އިންޑިއާ ހޮސްޕިޓަލްތަކުގެ އިލްތިމާސް ދިވެހިންނަށް، އޮޕަރޭޝަނަށް ދާނަމަ މެޑިކަލް ވިސާ ހޯދާ
ރާއްޖޭން އިންޑިއާއަށް ބޭސް ފަރުވާއަށް ދާ މީހުންގެ ތެރެއިން އޮޕްރޭޝަނެއް ކުރަން ޖެހޭނެކަން އެނގި ދާ މީހުން މެޑިކަލް ވިސާގައި ދިއުމަށް އިންޑިއާގެ ހޮސްޕިޓަލްތަކުން އިލްތިމާސްކޮށްފި އެވެ. އާޓް ގެލެރީގައި މިހާރު ފެށިގެން ކުރިއަށްދާ ހެލްތް އެންޑް މެޑިކަލް އެކްސްޕޯގައި އިންޑިއާގެ ގިނަ ހޮސްޕިޓަލުތަކަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ދިވެހިން ގިނަ އަދަދަކަށް ދާ އާނަންތަޕޫރީ އަދި ގްލޯބަލް ހޮސްޕިޓަލް ވެސް ހިމެނެ އެވެ. ގްލޯބަލް ހޮސްޕިޓަލުގެ ފަރާތުން 'ސަން' އާ ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދާ ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވިސާގެ މައްސަލަ ކަމަށެވެ. އެގޮތުން އޮޕަރޭޝަނަށް ދާ ފަރާތްތަކުން ޓުއަރިސްޓް ވިސާގައި ދިޔުމުން އޮޕަރޭޝަން ނުކުރެވި އަލުން އަނބުރާ އަންނަން ޖެހޭ ފަހަރު ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. "ބައެއް މީހުން އެބަ އާދޭ އޮޕަރޭޝަން ކުރަން ޖެހޭކަން އެނގި ހުރެ ޓުއަރިސްޓް ވިސާގައި އޮޕަރޭޝަނަކީ ދެ ދުވަހުން ކުރެވޭ އޮޕަރޭޝަނަކަށް ވިޔަސް މެޑިކަލް ވިސާގައި ނާންނަނީސް އެޑްމިޓެއް ނުކުރެވޭނެ. އެހެންވީމަ ދިވެހިންނަށް ހަމަ އިލްތިމާސް ކުރަން މެޑިކަލް ވިސާގައި އަންނަން،" ގްލޯބަލް ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ. އިންޑިއާގެ ހޮސްޕިޓަލުތަކުން ފާހަގަކުރާ ގޮތުން ދިވެހިން އެންމެ ގިނައިން އިންޑިއާއަށް ދަނީ ކިޑްނީ އަދި ބަނޑުގެ އޮޕަރޭޝަންތަކަށެވެ. ހާއްސަކޮށް ކިޑްނީގެ އޮޕަރޭޝަންތަކަށް ދާ މީހުން ގިނަ ކަމަށް ގްލޯބަލް ހޮސްޕިޓަލުން ބުންޏެވެ. މީގެ އިތުރުން ވެސް އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް ބޭނުންވާ އެތައް މައުލޫމާތުތަކެއް އާޓް ގެލެރީގައި ކުރިއަށްދާ މެޑިކަލް އެކްސްޕޯގައި އެ ހޮސްޕިޓަލެއްގެ ބޭފުޅުން ދެއްވާނެ އެވެ. އެ ހޮސްޕިޓަލަށް އެޕޮއިންޓްމެންޓް ހައްދާނެ ގޮތާއި، ޑޮކްޓަރަށް ދެއްކުމުގައި ހަދަން ޖެހޭ ގޮތާއި، ޓެސްޓުތަކެއް ހެދުމަށްފަހު ނަތީޖާ ހޮސްޕިޓަލަކަށް މެއިލް ކޮށްގެން ބެލޭނެ ގޮތުގެ މައުލޫމާތު ވެސް ލިބެން ހުންނާނެ ކަމަށް އެކްސްޕޯ އިންތިޒާމް ކުރާ އެމްވީ މެޑިކަލްސްއިން ބުންޏެވެ. މާދަމާ އެކްސްޕޯ ފެށިގެން ކުރިއަށްދާނީ ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ