ވަނަ އަހަރުގެ ލަންޑަން މެރެތަން، އުމުރުން 89 އަހަރުގައި، 6 ގަޑިއިރާއި 54 މިނިޓުން ނިންމައިގެންނެވެ.
އޭގެ ފަހުން އޭނާ އައީ އެކި ރެކޯޑްތައް މުގުރަމުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ދުވަމުންނެވެ. މެރެތަންއެއް އެންމެ އަވަހަށް އޭނާއަށް ނިންމިފައި ވަނީ 5 ގަޑިއިރާއި 40 މިނިޓުންނެވެ. ލަންޑަންގައި 2012ގައި އޮތް އޮލިމްޕިކް ގޭމްސްގެ ދަންމަރު އުފުލުމުގެ ޝަރަފު ވެސް އޭނާއަށް ލިބުނެވެ.
ރޭސްތަކުގައި ދުވުން ފައުޖާ ހުއްޓާލީ އުމުރުން 101 އަހަރުގަ އެވެ.
ފައުޖާ ބުނާ ގޮތުން އޭނާ އުފަންވީ 1 އެޕްރީލް 1911ގަ އެވެ. އޭރު އިންޑިއާ އޮތީ އިނގިރޭސި ވިލާތުގެ ދަށުގަ އެވެ. އެހެންކަމުން އުފަން ދުވަހުގެ ސެޓްފިކެޓް ކަހަލަ ރަސްމީ ލިއުމެއް އޭރު ނުލިބެ އެވެ.
ފައުޖާ ހިކިކަމުން ކޮޅަށް ނުހުރެވޭތީ އޭނާއަށް ރަނގަޅަށް ހިނގެން ފެށީ ވެސް އުމުރުން ފަސް އަހަރުގަ އެވެ.
ދުނިޔޭގެ އެންމެ މުސްކުޅި މެރެތަން ދުވުންތެރިޔާ އެކްސިޑެންޓްގައި މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ