ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ ދިވެހި ރައްޔިތުންގެ ގަޔަށް ބަޑި ނުޖެހުމަށާއި އަނިޔާވެރިކަމާއި ހަތިޔާރުގެ ބޭނުންކޮށްގެން އަދި ބޭރު ނުފޫޒުން ދިވެހި ރާއްޖޭގެ ވެރިކަން ދެމެހެއްޓުމަށް ބޭނުންވެވަޑައި ނުގަންނަވާތީ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާއްދީއްތަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ “ރާއްޖޭގެ ރައްޔިތުން ގަޔަށް ބަޑި ޖަހާފައި އަޅުގަނޑުމެންގެ ދަމަހައްޓަންވީ ވެރިކަމެއް ނޯންނާނެ” ކަމަށެވެ.
އަދި 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގައި އީވާން ނަސީމް މަރާލައި ދިވެހި އެތައް ބަޔެއްގެ ގަޔަށް ބަޑި ޖަހައި ހިންގި ލޭއޮހޮރުވުމަކީ އެއިރުގެ ވެރިކަން ދިފާއު ކުރުމަށް ނެރުނު އަމުރުތަކެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
މާފުށި ޖަލުގައި ބަޑި ޖަހައި ހަތިޔާރެއް ނެތް ދިވެހި ދަރިން ތަކެއް މަރާލުމަށް ފަހު ޑިމޮކްރަސީގެ ރޫހު އާލާވެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ހަރަކާތްތެރި ވާން ފެށި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ “ރާއްޖޭގެ ވެރިކަމަކީ ރައްޔިތުންގެ އިހުތިރާމާއި ރައްޔިތުންގެ ލޮތްބާ ރައްޔިތުންގެ ރުހުމާއެކީގައި އުފެދިގެން އަންނަ ވެރިކަމެއް އަދި ހިނގަމުންދާ ވެސް ވެރިކަމެއް. ގާނޫނު އަސާސީ ގައި އެވެރިކަން އަބަދަށްމެ ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބާގައިކަމާސް ޞަރީޚަ އިބާރާތުން ބަޔާންކޮށްފައިވޭ”ކަމަށެވެ.
މީގެ އިތުރުން ފެބްރުއަރީ 7 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް ނުކިޔަމަންތެރިކަން ދައްކަމުން އެއްވެތިބި ފުލުހުންނަށާއި ސިފައިންނަށް އަމުރުކުރާން ތިބި ކޮމާންޑަރުން ސާބިތު ކަމާއެކީގައި އެކަން ކުރައްވާން އެޅުއްވި ނަމަ އެކަން އޮންނާނީ ކުރެވިފައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކަންތައް ވަރަށް ބޮޑު ދަރަޖައަކަށް ގޯސްވުމަށްފަހުގައި ބަޑި ގުދަނުގައި އަތްލުމަށް ސިފައިންގެ ބަޔަކު އެދޭނެ ކަމަށް އެނގިވަޑައިގަންނަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑު ދުށީ ރައްޔިތުން ގަޔަށް ބަޑި ޖެހުމަކީ ހަމަ ގައިމުވެސް އަޅުގަނޑު ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެނެއް އަނިޔާވެރިކަމާއެކީގައި ވެރިކަން ދެމެހެއްޓުން އުފެއްދުން އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އަޅުގަނޑުމެން ޕާޓީގައިވެސް އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލު ކުރާނެ މަފްޙޫމެއްވެސް ނޫން” ނަޝީދު ވިދާޅުވި އެވެ.
އަދި އެމްޑީޕީ އާއި އެ މަނިކުފާނުގެ ވެރިކަން އުފެދިގެން އައީ އިންސާނީ ހައްގުތައް ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދިނުމަށާއި އަނިޔާވެރިކަމާ ދެކޮޅަށް ކަމުގައި ވިދާޅުވިއެވ. އަދި އަނިޔާ ކުރުމަށް އަމުރު ކުރުމަކީ އެމަނިކުފާނު އެއްގޮތަކަށްވެސް ރުހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަދް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ އާންމުކޮށްފައިވާ ޔައުމިއްޔާތަކުގެ ތެރެއިން ފެބްރުއަރީ 7 ވަނަ ދުވަހު މާލެ އެރިޔާ ކޮމާންޑަރ ބރިގޭޑިއަރ ޖެނެރަލް އިބްރާހިމް ދީދީ ވެސް ވިދާޅުވެފައި ވަނީ ހަތިޔާރުގެ ބޭނުން ކުރެއްވުމަށް ރައީސް ނަޝީދު ވަރަށް ބޮޑަށް އިންކާރު ކުރައްވައި “ވިދާޅުވީ ތިމަންނާގެ ވެރިކަން ސަލާމަތް ކުރުމަށްޓަކައި ތިމަންނަ އެއްގޮތަކަށް ވެސް ލީތަލް ވެޕަން ބޭނުން ކުރާކަށްބޭނުމެއް ނޫނޭ. އަޅުގަނޑު ދެކެ ކޯފާވެސްވި” ކަމަށެވެ.
އުސް ފަސްގަނޑުގައި ވާހަކަ ދައްކަވަމުން އިސްތިއުފާ ދެއްވުމަށް މެދުވެރިވި އެހެން ސަބަބެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވީ އިސްތިއުފާ ނުދެއްވައިފިނަމަ ދިވެހި ވެރިކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރަފާނެ ކަމުގެ ބިރުވެރިކަން އޮތުމުން ކަމުގައެވެ. ފެބްރުއަރީ 7 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ސަރުކާރު ދެމެހެއްޓުމަށް އެހީވެދިނުމަށް އެކުވެރި އެތައް ދައުލަތްތަކުން އެދެމުން ދިޔަކަމަށާއި ހަތިޔާރާ ނުލައި އެކަން ކުރެވެން ހުރިކަމަށްވެސް އެކުވެރި ދައުލަތްތަކުން ބުނަމުން ދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި އެމަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތުގައި އުފެދިފައި އޮތް މައްސަލައަކީ ދިވެހީންގެ މައްސަލައެއްކަމާޢި އަދި ދިވެހީންގެ ކަމެއްގެ ގޮތުގައެވެ. އެމަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތުގައި “ދިވެހީންގެ ދާޚިލީ ކަމެއް ހައްލު ކުރުމަށް ބޭރުގެ ބާރެއް ދިވެހިރާއްޖެއަށް ގެނައުމަކީ އަޅުގަނޑު ދުށްގޮތުގައި ކުރުން ބުއްދިވެރި ކަމެއް ނޫން. ރަނގަޅު ކަމެއް ނޫން.” ކަމުގައެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ފާއިތުވީ ހަފްތާގައި ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ޔައުމިއްޔާތައް އާންމު ކުރުމުން ސަރުކާރު ބަދަލުވެގެން ދިޔަ ގޮތުގެ އިތުރު މައުލޫމާތު އެނގިގެން ދާކަމަށާއި އަދި އެ ބަޔާންތައް ދެއްވި ބޭފުޅުންނަށް ޝީދު ޝުކުރު އަދާ ކުރައްވާ އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އިސްތިއުފާ ދިނީ ރައްޔިތުން ގަޔަށް ބަޑި ޖަހައި، ބޭރުގެ ނުފޫޒު ގެންނަން ބޭނުން ނުވާތީ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ