މެދުއިރުމަތީގެ ވިއްސާރައިގައި އީރާނުގެ ދެކުނުގައި ފެންބޮޑުވެ ކޯރުތަކުން ކިނބޫތައް ނިކުމެއްޖެ!

ފާއިތުވި 75 އަހަރުތެރޭގައި ވެސް ނުވެހޭހާ ބޯކޮށް ވާރޭވެހި ޔޫއޭއީފަދަ ގައުމުތައް ފަނު އަޑީގައި އޮތް އިރު އެވިއްސާރައިގައި އީރާނުގެ ދެނުކު ބިތުގައި ފެންބޮޑުވެ ކޯރުތަކުން ކިނބޫތައް ނިކުމެއްޖެއެވެ.
އޮފިޝަލުން ބުނީ, ކިނބޫތައް ދިރިއުޅޭ ސަރަހައްދުތަކުގެ ކޯރުތައް ފުރިގެ ދިޔަ ވަގުތު ފެންގަނޑު ބޭރުވިޔަ ނުދިނުމަށް ހަދާފައި ހުރި ޑޭމްތައްވެސް ހަލާކުވެފައި ވާ ކަމަށާއި އެއާއެކު ފެންގަނޑު ފައިބައިގެން ގޮސް މަގުތަކުގައި ވެސް ފެންބޮޑޫވެފައި ވާ ކަމަށެވެ.
އެއީ ކިނބޫ އުޅޭ ސަރަހައްދުތަކެއް ކަމުން އެތަކެތި ވީއްލި މަގުތަކުގައި އުޅެފާނެ ކަމަށް އަންދާޒާ ކޮށް އޮފިޝަލުން ވަނީ ފެންބޮޑޫވެފައި ވާ ސަރަހައްދު ތަކާއި ވަލުޖަނަވާރު އުޅޭ ސަރަހައްދުތަކަށް އާންމުން ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ.
ފެންބޮޑޫވުމުގެ މިހާދިސާގައި މިހާރުވެސް 2 މީހަކު މަރުވެފައި ވާ އިރު އީރާނުގެ ރެޑްކްރެސެންޓުން ވަނީ ފެނުގެ ތެރޭގައި މަގުތަކުގައި ތާށިވި ވެހިކަލަކުން 43 މީހަކު ސަލާމަތް ކޮށްފައެވެ.
މި ވިއްސާރަގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ދެކުނު ބޮތުގެ ބަންދަރު އައްބާސް, ކެރްމަން އަދި ސިސްތާން އާއި ބަލޫޗިސްތާން ގައެވެ.
އީރާނުގެ ތިމާވެއްޓާ ބެހޭ އިދާރާއިން ބުނީ ސިސްތާން އާއި ބަލޫޗިސްތާނަކީ ކިނބޫ އާންމުކޮށް ދިރިއުޅޭ ސަރަހައްދު ކަމަށާއި ކޯރުތަކުން ނިކުމެ މަގުތަކުގައި ކިނބޫ އުޅެފާނެ ކަމަށެވެ.
މެދުއިރުމަތީގެ ވިއްސާރައިގައި ދުބާއީ ފަދަ ތަންތަނުގައި 12 އިންޗީގެ ބޯމިނަށް ވާރޭ ވެހި ފެންބޮޑޫވެފައި ވެއެވެ. ޔޫއޭއީއަށް ވެސް 12 ގަޑިއިރުގެ ތެރޭގައި 4 އިންޗީގެ ބޯމިނަށް ވާރޭ ވެހިފައި ވެއެވެ. މިއާއެކު އެކި ޝަހަރުތަކުގައި ފެންބޮޑުވެ ހުރިހާ ހިދުމަތަކަށް ހުއްޓުން އައިއިރު އެއާޕޯޓުތަކާއި މެޓްރޯ ތަކާއި މޯލްތަކާއި އާންމު އިމްރާތްތަކަށް ވެސް ފެން ވަދެ ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. މެދުއިރުމަތިން އޮމާނުން 18 މީހަކު މަރުވި މި ވިއްސާރައިގައި ބަހުރައިން އާއި ގަތަރާއި އަދި ސައުދީގެ ބައެއް ސަރަހައްދު ތަކުގައި ވެސް ފެންބޮޑުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ