ދުނިޔޭގެ ބިލިއާޑް ޗެމްޕިއަނުން ބައިވެރިވާ "މޯލްޑިވްސް އޯޕަން 2024" ލޯންޗުކޮށްފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށް ރާއްޖޭގައި ބާއްވާ "މޯލްޑިވްސް އޯޕަން 2024 - 10 ބޯލް ޗެމްޕިއަންޝިޕް" ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
މި މުބާރާތް ލޯންޗުކުރީ މިއަދު ގައުމީ ބިލިއާޑް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
އަންނަ ޖޫން މަހުގެ 10 އިން 14 ގެ ދުވަހުގެ ނިޔަލަށް މާލެ ސިޓީގައި ބާއްވާ މި މުބާރާތުގައި 96 ކުޅުންތެރިން ވާދަކުރާނެއެވެ. އެގޮތުން ބައިނަލްއަގުވާމީ 80 ކުޅުންތެރިންނާއެކު މުބާރާތުގައި 16 ދިވެހި ކުޅުންތެރިން، އެކި ކެޓެގަރީތަކުގައި ވާދަކުރާނެއެވެ. އަދި މި އަހަރުގެ މުބާރާތަގައި ދުނިޔޭގެ ފަސް ޗެމްޕިއަނުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިންނާއެކު، އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިން މި އަހަރުގެ މުބާރާތުން ފެނިގެންދާނެއެވެ. އަދި ޔޫރަޕުގެ ކުޅުންތެރިން ހިމެނޭހެން މި މުބާރާތުގައި 25 ގައުމެއްގެ ކުޅުންތެރިން ވާދަކުރާނެއެވެ.
މިއީ މޯލްޑިވްސް އޯޕަން ބިލިއާޑް މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި މުބާރާތުގައި 24 ގައުމަކުން 64 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. އެ އަހަރުގެ މުބާރާތް ފަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްދިޔައިރު، ސޯޝަލް މީޑިއާއިން ފަސް މިލިޔަނަށް ވުރެ ގިނަ މީހުން މުބާރާތް ބަލާފައިވާ ކަމަށް އެމްޕީބީއޭއިން މައުލޫމާތުދެއެވެ.
ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތުގެ ގޮތުގައި މިދިޔަ އަހަރުގެ މުބާރާތް ފާހަގަކޮށްލެވުނުއިރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނީސް ޓައިޕޭގެ ކޯ ޕިން ޗަންގްއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ފިލިޕީންސްގެ ޔޯހަން ޗުއާއާ ވާދަކޮށް 10-8 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި އެ މުބާރާތުގެ ގަދަ 32 ކުޅުންތެރިން ތެރޭގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ހަސަން ޝާޒް މުޙައްމަދު ވަނީ ހިމެނިފައެވެ. މިއީ ރާއްޖޭގެ ބިލިއާޑުގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ