މާރާމާރީ ހިންގަން އާއްމުކޮށް ބޭނުންކުރާ ވައްތަރުގެ ވަޅި އެތެރެކުރުން ހަރުކަށިކޮށްފި

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް މިއަދު ޢަމަލުކުރަން ފެށުމާއެކު، މާރާމާރީ ހިންގުމަށް އާންމުކޮށް ބޭނުންކުރާ ފްލިކް ނައިފާއި ބަޓަފްލައި ނައިފް ދިވެހިރާއްޖެއަށް އެތެރެކުރުމުގައި ހަރުކަށި އުސޫލުތަކެއް އެކުލަވައިލައި، އަމަލުކުރަންވީ ގޮތުގެ އާ ގަވާއިދެއް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އާންމުކޮށްފިއެވެ. މި ގަވާއިދުގެ މައިގަނޑު މަޤްސަދަކީ، މިފަދަ ތޫނު އެއްޗެހި އެތެރެކުރުމުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައި، އާންމު ރައްކާތެރިކަން ކަށަވަރުކުރުމެވެ. މި އާ ގަވާއިދުގައި ފްލިކް ނައިފާއި ބަޓަފްލައި ނައިފް ފަދަ ވަޅި ރާއްޖެއަށް އެތެރެކުރުމަށް މިނިސްޓްރީގެ ހުއްދަ ހޯދުން މަޖުބޫރު ކަމަށް ފާހަގަކޮޮށްފައި ވެއެވެ. ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު 1،000 ރުފިޔާގެ އިދާރީ ފީއެއް ދައްކަން ޖެހޭނެއެވެ. ހުއްދަ ލިބޭނީ 18 އަހަރު ފުރިފައިވާ މީހުންނަށް އެކަންޏެވެ. ހުއްދަ ނުހޯދައި މިފަދަ ތަކެތި އެތެރެކޮށްފިނަމަ ކަސްޓަމްސް އިން އެ ތަކެތި ހިފަހައްޓައި، ފުލުހުންނަށް، މައްސަލަ ތަހުގީގުކުރަން ފޮނުވާނެއެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް ވަޅި ވިއްކައިފިނަމަ، 20،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރާނެ ކަމަށް ފުލުހުންގެ ކްރައިމް ޕްރިވެންޝަން ސެންޓަރުން ވަނީ ބުނެފައެވެ. އެތެރެކުރާ ވަޅި ބޭނުންކުރަންވާނީ ހުއްދައިގައި ބަޔާންކޮށްފައިވާ ކަންކަމަށް ކަމަށާއި، މިނިސްޓްރީން މި ތަކެތީގެ މަޢުލޫމާތު ރެކޯޑުކޮށް ބަލަހައްޓާނެ ކަމަށް ވެސް ގަވައިދުގައިވެއެވެ. ނުރައްކާތެރި މާރާމާރީތަކުގައި އެކި ޒާތްޒާތުގެ ވަޅި ބޭނުންކުރާއިރު، މިފަދަ ތަކެތި މާލޭގެ ބައެއް ފިހާރަތަކުގައި ވިއްކަން ވެސް ހުރެއެވެ. ވަކި އުމުރުފުރައެއް ޚާއްސަކޮށްފައި ނޯންނާތީ ކުޑަކުދިން ލައްވައި އެ ފަދަ ތަކެތި ހޯދައި، ގޭންގު ކުށްތަކުގައި ބޭނުންކުރުން ވެސް ވަރަށް އާންމެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުމާއި، ބިރު ދައްކައި ފޭރުން ފަދަ ކަންކަން ވެސް އާންމެވެ. ގޭންގުކުށްތައް ހުއްޓުވުމަށް ޓަކައި އާ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އިތުރު ބާރުތައް ފުލުހުންނަށް ވެސް ލިބި، މިހާރަށް ވުރެ ހަރުކަށިވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ