ކާޑު މެޝިނުން ކުރާ ކޮންމެ މުއާމަލާތަކަށް، ބީއެމްއެލްއިން ތިމާވެށި ހިމާޔަތް ކުރަން ޚަރަދުކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު މެޝިން ބޭނުންކުރުމުން އެ ބޭންކަށް ލިބޭ އާމްދަނީން ވަކި އަދަދެއް ކަނޑައަޅައިގެން، ތިމާވެށި ހިމާޔަތްކުރުމަށް ހޭދަކުރާ ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. ބީއެމްއެލް ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ''އީއެންވީ ޕީއޯއެސް''ގެ ނަމުގައި މި ޕްރޮގްރާމު ލޯންޗުކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ. ބީއެމްއެލްއިން ބުނީ، އަންނަ މަހުގެ އެކަކުން ފެށިގެން ޕީއޯއެސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާ ގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް ރައްކާތެރިކުރުމަށް އެހީތެރިވެވޭނެ ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ---- ސަން ފޮޓޯ/ މޫސާ ނަދީމް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިހާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޕީއޯއެސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެ މުޢާމަލާތްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް، ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އެއްވެސް އިތުރު ޚަރަދަކާ ނުލައި، ޕްރޮގްރާމުގައި ހިއްސާވެވޭ އަދަދު އިތުރުވާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ. "މިއީ އަޅުގަނޑުމެން އެއްފަހަރު ހިންގާލާ ކެމްޕޭނެއް ނޫން. މިއީ ތިޔަބޭފުޅުންގެ އެހީތެރިކަމާއެކު އީއެންވީ ޕޮސްގައި ކުރެވޭ ކޮންމެ މުޢާމަލާތަކާއެކު ހިނގަމުންދާނެ ދިގު މުއްދަތުގެ، ދެމެހެއްޓެނިވި މަސައްކަތެއް. އަޅުގަނޑު ހަމަ ކޮންމެ ފަރުދަކަށް، ކޮންމެ ވިޔަފާރިއަކަށް، އަދި ކޮންމެ މުޖުތަމައަކުން އެދެނީ ތިޔަބޭފުޅުން ދުވަހުން ދުވަހަށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް ތިމާވެށި ރައްކާތެރިކުރުމުގެ ބާރަކަށް ބަދަލުކޮށްލަން," ޝަރީފް ވިދާޅުވިއެވެ. އޭނާ ވަނީ ހުރިހާ ކަމަކަށް ފައިސާ ދެއްކުމަށް ބީއެމްއެލް ޕީއޯއެސް ޚިޔާރުކުރުމަށް އެދިވަޑައިގެންފައެވެ. ބީއެމްއެލުން ބުނީ، އެންވީ ޕީއޯއެސް ޕްރޮގްރާމުގެ ފައިސާ ބޭނުންކުރާނީ އިތުބާރުހުރި، ކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫޢުތަކަށް ކަމަށެވެ. އެގޮތުން، މި ފަދަ މަޝްރޫޢުތަކުގެ ތެރޭގައި ރީސައިކަލްކުރުމާއި ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް އެ ބެންކުން ބުންޏެވެ. ގައުމީ ބޭންކްގެ ހައިސިއްޔަތުން ބީއެމްއެލް އިން އަބަދުވެސް އޮންނާނީ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދޭ، އިގުތިސާދީ ތަރައްގީގައި ބައިވެރިވާ ބޭންކެއްގެ ގޮތުގައިކަން އެބެންކުން ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ