ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ ވާދަކުރުންތައް ކަަމަށްވާ އެލް ކްލެސިކޯގެ މެޗެއް ރޭ އެ ނިމުނު ގޮތަށް ނިމުނީމާ އެ ވާނީ ވަރުގަދަ ފުޓްބޯޅައަށެވެ. ސްޕެއިންގެ އެންމެ ތާރީހީ ފުޓްބޯޅަ މުބާރަތް، ކޮޕާ ޑެލް ރޭގެ ފައިނަލްގައި ރޭ ބާސެލޯނާ މޮޅުވީ 2-2 އިން އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ވެސް އެންމެ ފަހު ވަގުތުކޮޅުގަ އެވެ.
މެޗުގެ ފޯރި އެހާ ގަދަ އެވެ. ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް އާއި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ މިހާތަނަށް ވާދަކުރި ތިން ކްލެސިކޯ ވެސް އެ ނިމުނީ ފްލިކްގެ ކޮޅަށެވެ. މިއީ ފްލިކަށް ބާސެލޯނާގައި މިހާތަނަށް ލިބުނު އެންމެ މުހިންމު ތައްޓެވެ. އޭގެ އިތުރުން ލީގުގައި މި ވަގުތު އޮތީ ރެއާލްއަށް ވުރެ ހަތަރު ޕޮއިންޓް ކުރީގައި އެއްވަނައިގަ އެވެ.
ހަތަރު ވަނަ ކްލެސިކޯ އޮންނާނީ ލީގުގައި ބާސެލޯނާގެ ދަނޑުގަ އެވެ. މިއީ ލީގު ކަށަވަރުވާނެ ބަޔަކު ވެސް އެނގޭނެ ބޮޑު މެޗު ކަމަށް ލަފާކުރެވެ އެވެ.
ރޭގެ ފުރަތަމަ ހާފުގައި ބާސެލޯ މެޗު ކޮންޓްރޯލްކޮށް ޕެޑްރީގެ ލަނޑުން ލީޑު ވެސް ނެގި އެވެ. ނަމަވެސް ދެވަނަ ހާފުގައި ރެއާލްއިން ކީލިއަން އެމްބާޕޭ ނެރުމުން ކުޅުންގަނޑު ބަދަލުވި އެވެ. .ހިލޭ ޖެހުމެއްގައި ލަނޑު ޖަހައި އެމްބާޕޭގެ ޒިންމާ އަދާކޮށް 1-1އިން އެއްވަރުކުރި އެވެ. އޭގެ ހަތް މިނިޓް ފަހުން އޯރެލިން ޗުއަމެނީ ވަނީ ރެއާލްއަށް ލީޑު ނަގައިދީފަ އެވެ.
ބާސެލޯނާ ސަލާމަތްކޮށްދިނީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ފެރަން ޓޯރޭސް އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އުޅެނިކޮށް ބާސެލޯނާއަށް ޕެނެލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ވީއޭއާރު ޗެކްކޮށް ނިންމީ ރަފީނިއާ ގަސްދުގައި ވެއްޓުނީ ކަމަށެވެ. އެހެންވެ އޭނާއަށް ރީނދޫ ކާޑު ވެސް ދެއްކި އެވެ.
މެޗުގެ ކުރިން ވެސް ރެއާލް އޮތީ ރެފްރީއާ ޖެހިގަނެފަ އެވެ. ރެއާލްގެ ޓީވީން ވަނީ ރެފްރީ ރިކާޑޯ ޑި ބާގޯސް ބެންގޮޓެޒާއާ ބެހޭ ގޮތުން ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެފްރީ ވަނީ ފެންކަޅިވެ އިނދެ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކޮންމެ މީހަކު ވެސް މަސައްކަތްކުރާނީ އެންމެ ރަނގަޅަކަށް ޒިންމާ ނަގަން ކަމަށެވެ.
ފަހު ވަގުތު ރެއާލް ބަލިވުމުގެ ހޫނުގަނޑު ބެންޗުގައި ތިބި ކުޅުންތެރިންނަށް ވެސް ބޮޑުވި އެވެ. ރެފްރީގެ ނިންމުންތަކާ މެދު ރުޅިގަދަވެ އަމަލްކުރި ގޮތުން ރެއާލްގެ ތިން ކުޅުންތެރިޔަކަށް މެޗު ނިމުނު ފަހުން ރަތް ކާޑު ވެސް ދެއްކި މެ އެވެ.
ވާދަވެރި ކްލެސިކޯއެއް، ބާސެލޯނާއިން ރެއާލް ރޮއްވާލީ ފަހު ވަގުތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ