ރަފަހްގައި ހިންގަމުންދާ އުދުވާން ހުއްޓައިލަން ބައިނަލްއަގްވާމީ ކޯޓުން އަމުރުކޮށްފި
އިޒްރޭލުން ފަލަސްތީނުގެ ރަފަހް ސިޓީ އަށް ހަމަލާދިނުން ވަގުތުން ހުއްޓާލަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީޖޭ) އިން އަމުރުކޮށްފި އެވެ.އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ޔަހޫދީ ފައުޖުގެ މައްސަލަ ހުށަހަޅާފައި ވަނީ ދެކުނު އެފްރިކާއިންނެވެ. ދިވެހިރާއްޖެއިން ވަނީ މި މައްސަލައަށް ތާއީދުކޮށް, ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި ތަދައްހުލްވެފަ އެވެ.އައިސީޖޭ އިން ނެރުނު އަމުރުގައި ވަނީ އިޒްރޭލުން ރަފަހަށް ހަމަލާދިނުން ހުއްޓާލައި، މިސްރާއި ފަލަސްތީނުގެ ގާޒާ ގުޅޭ ސަރަހައްދީ އިމުގައިވާ ރަފަހް ދޮރާށި ހުޅުވާލައި އެހީގެ ތަކެތި ވެއްދުމަށް ފުރުސަތު ދިނުމަށް އަންގާފަ އެވެ. އަދި ތަހުގީގީ ފަރާތްތަކަށް ގާޒާ އަށް އެތެރެވުމުގެ މަގުފަހިކޮށްދިނުމަށާއި މި ފިޔަވަޅުތަކާ މެދު އަމަލުކުރި ގޮތުގެ ރިޕޯޓެއް މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ވެސް އައިސީޖޭ އިން ނެރުނު އަމުރުގައިވެ އެވެ.އައިސީޖޭ އިން ވަނީ ރަފާހުގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށާއި މިހާރުގެ ހާލަތުގެ ސަބަބުން ގާޒާގައި ތިބި ރައްޔިތުންގެ ހައްގުތަކާއި އެމީހުންނަށް ނުރައްކާ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.އިޒްރޭލުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރަފާހް އަށް ބޮން އަޅަން ފަށާފައިވާއިރު އެގައުމުން މީގެކުރިން ވަނީ މިލިޓަރީ އޮޕަރޭޝަނެއް ފަށަން ބޭނުންވާތީ ރަފާހްގައި ދިރިއުޅެމުންދާ އެންމެން ވަޒަން ދޫކޮށް ދިޔުމަށް ވެސް އަންގާފަ އެވެ. ނަމަވެސް މިކަން މިގޮތަށް ނުކުރުމަށް އެތައް ގައުމަކުން އިޒްރޭލު ކިބައިން ވަނީ އެދިފަ އެވެ.އިޒްރޭލުން ބުނީ ރަފާހް އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ތިބި ސަރަހައްދުތަކަށް ކަމަށެވެ. އަދި އެ ސަރަހައްދުތަކުން އާންމުން ފޭބުމަށް ވެސް އިޒްރޭލު ސިފައިން އަންނަނީ އަންގަމުންނެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ގާޒާގެ އެކި ސަރަހައްދުތަކުން އިޒްރޭލަށް އަމާޒުކޮށް ވެސް ވައިގެ ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ.އޮކްޓޯބަރު، 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 35،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ގާތްގަނޑަކަށް 80،000 މީހުން ޒަހަމްވެފައިވާއިރު ގެއްލިފައިވާ މީހުންގެ އަދަދު 10،000 އިން މައްޗަށް އަރަ އެވެ.އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރުން ވަނީ އެ ކޯޓުގައި އެދިފަ އެވެ. އޭނާގެ އިތުރުން ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރު ކުރަން ވެސް ޕްރޮސެކިއުޓަރުން އެދުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ