އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާނުލައިފި ނަމަ ޕަލަސްތީނުގެ ދައުލަތް ގަބޫލު ކުރާނެ ކަމަށް ބުނެ އިނގިރޭސިވިލާތުން އިންޒާރު ކޮށްފިއެވެ.
އިނގިރޭސި ބޮޑުވަޒީރު ކެއިރް ސްޓޭމާ ވިދާޅުވީ، ގާޒާގެ ހަމަލާތައް ހުއްޓާލައި ދާއިމީ ސުލްހައެއް ގާއިމު ކުރުމާއެކު ކާބޯތަކެއްޗާއި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ދެކޮޅު ހަދާނަމަ ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި އިނގިރޭސިވިލާތުން ބަލައިގަންނާނެ ކަމަށެވެ.
އަދި އެ މަގަށް ކުރާ މަސައްކަތާއެކު ސެޕްޓެމްބަރުގައި އޮންނަ އދ ގެ އާންމު މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އިނގިރޭސީންގެ މި އިންޒާރާއެކު ޔަހޫދީ ބޮޑުވަޒީރު ބުނެފައި ވަނީ، އެހެން ހަދައިފިނަމަ އެއީ 'ނުބައިނުލަފައި ޓެރަރިޒަމް ހިންގަން' ހަމާސް އަށް ދެވޭ ހަދިޔާއެއް ކަމަށެވެ.
މީގެ ކުރިން އިނގިރޭސިވިލާތުން ބުނަމުން އައީ ދެ ދައުލަތް (އިޒްރޭލާއި ފަލަސްތީން) ބަލައިގަންނަން ވާނީ އެކަމުގެ ސަބަބުން ސުލްހައަށް އަށް އޮތް ބޮޑުބާރަކަށް ވާނަމަ ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ވެރިކަން ކުރާ ޕާޓީގެ އެމްޕީންގެ ފަރާތުން ޕްރެޝަރު ކުރަމުން ދިޔުމާއި އެކަން އަވަސް ކުރަން ގޮވާލަމުން ދާން ފެށުމުގެ ނަތީޖާއަކީ އެފިޔަވަޅު އަޅަން މިހާރު ގޮވާލުމެވެ.
އިނގިރޭސީން ފަލަސްތީންގެ ދައުލަތް ބަލައިގަންނާނެކަން ހާމަ ކުރި އިރު، ފަރަންސޭސީންވެސް ވަނީ ފަލަސްތީންގެ ދައުލަތް ބަލައިގަންނާނެކަން ކުރިން އިއުލާން ކޮށްފައެވެ.
ހުޅަނގުގެ ބައެއް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން ފާޅުކުރަމުން މިދަނީ، ދެވަނަ ބޮޑުހަނގުރާމައިގައި ދުނިޔެ ތަޖުރިބާކުރި 'ހޮލޮކޯސްޓް' ނުވަތަ ނަސްލު ނައްތާލުމުގެ ނުބައި ޖަރީމާ އެއަށްފަހު އިއާދަވިޔަ ނުދޭނެކަމަށް ހުޅަނގުން އޭރުވެފައި އޮތް އަހުދެއް އޮއްވާ އެކަން މިހާރު އެންމެންގެ ލޯމައްޗަށް ހިނގަމުން ދާތީއާވެސް އެކުގައެވެ.
އިޒްރޭލުން ގާޒާގެ ރައްޔިތުން މަރާ، ޝަހީދު ކުރަމުން ދަނީ 1962 ގައި ހިޓްލަރު ހިންގި ފަދަ ހައިހޫނުކަމުގެ އަނިޔާ ދެމުންނެވެ. ކާން ނުދީ ބައިތިއްބައިގެން، ކާޑު ބަލި ޖައްސާ 200 އެއްހާ މީހުން މިހާރުވެސް މަރާލައިފިއެވެ. އޭގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން ހިމެނޭއިރު އެ އަދަދު 80 އަށް ވުރެ މައްޗެވެ.
ބޮޑުވަޒީރު ސްޓޭމާ ވިދާޅުވީ، މި ވަގުތަކީ ވަރަށް ހައްސާސް ވަގުތެއް ކަމަށާއި މި ހާލަތުގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތުން މަޑުޖައްސާލައިފި ނަމަ އެ ފުރުސަތު ދާއިމަށް ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އޭނާ އިޝާރާތް އެ ކުރައްވަނީ، އިޒްރޭލުން ގާޒާ ތަޅާ ސުންނާފަތިކޮށް، ސަހަރާއަކަށް ހަދާފައި ވުމާއެކު ގާޒާގައި މިހާރު ދިރިތިބި އެންމެން ގަދަބާރުން ގެންގޮސް އެއް ސަރަހައްދަކަށް ވައްދާ ބަންދު ކުރަން އިޒްރޭލުން ކުރާ މަސައްކަތާއެކު މިނިވަން ދައުލަތެއްގެ އުއްމީދު ގެއްލިގެން ދާނެ ކަމުގެ މައްޗަށެވެ.
ސްޓޭމާ ވިދާޅުވީ، އިނގިރޭސީން ބޭނުންވަނީ، އިޒްރޭލާއެކު ޖެހިގެން މިނިވަން ކަމާއެކު އަދި ސުލްހަވެރިކަމާއެކު ފަލަސްތީނުގެ ދައުލަތް ގާއިމުވެ އޮންނަން ކަމަށެވެ.
އަދި މިވަގުތު އިސްކަން ދޭ ކަންކަމުގެ ތެރޭގައި ގާޒާގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ކާބޯތަކެއްޗާއި އެހީ ފޯރުކޮށްދެވޭނެ އިންތިޒާމުތައް ފަހިކުރުމަށް ބާރުއަޅުއްވާ ކަމަށާއި ދެދައުލަތް ގާއިމު ކުރުމަށް ކުރާ މަސައްކަތާއެކު އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ބަޔަކަށް ހެދުން ހުއްޓާލުމަށް ވެސް ސްޓޭމާ ގޮވާލައްވައެވެ.
ހަމަ އެއާއެކު އޭނާ ވަނީ، ހަމާސްގެ އަތްދަށުގައި ތިބި އިޒްރޭލުގެ ރަހީނުން ވަގުތުން މިނިވަން ކުރުމަށް ވެސް ގޮވާލައްވާފައެވެ. އަދި އެމެރިކާއިން ހުށަހަޅާ ސުލްހައިގެ ކަރުދާހުގައި ސޮއިކޮށް ހަތިޔާރު ބެހެއްޓުމަށާއި އަލަށް އެކުލަވާލައި ފަލަސްތީނުގެ ސަރުކާރުގައި ހަމާސްގެ ދައުރެއް ނެތުން ގަބޫލު ކުރުމަށް ވެސް ގޮވާލެއްވިއެވެ.
އިޒްރޭލުން ހަމަލާތައް ހުއްޓާނުލާނަމަ ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނަން: އިނގިރޭސިވިލާތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ