ކޮންމެ ސިކުންތެއް ވެސް ހޭދަކުރާނީ ތެދުވެރިކަމާއެކީގައި

ކޮންމެ ސިކުންތެއް ވެސް ހޭދަކުރާނީ ތެދުވެރިކަމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެހެން ސަރުކާރުތަކުން ކުރާހެން ރިޔާސީ އިންތިހާބު ބޯމަތިވުމުން ތެޅިފޮޅިގަނެގެން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ބޭނުން ނުވާ ކަމަށާއި ބޯހިޔާވަހިކަން ނުލިބޭ އެކަކު ވެސް ދައުރު ނިމޭއިރު ނުބަހައްޓާނެ ކަމަށް ވައުދުވި ކަމަށެވެ.
އެ ވައުދު ފުއްދުމަށް ދައުރުގެ ކުރީކޮޅު މަސައްކަތް ފަށަންޖެހޭ ކަމަށާއި އެގޮތުން ވެރިކަމުގެ ފުރަތަމަ މަހު ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ، އެއްގޮތަކަށް ވެސް ގިރާވަރު ފަޅާއި ގުޅިފަޅު އަދި ހުޅުމާލެ ދޫކޮށްލާފައި ކުރަން ފެށި ކަމެއް ނޫން ކަމަށާއި މިވަރަށް ސާފުކޮށް ހުންނަ ކަންކަން އިދިކޮޅުން އޮޅުވާލުމަކީ ޣައިރު ޒިންމާދާރު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަމައެކަނި ހުޅުމާލެ އާއި ގިރާވަރުފަޅާއި ގުޅިފަޅުގެ ބިން ހިއްކައިގެން، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައެއް ހައްލެއް ނާންނާނެ ކަމަށާއި އެ ބިންތަކުން އިތުރަށް ހިއްކައި، ފުށިދިއްގަރު ވެސް ހިއްކަން ފެށީ ގިނަ ބަޔަކަށް ދައުރު ނިމުމުގެ ކުރިން ގޯތި ދިނުމަށް ކަމަށެވެ.
"އަޅުގަނޑު ކުރާ ކަމެއް ކުރާނީ އިހްލާސްތެރިކަމާއެކުގައި. އަޅުގަނޑު ބޭނުން ވަނީ މާތްﷲ ގަންދީ 17 ނޮވެމްބަރުގައި ކުރި ހުވާގެ މަތީގައި ކޮންމެ ސިކުންތެއް ވެސް ހޭދަކުރަން، ތެދުވެރިކަމާ އެކީގައި،" ރައީސް ވިދާޅުވި އެވެ.
މި ޖަލްސާގައި ރައީސް ވަނީ މާލޭގެ މަޖިލީހުގެ ގޮނޑިތައް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދީފިނަމަ ބާރު ސްޕީޑުގައި މިކަން ނިންމާނެ ކަމަށާއި އެކަމުގައި ރައްޔިތުން ޝައްކު ނުކުރެއްވުމަށް ވެސް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ