އެއީ ވަރަށް ގާތް އެކުވެރިންގެ ގޮތުގައި އުޅުނު ދެއަންހެނުންނެވެ. ކައިވެނިކުރީވެސް އެއްގެއިގެ ދެބެއިންނާއިއެވެ. އެއީ ދެބެއިން ކަމުގައިވީނަމަވެސް އެކަކު ހުރީ ކިޔަވައިގެންނެވެ. އަނެކަކު ހުރީ ނުކިޔަވައެވެ.
ވަސީގެ ފިރިމީހާއަކީ ކިޔަވައިގެން ހުރި މީހާއެވެ. ވަސީގެ ފިރިމީހާ ވަޒީފާ އަދާކުރެއެވެ. ނަމަވެސް އަނެކަކު މާބޮޑު މަސައްކަތްތަކެއް ނުކުރެއެވެ. ކޮންމެ ދުވަހަކު ކުރާ މަސައްކަތުން ކިރިޔާ އުޅެލެވެނީއެވެ. އެހެންވެ ވަސީގެ ދެމަފިރިން އެދެމަފިރިންނަށް ޚަރަދުވެސް ކުރެއެވެ.
ވަސީއަށް ފުލުފުލުގައި 3 ކުދިން ލިބުނެވެ. ދޮށީ ދަރިފުޅު ސްކޫލަށް ވައްދާ ޢުމުރަށް އެޅުމުން ދެމަފިރިން ޤަޞްދުކުރީ އަވަށް ދޫކޮށް ސިޓީއަށް ގޮސް ވަޒަންވެރިވެ ކުދިންނަށް ކިޔަވައިދޭށެވެ. އެކަމަށް ތައްޔާރުވަމުން ދަނިކޮށް ކުއްލިއަކަށް ހުމެއް ޖެހިފައި ދޮށި ދަރިފުޅު ނިޔާވުން ވެގެން ދިއައީ ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ.
އެއިރު އަނެއް ދެމަފިރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅުގެ ޢުމުރަކީ 3 އަހަރެވެ. އެއް ދުވަހަކު ކުއްލިއަކަށް ހުމެއް އައިސްފައި އެކުއްޖާވެސް ނިޔާވީއެވެ. އެހެންވެ މުޅި ޢާއިލާ ދިއައީ އެކަމަށް ހިތާމަކުރަމުންނެވެ.
ކޮންމެއަކަސް އެކުއްޖާ ހިނަވައި ޖަނާޒާގެ ކަންކަން ފުރިހަމަކުރަން ގެނެވުނު މިސްކިތެއްގެ އިމާމް އެކަމުގެ ތެރޭގައި އުޅެމުން ތަނެއްގައި އިށީނދެ ކިޔަވަން ފެށިއެވެ. ކިޔަވަމުން ގޮސް ގެއިން ބޭރަށް ނުކުތެވެ. އަދި ބޭރުގައި ހުރެގެން އިރުކޮޅަކު ކިޔަވާފައި ކުޑަވަރެއްގެ ސަރަޣައްދެއްގައި ރޮނގެއް އަޅާފައި އެސަރަޙައްދު ކޮންނަން ބުންޏެވެ.
ކޮނުނީމާ ފެނުނީ ސިޙުރުތަކެއް ހުރި ރަބަރު ކަރުދާސްގަނޑެކެވެ. އެހިފައިގެން ގެއަށް ވަދެ އިމާމް ބުންޏެވެ. "އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި މިސިޙުރު ހެދީ ދުރުމީހެއް ނޫނެވެ. މިގޭގައި އޫޅޭ މީހެކެވެ. އެމީހަކު އަމިއްލައަށް މިކަމުގެ ވާހަކަ މިހާރު ކިޔައިދޭށެވެ. ކިޔައި ނުދިނިއްޔާ ކިޔުއްވަން ކުރެވިދާނެ ކަންކަންވެސް އެބަ ހުއްޓެވެ."
އެހިސާބަށް ދިއުމުން ވަސީގެ އެކުވެރިޔާ (މަރުވެފައިވާ ކުއްޖާގެ މަންމަ) ބުންޏެވެ. "ތިއަ ގޯސް ހެދުނީ އަހުރެންނަށެވެ. އަހުރެންގެ ހިތުގައި އެކުވެރިޔާގެ ދެމަފިރިންނަށް ޙަސަދަވެރިކަން އުފެދި މާބޮޑުވީއެވެ. އަވަށް ދޫކޮށް ސިޓީއަށް ބަދަލުވާން އުޅޭތީއެވެ. އެކުވެރިޔާގެ ދޮށި ދަރިފުޅު މަރުވީވެސް އަހުރެން ހެދި ސިހުރަކުންނެވެ. ތިއަ ސިޙުރަކީ ދެވަނަ ދަރިފުޅު މަރާލަން ހެދި ސިހުރެވެ. ނަމަވެސް ކަންދިމާވިގޮތުން ސިޙުރު ޖެހުނީ އަހުރެމެންގެ ދަރިފުޅަށެވެ. ވީމާ ދެދަރިންވެސް އެމަރުވީ އަހުރެންގެ ސަބަބުންނެވެ. އަހުރެން މީހަކު ގާތުން ދަސްކޮށްގެން ހެދި ސިޙުރަކުންނެވެ."
އިމާމް ބުންޏެވެ. "ފުދި އިތުރުވެއްޖެއެވެ. އަހުރެންނަސް މިގޭގައި މައްސަލައެއް އެބައުޅޭކަމަށް ޝައްކުވީ މިގޭތެރެއިން ފެނުނު އަނދިރިކަމަކުންނެވެ. އެބާވަތުގެ އަނދިރިކަމަކީ ވަރުގަަދ ސިޙުރަކާއި ގުޅިގެން ނޫނީ ފެންނާނެ އެއްޗަކަށް ނުވާތީ އަހުރެން މަސައްކަތްކުރީ ގެއަށް ރުޤްޔާކުރެވޭތޯއެވެ. ފެނުނު ކަމެއް ފެނިގެން އެދިއައީ ރުޤްޔާކުރުމުގެ ތެރެއިންނެވެ. ސިޙުރުހަދާ މީހުންނަށް މަރުގެ އަދަބު ޙައްޤުވާނެއެވެ. ނަމަވެސް މީނާއަށް އަނިޔާ ނުކޮށް ތައުބާވާން ދޫކޮށްލާށެވެ! އިރާދަކުރެއްވިއްޔާ އޭނާގެ އުނދަގުލެއް ދެން ނުފޯރާނެއެވެ."
އެންމެންނަށްވެސް ބުނާނެ އެއްޗެއް ނުއެނގި ބަސްހުއްޓިފައި ތިބެވުނީއެވެ. އެންމެ ގާތް އެކުވެރިޔާއެވެ. އުޅެމުން އައީ އެއްގޭގައެވެ. އޭނާއަށް ބޭނުންވިހައި ކަމެއް ކޮށްދީގެންނެވެ. ނަމަވެސް އޭނާގެ ކިބައިން މިފެނުނީ މީހެއްގެ ކިބައިން ފެންނާނެ ހުރިހާ ނުބައި ކަމެކެވެ. ދެން ބުނަން އޮތީ ކީކޭހެއްޔެވެ؟
މިވާހަކައިގެ ވީޑިއޯގައި ފެންނަނީ އެކަން ހިނގިތާ 3 ދުވަސްވަރު ފަހުން އެއަންހެން މީހާ ދުނިޔެއިން މޮޔަވެ އަމިއްލަ ހަށިގަނޑަށް އަނިޔާކުރަމުން މަގުމަތީގައި ހިނގާ ތަނެވެ. ބުނެފައިވަނީ ކުރެވުނު ބޮޑު ކުށަށް ވިސްނަން ހަދައިގެން އޭނާގެ ސިކުނޑި ގޮވީކަމަށެވެ.
އެކުގައި އުޅެމުންވެސް އަދި އެކުގައި ނުއުޅެވެސް މީސްމީހުންނަށް ޙަސަދަވެރިވެ ސިޙުރު ހައްދުވާ މީހުންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- ޢިބްރަތްތެރި ވާހަކަ
ހުރިހާ ކަމެއް ކޮށްދޭއިރުވެސް ޙަސަދަވެރިވެ އެންމެ ގާތްއެކުވެރިޔާގެ ދަރިން މަރަން ސިޙުރުހެދި އަންހެނެއްގެ ދަރިފުޅު މަރުވެ އޭނާ ދުނިޔެއިން މޮޔަވި ގޮތުގެ ޥާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ