ތިނަދޫ ސީޓީގެ ދަރަޖަ އުވާލަން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރުމަށް އެދި ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފިއެވެ.
އެރަށަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލު ކުރުމަށް އެދި ހުށަހަޅާފައިވަނީ އެ ރަށުގައި 10000 މީހުން ހަމަ ނުވާކަމަށް ބުނެ ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދުއެވެ.
މި މައްސަލައިގައި ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާގެ ނިންމެވުމުގައިވަނީ އެ މައްސަލައަކީ މަޖިލީހުގެ ގާނޫނުން ލިބޭ ބާރަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއް ކަން ހުށަހެޅި މައްސަލައިގެ ލިޔުމުން ބުނެދެވިފައިނުވާ ކަމަށާއި ވުމާއެކު އެ މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ.
ރާގިބު ހުށަހެޅުއްވި މި މައްސަލާގައި ބުނެފައިވަނީ ތިނަދޫގައި 10،000 މީހުން ހަމަވާ ކަމަށް ދައްކާފައިވަނީ ސައްހަ ނޫން ލިޔެކިޔުންތަކުގެ މައްޗަށް ކަމަށާއި އެ ގޮތުން ތިނަދޫގެ އާބާދީއަށް 10،000 މީހުން ހަމަކުރުމަށްޓަކައި ކައުންސިލްގެ ދަފްތަރުގައި މަރުވެފައިވާ 115 މީހަކު ހިމަނާފައިވާ ކަމަށާއި ޑީއެންއާރު އިން ބަލަހައްޓާ އާބާދީގެ ލިސްޓާއި އެރަށު ކައުންސިލްގެ ރަޖިސްޓްރީގައިވާ އާބާދީ ލިސްޓުން ގިނަ ގާނޫނީ މައްސަލަތަކެއް ފާހަގަވާކަމަށް ބުނެފައި ވެއެވެ.
ގދ. ތިނަދޫ އަށް ސިޓީ އެއްގެ ދަރަޖަ ދީފައިވަނީ 31 އޮގަސްޓް 2023 ގައެވެ. އެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ތިނަދުއަށް ވަޑައިގެން ބޭއްވި ޕާޓީ ޖަލްސާއެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ