ބަރުދަނަށް ރަން އެޅިޔަސް ﷲ އަށް ބިރުވެތިވެއްޖެނަމަ ކުރާނެ ފައިދާ މާބޮޑުވާނެކަން އެނގިގެންދާ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކަ-

މިހައި ގިނަ އަންހެނުން މިބައްދަލުވުމުގައިވެސް ތިބުމުން ޤަޞްދުކުރަނީ ޢިބްރަތްތެރި ވާހަކައަކުން ދަރުސް ފަށާށެވެ. މިވާހަކަ މީގެ ކުރީގެ ބައެއް ދަރުސްތަކުގައިވެސް ވާނީ ކިޔައިދީފައެވެ. މިއީ ހަމަ ކޮންމެ އަންހެނަކަށްވެސް ވަރަށް އަގުހުރި ފިލާވަޅެކެވެ. ރަނގަޅަށް އަޑުއަހާށެވެ. 
އޭނާއަކީ މިލިއަނަރެކެވެ. އޭނާގެ އުފަލަކަށްވެފައި އޮންނަނީ ވީހައި ގިނަ އަންހެން ކުދިންނާއި ގުޅި އެކުދިންގެ ކިބައިން އުފާ ހޯދުމެވެ. އެކަމަށް ދެވިހިފާފައި ހުންނަވަރުން ކުރަންޖެހޭ މަސައްކަތްތައްވެސް އޮންނަނީ ނުކުރެވިފައެވެ. އޭނާ ކުރިމަތިލާ ކޮންމެ ކުއްޖެއް ކޮންމެ ގޮތަކުން ނަމަވެސް ކާމިޔާބުކުރެއެވެ. ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނަސް އެކަމަސްވެސް ފަހެއް ނުޖެހެއެވެ. 
މިފަދަ ގޮތަކަށް އުޅެމުން ދިއުމުގެ ތެރޭގައި ގޭގައި ހިނގާ މިހުރިހާ ކަންކަން އަބަދު ދެކެމުންދާ ނޯކަރު އަންހެން ކުއްޖާ އެއްދުވަހަކު ހެނދުނުގެ ކޮފީ ހިފައިގެން ކޮޓަރިއަށް ދިއުމުން އޭނާގެ އުމުރު އެހިއެވެ. 24 އަހަރު ކަމަށް ބުނުމުން އަތުގައި ހިފައި ގާތްކޮށްލަން އުޅުމުން ކުއްޖާ ދުރުވެގަތެވެ. އަދި އެފަދަ ދަށުދަރަޖައިގެ ޢަމަލެއް އޭނާ އާއިމެދު ނުކުރުމަށް އެދުނެވެ. 
އެބަސްތައް ވެގެންދިއައީ އޭނާއަށް ލިބުނު ވަރަށް ބޮޑު ވޭނަކަށެވެ. އެއީ މިހައިތަނަށް އޭނާ އެކުއްޖެއްގެ އަތުގައި ހިފި އެއްވެސް ކުއްޖަކު އެފަދަ ބަހެއް އޭނާއަށް ބުނެފައިނެތުމުންނެވެ. އަދި ސާހިބުމީހާ ކަމަކަށް ބޭނުންވުމުން އެއީ ދަށުދަރަޖައިގެ ޢަމަލެއްކަމަށް ނޯކަރަކު ބުނުމުންނެވެ. 
މިކަމާ ވިސްނަމުން ގޮސް ހެނދުނުގެ ސައިބޯން އިށީނދެފައި އެކުއްޖާއަށް ބުންޏެވެ! "އަހަރެން ހޭލައްވާލައިފީމުއެވެ! އެކަމުގެ އަގު ވަޒަންކޮށްފީމެވެ! އަތުގައި އޮތް އެންމެ ރީތި ހެދުންލައިގެން ނިކަން އައިސްބަލާށެވެ!"
ޖަވާބުގައި އެކުއްޖާ ބުންޏެވެ! "ވަކި ރީތި ހެދުމެއް ކަމަށް ބުނެވޭނެ ހެދުމެއް އަތަކު ނެތެވެ. އަހަރެންނަކީ ފަޤީރަކީމެވެ. ނިކަމެއްޗަކީމެވެ. ނޯކިރީކުރަން އައިސް މިހިރީ އެހެންވެގެންނެވެ. ނިކަމެތިންގެ އަތުގައި ރީތި އަގުބޮޑު ހެދުމާއި ގަހަނާތަކެއް އަދި އަގުބޮޑު ފައިވާނެއްވެސް ނުހުންނާނެއެވެ. ނަމަވެސް ނިކަމެތިންގެ އެންމެ ކުޑަމިނުން ތުންފަތްވެސް ޢިއްފަތްތެރިވާނެއެވެ. ތުންފުއްސަކަށް ނުވާނެއެވެ. ނިކަމެތިންގެ އަތުގައި ހުންނަ އަގުބޮޑު ރީތި އެއްޗެއްސަކީ އެމީހުންގެ ޢިއްފަތްތެރިކަމެވެ. އެމީހުން ކޮންމެ ޙާލެއްގައިވެސް ޢިއްފަތްތެރިކަން ޙިމާޔަތްކުރާނެއެވެ!" 
އަނެއްކާވެސް އޭނާގެ ޖަވާބަކަށްވީ "އަހަރެން ހޭލައްވާލައިފީމުއެވެ. ހަވީރު ރަނގަޅު ޖަވާބެއް ދޭނަމެވެ! ހުށަހެޅުމެއް ވެސް ހުށަހަޅާނަމެވެ!" ބުނެލާފައި ތެދުވެގެންދިއައީ އެވެ. 
ހަވީރު އެނބުރިގެއަށް އައިސް ކޮޓަރިއަށް ދިއުމުން އާދައިގެމަތިން ކޮފީ ހިފައިގެން ގޮސް ކޮފީ ތަށި ބަހައްޓާފައި ހިނގައި ގަތްތަނާ އެދުނީ ގޮނޑީގައި އިށީނދެ ވާހަކަ ދައްކަން ކުޑަކޮށް މަޑުކޮށްލުމަށެވެ. އިށީނުމުން ކޮތަޅެއް ދީފައި އޭގައި ހުރި ހެދުން ރީތިތޯ ބަލާލަން އެދުނެވެ. 
"މިއީ އަހަރެން ފަދަ ނިކަމެތިންނަށް އެކަށީގެންވާވަރަށްވުރެ މާ އަގުބޮޑު ހެދުމެވެ. އަހަރެމެންފަދަ ނިކަމެތި ކުދިން މިފަދަ އަގުބޮޑު ހެދުން ލުމަށް އަމިއްލަ ނަފުސް ޤަބޫލެއް ނުކުރާނެއެވެ." 
"އަހަރެން މިއެދެނީ އެންމެ ކަމަކުއެވެ. އަހަރެން ބުނީތީ ތިއަތަނުން އެންމެ ރީތ ހެދުން މިރޭ ލާށެވެ! މިރޭ ކާން އަހަރެންނާއިއެކު ބޭރަށް ހިނގާށެވެ!" 
"ސާހިބާއެވެ. ސާހިބާ އެދުނު ނަމަވެސް ކުރެވޭނީ ކުރެވެން ހުރި ކަންކަމެވެ. ކައިވެނިނުކޮށް ހިލޭ ފިރިހެނުންނާއިއެކު ބޭރުގައި އުޅުމަކީ އަހަރެމެންފަދަ ފަޤީރު ނިކަމެތިންކުރާނެ ކަމެއް ނޫނެވެ!" 
"ބައްޕައަށް ފޯނުކޮށްފަ އަހަރެންއަތަށް ފޯނުދީބަލާށެވެ!" 
ގުޅާފައި ފޯނުދިނުމުން: "ތިއަ ޢާއިލާގެ އެންމެން އެކުގައި މިރޭ 8 ޖަހާއިރަށް މިގެއަށް އަތުވެދާނަން ހެއްޔެވެ؟ އަހަރެންދޭ ޖާފަތަކަށެވެ!" 
ދަރިފުޅުގެ ޞާޙިބު މީހާ ދިން ދައުވަތަށް ޢާއިލާއެކުގައި ގެއަށް އައެވެ. ވަރަށް ފުރިހަމަ މެހްމާންދާރީއެއް އަދާކުރިއެވެ. ދެން ފެނިގެންދިއައީ މުޅިން ތަފާތު މަންޒަރެކެވެ. ފުރަތަމަ ފެނުނީ  ސާހިބުމީހާ އަމިއްލައަށް ގޮސް ބައްޕަ ގާތު ހުއްޓިފައި ދަރިފުޅާއި ކައިވެނިކުރަން ބޭނުންކަމަށާއި ވަލީ ދޭނަންތޯ ސުވާލުކުރިތަނެވެ! 
ވާނުވާއެއް ނުއެނގިހުރެވެސް ބައްޕަ އާނއެކެވެ ބުނުމުން ދެން ފެނުނީ ސާޙިބުމީހާގެ އަމުރަށް ސާހިބު މީހާ އާއި ކައިވެނިކުރަން ރަންކިޔުއްވަން ނޯކަރު އަންހެންކުއްޖާގާތަށް ދެމީހުން ދިއަ ތަނެވެ. 2 ދިރުހަމަށް ރަންކިޔުމުން ދެން ފެނުނީ ކައިވެނީގެ މަޖިލިސް ތައްޔާރުވެ ކައިވެނިކުރެވުނުތަނެވެ! 
ކައިވެންޏަށް މިހާރު 20 ވަރަކަށް އަހަރުވެދަނެއެވެ. އެދެމަފިރިން ދިރިއުޅެމުން އެގެންދަނީ ނުހަނު ލޯބިންނެވެ. ކައިވެންޏަށްފަހު މިލިއަނަރު އެވަނީ މުޅިން ބަދަލުވެފައެވެ. ކިތަންމެ ގިނައިން އަންހެންކުދިން ލިބުނުނަމަވެސް ހިތްނުފުރުނު ފިރިމީހާވަނީ ޖަވާހިރެއްފަދަ ފިރިއަކަށް ބަދަލުވެފައެވެ. 
300،400 އަންހެނުން ތިބި މި ބައްދަލުވުމުގައި ދީނީ ދަރުސެއް ދިނުމުގެ މަޤާމުގައި ހުރެ މިވާހަކަ މިކިޔައިދިނީ މިއީ ހަމަ ވަރަށް ވަރުގަދަ ދީނީ ދަރުސަކަށްވާތީއެވެ! މިދަރުސް އިން ޢިބްރަތް ޙާޞިލުކޮށްފިނަމަ މުޅި މުޖުތަމައު އިޞްލާޙްވެގެންދާނެއެވެ. އިން ޝާ ﷲ 
މިއަދު ބޭނުންވަނީ އެ ނޯކަރު ކުއްޖާފަދަ ކުދިން އިތުރުވުމަށެވެ. އެހިތްވަރަށެވެ. މިލިއަނަރުގެ ބޭނުން ފުއްދައިދިންނަމަ އެހެންކުދިންނަށް ދޭފަދަ އަގުހުރި ހަދިޔާ ލިބޭނެކަން އެނގިހުރެ އެ ފައިސާތައް ބޭނުން ނުކޮށް އެދައްކައިދިނީ ކޮންފަދަ ފުރިހަމަ ނަމޫނާއެއް ހެއްޔެވެ؟ ޢިއްފަތްތެރިކަން ޙިމާޔަތްކުރުމުން ކޮންމެ އަންހެން ކުއްޖަކު މިލިއަނަރަކަށް ނުވެދާނެއެވެ. ނަމަވެސް ޤިޔާމަތޔް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ހަމަ ޔަޤީނެވެ!
 
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ