"ރާއްޖެތެރޭ ރައްޔިތުން ވަނީ އަޅުގަނޑަށް ހަރާންކޯރު ވެފައި"

އަތޮޅުތެރޭގައި ރައްޔިތުން ރައީސް އިބްރާހީމަށް ވީ ހަރާން ކޯރު ކަމަށް ރައީސް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ނިސްބަތްކޮށް ރައީސް އިބްރާހީމް މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އިއްޔެ ސޯލްޓް ކެފޭގައި ބޭއްވި އެމްޑީޕީ ކެމްޕެއިން ކޯޑިނޭޝަން ބައްދަލުވުމެއްގައި ކުރެއްވި މަޝްވަރާތަކުގައެވެ. މިގޮތުން ކުރިއަށް މިއޮތް ދުވަސްތަކުގައި ކެމްޕެއިންނަށް ރަށްރަށަށް ވަޑައިނުގަންނަވަންތޯ އުތުރުގެ އަތޮޅަކަށް ކަނޑައަޅާފައިވާ ކެމްޕެއިން ކޯޑިނޭޓަރަކު ސުވާލު ކުރެއްވުމުން ރައީސް އިބްރާހީމް ވަނީ އެގޮތަށް ރަށްރަށަށް ވަޑައިގަތުމުގެ މާބޮޑު ބޭނުމެއް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
"ކީއްކުރަންތޯ ދާންވީ.. އެމީހުން [އަތޮޅު ތެރޭ ރައްޔިތުން] އެތިބީ އަޅުގަނޑަށް ހަރާން ކޯރުވެފަ. ކޮށްދިން ކަމެއް ބަލައި ނުގަތް. މި ދަނޑިވަޅު މުހިންމީ މާލެއަށް ފޯކަސް ކުރުން" ރައީސް ވިދާޅުވި ކަމަށް އެތަނުގައި އިންނެވި ބޭފުޅަކު މައުލޫމާތު ދެއްވިއެވެ.
އެކަމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެބޭފުޅާގެ ވެރިކަމުގައި ކުޑަރަށެއް ބޮޑުރަށެއް ބެއްލެވުމެއް ނެތި ރަށްރަށަށް ބޭނުންވާ ގިނަ ކަންކަން ކޮށްދެވުނު ކަމަށާއި ނަމަވެސް އެންމެ ގިނައިން ހަރަދުކުރި ރަށްރަށުންވެސް ހީކުރިވަރެއް ނުވިކަމަށެވެ.
"މަލްޓިޕާޕޯސް ހޯލް, އައުޓްޑޯ ޖިމް, ވޮލީ ކޯޓު, ފުޓްސަލް ދަނޑު.. މިހެންގޮސް ކިޔާނެއް ކަމެއް ނެތް, ކޮން ކަމެއް ނުކުރަނީ. އަޅުގަނޑުމެން ހަވާލުވިއިރު ގިނަ ރަށްރަށުގަ ތިބީ ގައިން ތާހިރުނުވެ. ނަރުދަމާއެއް ނެތް. މިއިން ކަމަކުން ލިބުނު ވޯޓެއް ނެތް" ކޯފަ އިސްވެ ހުންނަވައި ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަމަ ބުރުގެ ވޯޓުލުމަށްފަހު ރައީސް އިބްރާހީމް އަދި މާލެއިން ބޭރަށް އެއްވެސް ރަށަކަށް ކެމްޕެއިނަށް ވަޑައިނުގަންނަވައެވެ. މާލެއިން ބޭރަށް ހަމައެކަނި ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ބައްދަލުކުރެއްވުމަށެވެ. ސަން އައިލޭންޑުގައި 3 ދުވަސް ހޭދަ ކުރެއްވިނަމަވެސް އެ އެދަތުރުފުޅުގައި ރައީސް އިބްރާހީމްކުރެއްވި މަސައްކަތް ދިޔައީ ފަނުފުލުންނެވެ.
އެފަހުން މާލޭގައި ކަންމަތީ ޖަލްސާތައް ބާއްވަމުންދާއިރު މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ޖަލްސާތަކަށް ވަޑައިގަންނަވަނީ ހަމަ އެއްބައެކެވެ. މާލެއަށް ފޯކަސް ކުރައްވަން ރައީސް އިބްރާހީމް ނިންމަވާފައިވާތީ މިހާރު ކޮންމެ ދުވަހަކުވެސް މާލޭގެ ބޮޑެތި އާއިލާތައް ދިރިއުޅޭ ގެތަކަށް އެމަނިކުފާނު ދަނީ ވަޑައިގަންނަވަމުންނެވެ.
އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހީމަށް މާލޭގެ މެޖޯރިޓީވެސް ލިބިވަޑައިނުގަނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ