ގައުމުދާ މިސްރާބު ބަދަލުކުރަން މައުމޫން ގޮވާލައްވައިފި

ގައުމުގެ ކަންތައްތައް މިއަދު ހުރީ އެންމެ އެދެވޭ ގޮތަކަށް ނޫން ކަމަށާއި އެހެން ކަމުން ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް ޓަކައި ޤައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ، މިވަގުތު އެންމެންގެ މައްޗަށް ލާޒިމްވެފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ގައުމީ ދުވަހަކީ، ގައުމުގެ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް، ގައުމަށް ހެޔޮ ގޮތްތައް ގެނައުމަށް ޢަޒުމް ކަނޑައަޅަންވީ ދުވަހެއް ކަމަށެވެ. އަދި މިވަގުތު ގައުމު މިދާ މިސްރާބާ މެދު ގައުމުގެ ރައްޔިތުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. "އަޅުގަނޑުމެންގެ މި ލޮބުވެތި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، (ޕީޕީއެމް) އަޅުގަނޑުމެން އުފައްދާފައި މިވަނީ ވަރަށް މުހިންމު ގައުމީ އަދި ސިޔާސީ މަގްޞަދުތަކެއް ހާސިލު ކުރުމަށް ޓަކަ އެވެ. މިވަގުތު ޤައުމު މިދާ މިސްރާބާ މެދު ގައުމުގެ ރައްޔިތުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެ އެވެ. އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް ޓަކައި ގައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ، މިވަގުތު އަޅުގަނޑުމެން އެންމެންގެ މައްޗަށް ލާޒިމު ވެފައިވާ ކަމެކެވެ،" މައުމޫންގެ ބަޔާނުގައިވެ އެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމްދީން ރައްކާތެރިކޮށް، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ދަމަހައްޓައި، ދިވެހީންގެ އަތްމަތީގައި ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ހިފަހައްޓައި، ރާއްޖޭގައި ހަރުދަނާާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކޮށް، ރައްޔިތުންގެ އަސާސީ ޙައްގުތައް ޙިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ހަރުދަނާކޮށް، ޢަދުލު އިންސާފު ކަށަވަރު ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ގައުމީ ވާޖިބެއް ކަމަށެވެ. އަދި ގައުމުގެ މިހާރާއި މުސްތަގްބަލަށް ޓަކައި އިތުރު އަޒުމަކާ އެކު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާ ކަމަށް ވެސް އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވީ ގައުމީ ދުވަސް ފާހަގަ ކުރަމުން ދާއިރު އެމަނިކުފާނުގެ ޒިކުރާ އައު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށެވެ. އަދި ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދާ މެދު ދިވެއްސަކަށްވީތީ ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީ ވެސް އެ މަނިކުފާނު ފަދައިން ގައުމަށް ޓަކައި، ގައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ތިބި ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ