މަޝްއަރު ޓުއާސްއާއެކު ޢުމްރާއަށް ދިޔަ މީހުންނަށް ކުރިއަށް އޮތް 2 ދުވަސްތެރޭ ރާއްޖެއަށް އާދެވޭނެ

"މަޝްއަރު ޓުއާސް"ގެ ހަވާލުގައި މިރަމަޟާންމަހު ޢުމްރާއަށް ދިޔަ އެންމެންނަށް ކުރިއަށް އޮތް 2 ދުވަސް ތެރޭގައި ރާއްޖެއަށް އާދެވޭނެކަމަށް މަޝްއަރު ޓުއާސްގެ ވެރިޔާ އަލީ ފާރިޝް ބުނެފިއެވެ.
މަޝްއަރު ޓުއާސްގެ ދަށުން މި ރަމަޟާންމަހު ޖުމްލަ 56 މީހުން ޢުމްރާއަށް ދިޔައެވެ. މީގެތެރެއިން މާލެ ނާދެވި މައްކާގައި 48 މީހުންނަށް މަޑުކުރަން ޖެހިފައިވެއެވެ. މަޝްއަރުންވަނީ އެމީހުން އަމިއްލައަށް ޓިކެޓް ނެގުމަށްވެސް އަންގާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން "މަޝްއަރު ޓުއާސް"ގެ ވެރިޔާ އަލީ ފާރިޝް ބުނީ، އުމްރާއަށް ދިޔަ އެންމެންނަށް ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި އަނބުރާ މާލެ އާދެވޭނެކަމަށެވެ. އޭނާ ބުނީ 42 މީހަކަށް މިހާރު ޓިކެޓް ހަމަޖެހިފައިވާކަމަށެވެ.
އަލީ ފާރިޝް ބުނީ މީގެތެރެއިން 15 މީހުން މިރޭ 10 ޖަހާއިރު އޮންނަ ޤަތަރު އެއަރވޭސްގެ ފްލައިޓުން ރާއްޖެ އަންނާނެކަމަށާއި، ބާކީތިބި 27 މީހުންނަށް މާދަމާ މާލެ އާދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި ޓިކެޓް ހަމަނުޖެހި މިހާރު ތިބީ 9 މީހުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މީގެތެރެއިން %93 މީހުން ޓިކެޓް ހަމަޖައްސާފައިވަނީ އަމިއްލައަށެވެ. މަޝްއަރު ޓުއާސްއިން ބުނީ 30 ދުވަހުގެ ތެރޭގައި މިމީހުންނަށް ޓިކެޓް ފައިސާ އަނބުރާ ދޭނެކަމަށެވެ.
މަޝްއަރު ޓުއާސްއާއެކު ޢުމްރާއަށް ދިޔަ މީހުން ދިޔައީ ދެކޮޅު ޓިކެޓަށް ފައިސާ ދައްކައިގެންނެވެ. ފާރިޝް ބުނީ ޢުމްރާވެރިންނަށް މާލެ ނާދެވި ލަސްވީ އެއްފަހަރާ ޓިކެޓް ފައިސާ ދައްކަންޖެހި ނުދެއްކުމުންކަމަށެވެ.
"އަޅުގަނޑުމެން ހުރީ ކޮންފާމް ޓިކެޓް ނަގާފައި. ވިޔަފާރި ދެއްތޯ މިއީ ހަޤީގަތުގައިވެސް. އަޅުގަނޑުމެން ނަގާފައި ހުރި ޓިކެޓްތަކަށް އެއްބައި ފައިސާ ދައްކާފައި ހުންނާނީވެސް. އެބޭފުޅުން އެންމެ ފަހު ވަގުތު މިޑިމާންޑް ކުރަނީ އެއްކޮށް ފައިސާ ނުދައްކަނީސް އަޅުގަނޑުމެންގެ ޓިކެޓްތައް ކެންސަލް ކުރާނެކަމަށް. 9 ލައްކަ ރުފިޔާ ދައްކަން ޑިމާންޑް ކުރީ. 9 ލައްކަ ރުފިޔާ އެއްފަހަރާ ނުދެއްކުނީމަ އެބޭފުޅުން ކެންސަލް ކުރީ އިނގޭތޯ ޓިކެޓްތައް." ފާރިޝް ބުންޏެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހުވެސް އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ޢުމްރާއަށް ދިޔަ ބައެއް ޢުމްރާ ވެރިންނަށް މާލެ ނާދެވި ވަނީ މަޑުކުރަން ޖެހިފައެވެ. އެފަހަރު ޗެކް ބައުންސްވި މައްސަލާގައި އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ