ޔުމްނު ވެއްޓުނު ހާދިސާ: ކޯޓު އަމުރަށް 24 ގަޑިއިރުވީއިރު އަދިވެސް ދެ މީހެއްގެ ފޯނު ނުހިފެހެއްޓޭ ޔުމްނު ވެއްޓުނު ހާދިސާ: ކޯޓު އަމުރަށް 24 ގަޑިއިރުވީއިރު އަދިވެސް ދެ މީހެއްގެ ފޯނު ނުހިފެހެއްޓޭ

މިދިޔަ ހުކުރު ދުވަހު ހ. ފެންޓޯނިއާ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު މައްސަލާގައި މިހާތަނަށް ވެސް ދެ މީހެއްގެ ފޯނު ނުހިފެހެއްޓޭކަން އެނގިއްޖެ އެވެ.
މި މައްސަލާގައި ޝާމިލުވާ މީހުންގެ ފޯނުތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ހޯދީ އިއްޔެ އެވެ. މި މައްސަލައާ ގުޅިގެން އެޕްރީލް 17، ގެ ރޭ މއ. މާންދޫގެދެކުނުގޭގައި އޮތް ޕާޓީއަކަށް ދިޔަ ނުވަ މީހެއްގެ ވަނަވަރު ފުލުހުން އާންމުކުރި އެވެ. އޭގެ ތެރޭގައި ޔުމްނު އާއި މިހާރު ހައްޔަރުގައި ހުރި ރައުދު އަަހުމަދު ޒިލާލް 21، ވެސް ހިމެނެ އެވެ.
އިއްޔެ މީޑިއާތަކަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ދެ މީހުން ހިމެނޭހެން ހަތް މީހެއްގެ ފޯނު ހިފެހެއްޓި އެވެ. ދެން ހިފެހެއްޓީ ކޮން ފަސް މީހެއްގެ ފޯނު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ނުވަ މީހުންގެ ތެރެއިން ދެ މީހެއްގެ ފޯނު އަދިވެސް ހިފަހައްޓާފައެއް ނުވެ އެވެ. އެއީ ކޮން ދެ މީހުނެއްކަން މި ނޫހަށް ކަށަވަރުވެފައެއް ނުވެ އެވެ. މި މީހުންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
އޭގެތެރޭގައި ހިމެނޭ، ގ. ނޯތުބްރީޒް، އާއިޝަތު ލަޔާލީ އިގުބާލު، ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި އަޑު ފެތުރުނެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
މި ތަހުގީގު ނިމުމުގެ ކުރިން ތުހުމަތު ކުރެވޭ އެއްވެސް މީހަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. މިކަމާ ގުޅިގެން ވޭތުވެދިޔަ ދެ ރޭ މާލޭގައި ޒުވާނުންތަކެއް މުޒާހަރާ ވެސް ކުރި އެވެ.
ހާދިސާއަށް ހަ ދުވަސް ފަހުން ރައުދު ހައްޔަރުކުރަން އެދުނީ މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތާލުމުގެ ފުުރުސަތު އޮތް ކަަމަށް ބެލެވޭތީ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. މި ތުހުމަތުތަކުގައި ރައުދު ހައްޔަރުކުރުމަށް ފުލުހުން އެދުމުން ކޯޓުން އެ އަމުރު ނެރުނީ އިއްޔެ ހެދުނު އެވެ. އަމުރުގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެ އިރުއޮއްސި 6:20 ހާއިރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ހެނދުނު އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް، މައްސަލައިގެ މައުލޫމާތު ސިއްރުކޮށް، އޮޅުވާލަން ފުލުހުން މަސައްކަތްކުރާ ކަމުގެ ތުހުމަތަަށް ބާރު ލިބޭ ގޮތަށް ފުލުހުންގެ އަމަލުތައް ފެންނަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ