ފޭލިވީ އެމްޑީޕީގެ ލީޑަރޝިޕެއް ނޫން! ފޭލިވީ ނަޝީދު!

2023 ރިޔާސީ އިންތިހާބުން ފޭލިވެ 2024 ގެ މަޖިލިސް އެމްޑީޕީއަށް ގެއްލުމުން ލީޑަރޝިޕް އިސްތިއުފާ ދޭން ޖެހެނީ ކީއްވެހެއްޔެވެ. އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި މަޖިލިސް މެޖޯރިޓީ ގެއްލުނީ އަލަކަށް ނޫނެވެ.
2008ގައި ލިބުނު ވެރިކަން ދައުރު ހަމަޔަށް ދެބައިނުވެ ގެއްލި މުޅި ޕާޓީ މަގުމަތިވިއެވެ. އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. 2009ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް ވެރިކަމުގައި ތިބެ އެމްޑީޕީއަކަށް ނުހޯދެއެވެ. އެކަމަކު ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. ވެރިކަމުން އިސްތިއުފާދިން ބަގާވާތުގެ ޖަޒްބާތުގައި ރައްޔިތުންގެ ހަމްދަރުދީ އާއި އެކުވެސް 2013ގެ ރިޔާސީ އިންތިހާބުން އެމްޑީޕީ ވީފޭއްޔެވެ. ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. 2014 މަޖިލިސް އިންތިހާބުގައި އެމްޑީއަށް މެޖޯރިޓީއެއް ނުހޯދެއެވެ. އެހެނެއް ކަމަކު އެމްޑީޕީގެ ލީޑަރޝިޕް އިސްތިއުފާއެއް ނުދެއެވެ. އެހުރިހާ ފޭލިވުމެއް ފޭލިވީއިރު ލީޑަރަކަށް ހުރީ ރައީސް ނަޝީދެވެ.
ރައީސް ނަޝީދު ލީޑަރޝިޕްގައި ނެތުމުން ޖެހިޖެހިގެން ދެ އިންތިހާބުން ފޭލިވިއްޔޭ ބުނެ ބަޔަކު ވައްވައް އެބަޖަހައެވެ. އެބަޔަކު އެގޮތަށް ފިތުނަވެރި ޗައްކަރު ޖަހާއިރު މީގެ ކުރިން ދޫކޮށްލި ވެރިކަމާއި ގެއްލުނު އިންތިހާބުތައް ގެއްލިފައި ހުރީ ރައީސް ނަޝީދުގެ ލީޑަރޝީޕްގައިކަން ހަނދާނެއް ނެތެވެ. 
އެންމެ ރަނގަޅެވެ. މިހާރުގެ ލީޑަރޝިޕް ކަޑަވެގެން ލީޑަރޝިޕް ބަދަލުކޮށް އެމްޑީޕީ ރޫޅާލަން ނިކުތް މީހުނަށް އެމްޑީޕީ ހަވާލު ކުރަންވީ ސަބަބެއް ބުނެދީބަލާށެވެ. ހަމަ ގައިމުވެސް އެމްޑީޕީއަށް ރައީސް ނަޝީދުގެ ފުށުންވީ ރަނގަޅަށްވުރެ ލިބުނު ގެއްލުން މާބޮޑެވެ. ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުން ތަކެއް ދިނުމުގެ އިތުރަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގައި ފޭލިވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ވެސް ނަޝީދުވީ ބޮޑުފޭއްޔަކުން ފޭއްޔެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައިސް ސޯލިހު އެމްޑީޕީގެ ޓިކެޓްގައި ނުކުންނަވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެންޑިޑޭޓުންނާ ވާދަކުރައްވާ 86161 ވޯޓް ހޯއްދެވިއެވެ. ރައީސް ނަޝީދު ލީޑްކުރި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ލިބުނީ އެންމެ 15789 ވޯޓެވެ. 
އިދިކޮޅުން ފެތުރިހާ ދޮގާއި އެމްޑީޕީ ފޭލިކޮށްލަން އިދިކޮޅާ ގުޅިގެން ރައީސް ނަޝީދާއި އޭނާގެ އައުވާނުން ކުރި މަސައްކަތުން 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނެވެ. އެމްޑީޕީއަށް އިންތިހާބު ގެއްލުނު ނަމަވެސް ރާއްޖޭގެ ތާރީހުގައި ރިޔާސީ އިންތިހާބެއްގައި ބަލިވި ކެންޑިޑޭޓަކަށް ލިބުނު އެންމެ ގިނަ ވޯޓް ހޯދާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓް ރައީސް ސޯލިހެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް 109868 ވޯޓް ރައްޔިތުން ދިނެވެ. 
އަނެއް ކޮޅުން ވެރިކަމުގެ ނުފޫޒާއި މިލިޔަނުން އެޅި ރިޝްވަތާއި ސަރުކާރުން ބެހިހާ ވަޒީފާއާއި އެމްޑީޕީއާ ދެކޮޅަށް ރައީސް ނަޝީދު ކުރި އެންޓިކެންޕޭނާ އެކުވެސް އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 59 ހާހަށްވުރެ ގިނަވޯޓު ހޯދާފައިވެއެވެ. މަޖިލީހުން ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނީވެސް އެމްޑީޕީއަށެވެ. ރައީސް ނަޝީދުގެ ޑިމޮކްރޭޓްސަށް އެންމެ ގޮނޑިއެއްވެސް ނުލިބުނެވެ.
މިހުރިހާ ހަގީގަތެއް މިހެން ހުރުމުން އެނގެނީ އެމްޑީޕީގެ ލީޑަރޝިޕް ފޭލި ނުވާކަމެވެ. ފޭލިވީ ރައީސް ނަޝީދުކަމެވެ. ނަޝީދުގެ ޖާދޫގައި ޖެހިގެން އުޅޭ މީހުން ކަމެވެ.
ނަޝީދަށް ވެރިކަން ކުރަން ލިބި ނުކުރެވި ވީ ފޭއްޔެވެ. އެމްޑީޕީ އަޅުވެތި ކުރިކުރިމާއި ރޫޅާލަން ކުރި މަސައްކަތުގައި ވެސް ނަޝީދުވީ ފޭއްޔެވެ. އެމްޑީޕީ އަނބުރާ ހޯދަން ނަޝީދު ކައްކާ ގޭހުން ވިރި ހުސްވާނީވެސް ނަޝީދެވެ. ނަޝީދަށް ބާރުނެތް އެމްޑީޕީއެއް ނުބޭއްވުމަށް ދިރުވަން އުޅުނު ފިކުރު މަރުވެ ޑެމްސް ދޮޅިކެނޑި މުޅައަށް ވުމުން އަނބުރާ އެމްޑީޕީ ހޯދަން ނޫޅޭށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ