ރައީސުލްޖުމްހޫރިއްޔާ، މ. ވޭވަށު ކައުންސިލް އަދި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލަކަތޮޅު ވޭވަށު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު މުލަކަތޮޅު މުލަކު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ސިނާޢީ ވިޔަފާރި ބަނދަރެއް ހެދުމަށް ބޭނުންވާކަމަށާއި، ސްކޫލުގެ ޓީޗަރުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މ. ވޭވަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ ރަށުތެރެ ސާފުކުރާ ފަރާތްތަކަށް އުޖޫރަ ދިނުމުގައި ހުރި ގޮންޖެހުންތައް ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ