އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ރައީސް މުހައްމަދު މުއިއްޒު ހުވާ ކުރައްވައިގެން ހުންނެވިއިރު، ދީނަކީ ހަމައެކަނި އަޅުކަމެއް ނޫންކަން އެ މަނިކުފާނަށް އެނގިވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެ، މިވެރިކަން އިސްލާމީ އުސޫލުތަކަށް ފެތޭ ވެރިކަމެއްތޯ ދެނެގަތުމަށް މުހިއްމު ސުވާލުތައް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދި ކުރައްވައިފި އެވެ.
ރާއްޖޭގެ މައި ބައިނަލްއަގުވާމީ ވައިގެ ބަނދަރު، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި، ގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށް އިއުލާނު ކުރެއްވުމަށް އިއްޔެ އެކްސްގައި މުއިއްޒު ކުރެއްވި ޕޯސްޓަށް، އަބްދުﷲ ދީދީ ދެެއްވި ރައްދުގައި ވިދާޅުވީ އިސްލާމްދީނަކީ އަގީދާ އާއި، އަހުލާގާއި، އަޅުކަމުގެ އިތުރުން މުއާމަލާތު (ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯ) ގެ އެންމެހައި ބާބުތަކާއި، އަދި، ސިޔާސަތާއި އިގުތިސާދުގެ އުސޫލުތައް ބަޔާންވެގެންވާ ޝާމިލު ދީނެއްކަން ރައީސްއަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
ގާނޫނުއަސާސީގެ ދެ ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ދައުލަތެެއްކަމަށް ބަޔާން ކޮށްފައިވާއިރު، އެކަން ދެނެގަނެވޭނެ ސުވާލުތަކެއް އަބްދުﷲ ދީދީ ރައީސް މުއިއްޒުއާ ކުރައްވާފައިވެ އެވެ.
"ނޫންކަމަށް ވާނަމަ، މަނިކުފާނު [ރައީސް މުއިއްޒު] އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތްތަވާކަމަކަށް އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދައުލަތް ހިންގަވާކަމަކަށް ނުވާނެ" ސުވާލުތަކަށް ފަހު އަބްދުﷲ ދީދީ ވިދާޅުވި އެވެ.
އިސްލާމްދީނާ އެއްގޮތަށް އަމަލުކުރެއްވުމަށް މުއިއްޒު ހަނދާންކޮށް ދެއްވަމުން ގެންދަވާއިރު، އެމަނިކުފާނު އިންތިހާއަށް ދޮގު ހަދާ ކަމާއި މިވެރިކަމުގެ ބައެއް ވެރިންގެ މައްޗަށް ކުރެވޭ ހިޔާނާތާއި ވައްކަމުގެ ތުހުމަތުގެ އަޑުތައް ވަނީ ގަދަވެފައިވެ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މައިގަނޑު ގޮތެއްގައި މުއިއްޒު ވިއްކީ، އިންޑިއާގެ ނުފޫޒު ރާއްޖެ އަށް އޮތީ ނުރައްކާތެރި ދަރަޖައެއްގައި ކަމަށް ބުނެ، އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރުމާއި، އޭރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެ ކަމުގެ ވައުދެވެ.
މިއިން އެއްވެސް ވައުދެއް ވެސް ނުފުއްދަ އެވެ.
އަބްދުﷲ ދީދީގެ ވަރުގަދަ ސުވާލުތަކެއް: މުއިއްޒުގެ ވެރިކަން އިސްލާމީ އުސޫލަށް ފެތޭތަ؟ އަބްދުﷲ ދީދީގެ ވަރުގަދަ ސުވާލުތަކެއް: މުއިއްޒުގެ ވެރިކަން އިސްލާމީ އުސޫލަށް ފެތޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ