މެލޭޝިއާގެ ކެބިނެޓުން މަޝްވަރާކުރުމަށްފަހު ގެއްލުނު ފްލައިޓް އެމްއެޗް370 ހޯދުމަށް އެމެރިކާގެ ކުންފުންޏެއްކަމުގައިވާ އޯޝަން އިންފިނިޓީއާއެކު 15,000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ބޯޓް ފެނޭތޯ ހޯދުމުގެ މަސައްކަތް ކުރުމަށް 'ނޮޓް ފައިންޑް، ނޯ ފީ' އެއްބަސްވުމެއްގައި ސޮއިކުރުމަށް ހުއްދަދީފި އެވެ.
ބުދަދުވަހު ދެވުނު މި ހުއްދައާއެކު މަސައްކަތް ފެށުމަށް މަގުފަހިވެގެންދާނެކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ލޯކް ސިއޫ ފޫކް ވިދާޅުވި އެވެ. މި ބޯޓު ފެނިއްޖެނަމަ 70 މިލިއަން ޑޮލަރު އެ ކުންފުންޏަށް ލިބޭނެކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
ކުއަލާލަމްޕޫރުން ބެއިޖިންއަށް 239 މީހުންނާއެކު ދަތުރުކުރަމުންދިޔަ ފްލައިޓް އެމްއެޗް370 ގެއްލުނީ 8 މާރިޗު 2014ގަ އެވެ. މި މައްސަލައަކީ ދުނިޔޭގެ އެވިއޭޝަން ދާއިރާގެ އެންމެ ހަގީގަތް ހޯދިފައިނުވާ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ.
ކުރީގެ ހޯދުންތައް
ފްލައިޓް ގެއްލުނުފަހުން މިހާތަނަށް އެކި މަސައްކަތްތައް ކުރެވިފައިވާއިރު، 2017 ގައި ނިމުނު ބައިނަލްއަގްވާމީ ހޯދުމުގެ މަސައްކަތުގައި 150 މިލިއަން ޑޮލަރު ހޭދަކުރެވުނެވެ. އަދި 2018 ގައި އޯޝަން އިންފިނިޓީން މިފަދަ އެއްބަސްވުމަކާއެކު ކުރި މަސައްކަތް ވެސް ތިން މަސްދުވަހުގެ ތެރޭގައި ނަތީޖާއެއް ނުލިބި ނިމިގެންދިޔަ އެވެ.
މެލޭޝިއާ، އޮސްޓްރޭލިއާ އަދި ޗައިނާގެ ސަރުކާރުތަކުން ކުރިން ބުނެފައިވަނީ ފްލައިޓް ވެއްޓިފައި އޮވެދާނެ ތަނެއްގެ އާ ހެކިތަކެއް ލިބިއްޖެނަމަ އަލުން ހޯދުން ފަށާނެކަމަށެވެ.
ރޭޑާ ދައްކާގޮތުން މި ފްލައިޓް ވަނީ އޭގެ ރަސްމީ ދަތުރުގެ ރޫޓުން އެއްކިބާވެފަ އެވެ. ތަހުގީގުކުރި ފަރާތްތަކުން ބުނެފައިވަނީ ފްލައިޓް ވެއްޓިފައިވަނީ ދެކުނު އިންޑިއާ ކަނޑަށް ކަމަށެވެ. އަދި 2018 ގެ ތަހުގީގަކުން ދައްކައިދެނީ މި ބޯޓުގެ ކޮންޓްރޯލްތައް ގަސްތުގައި ބަދަލުކޮށްފައިވާކަމަށެވެ.
ހިތާމަކުރާ އާއިލާތަކުގެ ކަންބޮޑުވުން
ފްލައިޓްގައި ތިބި މީހުންގެ ތެރޭގައި ޗައިނާގެ ރައްޔިތުންނާއި، މެލޭޝިއާގެ 38 ރައްޔިތުންނާއި، އެތައް ގައުމެއްގެ މީހުން ހިމެނެ އެވެ.
ފްލައިޓް އެމްއެޗް370 ގައި ދަތުރުކުރި 227 ފަސިންޖަރުންގެ ތެރޭގައި އެންމެ ގިނައީ 153 މީހުނާއެކު ޗައިނާގެ ރައްޔިތުންނެވެ. ދެވަނައަށް އެންމެ ގިނައިން ދަތުރުކުރީ މެލޭޝިއާގެ (38) ރައްޔިތުންނެވެ. އޭގެއިތުރުން ފްލައިޓްގައި ހިމެނެނީ އިންޑޮނޭޝިއާގެ ހަތް ރައްޔިތުން، އޮސްޓްރޭލިއާގެ ހަ ރައްޔިތުން، އިންޑިއާގެ ފަސް ރައްޔިތުން، ފްރާންސްގެ ހަތަރު ރައްޔިތުން، އެމެރިކާގެ ތިން ރައްޔިތުން، ނިއުޒީލެންޑްގެ ދެ ރައްޔިތުން، ޔުކްރެއިންގެ ދެ ރައްޔިތުން، ކެނެޑާގެ ދެ ރައްޔިތުން، ރަޝިއާ، އިޓަލީ، ނެދަލޭންޑްސް، އޮސްޓްރިއާ އަދި ޓައިވާން މިއިން ކޮންމެ ގައުމަކުން މީހެކެވެ. ބޯޓުގައި ތިބި 227 ފަސިންޖަރުންގެ އިތުރުން، 12 ކުރޫ މެންބަރުން ހިމެނޭގޮތަށް ޖުމްލަ 239 މީހުން އެމްއެޗް370 ގައި ދަތުރުކުރަމުންދިޔަ އެވެ.
ޗައިނާގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެމީހުންނަށް މެލޭޝިއާގެ އިސް ފަރާތްތަކުން ސީދާ މައުލޫމާތު ނުލިބޭކަމަށެވެ. "އަޅުގަނޑުމެންނަށް ވަގުތުން އަންގާނެކަމަށް ވައުދުވެފައިވީނަމަވެސް މިފަދަ ޚަބަރުތައް އަޅުގަނޑުމެންނަށް ލިބެނީ އޮންލައިންކޮށް އެކަނި،" 29 އަހަރުގެ ދަރިއަކު ގެއްލުނު 68 އަހަރުގެ ލީ އެރްޔޫ ބުނެފައިވެ އެވެ.
މާރިޗު މަހުގެ ކުރީކޮޅު ބެއިޖިންގައި ހުރި މެލޭޝިއާގެ އެމްބަސީ ކުރިމަތީގައި ގެއްލުނު ފްލައިޓްގެ 11 ވަނަ އަހަރީ ދުވަހު އެއްވި އާއިލާތަކުން ގޮވާލާފައިވަނީ "އަޅުގަނޑުމެންގެ ލޯބިވާ މީހުން އަޅުގަނޑުމެންނަށް އަނބުރާ ދޭށޭ!"
މެލޭޝިއާގައި ފިލްމެއް ކުޅުމަށްފަހު ޗައިނާއަށް އެނބުރި ދަތުރުކުރަމުންދިޔަ ޗެން ލިޕިންގެ ފިރިމީހާއަކީވެސް މި ފްލައިޓްގައި ދަތުރުކުރި މީހެކެވެ. އޭނާ ބުނެފައިވަނީ "އެންމެން ތިބީ ހިތާމައިގެ ތެރޭގައި ހިފެހެއްޓިފައި. ގެއްލުމުގެ ހަގީގަތް އަދިވެސް އެނގިފައެއް ނެތް."
ފްލައިޓް އަލުން ހޯދާނެކަމުގެ ޚަބަރަށް ގެއްލުނު މީހުންގެ އާއިލާތަކުން ރައްދުތަކެއް ދީފައިވެ އެވެ. ބައެއް މީހުން މިއީ ނިމުމަކާ ދިމާއަށް އެޅޭ ފިޔަވަޅެއްކަމަށް ދެކޭއިރު، އަނެއްބައި މީހުން މި ޚަބަރު ސިފަކޮށްފައިވަނީ އެއްފަރާތުން މީރު ނަމަވެސް އަނެއްފަރާތުން ވޭންދެނިވި ޚަބަރެއްގެ ގޮތުގައެވެ.
މެލޭޝިއާ އެއާލައިންސް ފްލައިޓް 370 (އެމްއެޗް370) 8 މާރިޗު 2014 ގައި ގެއްލުމާ ގުޅިގެން، ދެ ޕައިލެޓުން — ކެޕްޓަން ޒަހާރީ އަހްމަދު ޝާހު އަދި ފަސްޓް އޮފިސަރު ފާރިގް އަބްދުލް ހަމީދު — ގެ މައްޗަށް ތަހުގީގުތައް ކުރެވުނެވެ. އެމީހުންގެ ގެތައް ބަލައި ފާސްކޮށް، 12 ކުރޫ މެންބަރުންގެ މާލީ ރެކޯޑުތައް ދިރާސާކުރި އެވެ. މާރިޗު 2015 ގައި ނެރުނު ވަގުތީ ރިޕޯޓުގައި ބުނެފައިވަނީ "ފަހަކަށްއައިސް ނުވަތަ ކައިރި މުސްތަގްބަލުގައި ބޮޑެތި މާލީ މުއާމަލާތްތަކެއް" އެއްވެސް ކުރޫ މެންބަރަކު ކޮށްފައިނުވާކަމަށާއި، ސީސީޓީވީ ތަހުލީލުން ދައްކާގޮތުން "ބޮޑު ބަދަލެއް އައިސްފައިވާ އަމަލުތަކެއް" ނެތްކަމަށެވެ.
މި ހޯދުންތަކާއެކުވެސް، އެމެރިކާގެ ބައެއް އިސްފަރާތްތަކުން ގަބޫލުކުރާގޮތުގައި ކޮކްޕިޓްގައި ތިބި ބަޔަކު މަތިންދާބޯޓުގެ އޮޓޯޕައިލެޓް އިންޑިއާ ކަނޑުގެ ދެކުނަށް ދާގޮތަށްވަނީ ރީޕްރޮގްރާމްކޮށްފަ އެވެ. މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާގޮތުން މެލޭޝިއާގެ ފުލުހުން ކެޕްޓަން ޒަހާރީއަކީ ތުހުމަތުކުރެވޭ ފަރާތެއްކަމަށް ފާހަގަކޮށްފައިވެއެވެ. 2020 ވަނަ އަހަރުގައި، އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު ޓޯނީ އެބޮޓް ވިދާޅުވެފައި ވަނީ މެލޭޝިއާގެ އިސްފަރާތްތަކުން ގަބޫލުކުރާގޮތުގައި ޕައިލެޓް އަމިއްލައަށް މަރުވުމުގެ ރޭވުމެއް ރާވާފައިވާކަމަށެވެ.
ތަހުގީގުކުރި ފަރާތްތަކުން ކެޕްޓަން ޒަހާރީގެ ގޭގައި ހުރި ފްލައިޓް ސިމިއުލޭޓަރު ވެސް ދިރާސާކުރި އެވެ. 2016 ގައި، ރިޕޯޓުތަކުން ދައްކާގޮތުން އެފްބީއައި ގެ ތަހުލީލަކުން ފެނިފައިވަނީ އޭނާގެ ސިމިއުލޭޓަރުގައި އިންޑިއާ ކަނޑުމަތީގައި ޕްރޮޖެކްޓްކުރެވިފައިވާ ދަތުރުގެ މަގާ ވަރަށް އެއްގޮތް ރޫޓެއް ހުރިކަމަށެވެ. އެހެންނަމަވެސް، މެލޭޝިއާގެ ފަރާތްތަކުން ރިޕޯޓްކޮށްފައިވާގޮތުން ސިމިއުލޭޓަރުގެ ޑޭޓާގައި "ނުރަނގަޅު އެއްވެސް އެއްޗެއް" ފެނިފައެއް ނުވެ އެވެ.
ޖުމްލަގޮތެއްގައި، ތަހްގީގުތަކުން ޕައިލެޓުންނާ ގުޅޭގޮތުން އެކި ހާލަތްތައް ބަލާފައިވީނަމަވެސް، އެމްއެޗް370 ގެއްލުމުގެ ސަބަބު ކަނޑައެޅިގެން އަންގައިދޭ ހެކިތަކެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ.
މެލޭޝިއާ އެއާލައިންސް ފްލައިޓް 370 (އެމްއެޗް370) ގެއްލުނީ 8 މާރިޗު 2014 ގައި ކުއަލާލަމްޕޫރުން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދަތުރުކުރަމުންދަނިކޮށް، 239 މީހުންނާއެކުގަ އެވެ. ތިރީގައި މިވަނީ މަތިންދާ ބޯޓް ގެއްލުމާގުޅޭ ހާދިސާތަކުގެ ތަފްސީލޫ ތާރީޚުތަކެވެ:
8 މާރިޗު 2014
މެންދަމު 12:41 (މެލޭޝިއާ ގަޑިން): ފްލައިޓް އެމްއެޗް370 ކުއަލާލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ފަށައިފިއެވެ.
މެންދަމު 1:01: މަތިންދާބޯޓު އޭގެ ކްރޫޒިން ސީލިން ކަމުގައިވާ 35،000 ފޫޓަށް އަރައިފިއެވެ.
މެންދަމު 1:07: އެ އާކްރާފްޓް ކޮމިއުނިކޭޝަން އެޑްރެސިން އެންޑް ރިޕޯޓިންގ ސިސްޓަމް (އޭކާސް) އޭގެ އެންމެ ފަހު ޑޭޓާ ފޮނުވި އެވެ.
މެންދަމު 1:19: ކޮކްޕިޓުން އެންމެ ފަހުން ވާހަކަދެކެވުނީ، ކޯ-ޕައިލެޓް މެލޭޝިއާގެ އެއާ ޓްރެފިކް ކޮންޓްރޯލަށް ބުނެފައިވަނީ، "ގުޑް ނައިޓް މެލޭޝިއަން ތްރީ ސެވަން ޒީރޯ."
މެންދަމު 1:21: މަތިންދާބޯޓުގެ ޓްރާންސްޕޮންޑާ މަސައްކަތްކުރުން ހުއްޓާލައި، ސެކަންޑަރީ ރޭޑާއިން ގެއްލިއްޖެ އެވެ.
މެންދަމު 1:30: ވިއެޓްނާމްގެ އެއާ ޓްރެފިކް ކޮންޓްރޯލުން އެމްއެޗް370 އާ ގުޅޭތޯ މަސައްކަތްކުރަން ފަށައިފިއެވެ. އެއީ ޝެޑިއުލްކުރެވިފައިވާ ގޮތަށް ޗެކްއިން ނުކުރުމުން؛ އެއްވެސް ޖަވާބެއް ލިބިފައެއް ނުވެ އެވެ.
މެންދަމު 2:11: މަތިންދާބޯޓުގެ ސެޓެލައިޓް ޑޭޓާ ޔުނިޓް (އެސްޑީޔޫ) އިންމާސެޓްގެ ސެޓެލައިޓް ކޮމިއުނިކޭޝަން ނެޓްވާކަށް "ލޮގް-އޮން" ރިކުއެސްޓެއް ފޮނުވާފައިވާއިރު، މިއީ ގަޑިއަކު އެއްފަހަރު އޮޓޮމެޓިކުން "ހޭންޑްޝޭކް" ކުރާ ގޮތުގެ ފެށުމެވެ.
މެންދަމު 2:15: ނޭނގޭ އެއާކްރާފްޓެއް މިލިޓަރީ ރޭޑާއިން ފާހަގަކުރެވުނީ ސްޓްރޭޓް އޮފް މަލަކާގެ މަތީގަ އެވެ. މިއީ އެމްއެޗް370 ކަމަށް ބެލެވެ އެވެ. މަތިންދާބޯޓުވަނީ ރޭވިފައިވާ ދަތުރު މަގުން އެއްކިބާވެފަ އެވެ.
މެންދަމު 2:22: އެންމެ ފަހުން މަތިންދާބޯޓު މިލިޓަރީ ރޭޑާއިން ފެނުނީ މެލޭޝިއާގެ ޕެނާންގު އިން އުތުރު-ހުޅަނގަށް 200 ނޯޓިކަލް މޭލު ދުރުގަ އެވެ.
މެންދަމު 2:25: ދެވަނަ 'ހޭންޑްޝޭކް' ބޯޓާއި ސެޓެލައިޓާ ދެމެދު ހިނގައިފި އެވެ.
މެންދަމު 3:41 އިން 7:13 އަށް: އިތުރު ގަޑިއަކު އެއްފަހަރު 'ހޭންޑްޝޭކް' ރެކޯޑްކުރެވިފައިވެ އެވެ. މީގެން ދައްކުވައިދެނީ މަތިންދާބޯޓު އަދިވެސް ވައިގެތެރޭގައި ދަތުރުކުރަމުންދާކަމެވެ.
ހެނދުނު 7:24: މެލޭޝިއާ އެއާލައިންސްއިން އާންމުކޮށް ބަޔާނެއް ނެރެ ފްލައިޓް އެމްއެޗް370 އާ ގުޅުން ގެއްލިފައިވާކަން އިއުލާންކޮށްފި އެވެ.
ހެނދުނު 8:11: އެންމެ ފަހުގެ ފުރިހަމަ 'ހޭންޑްޝޭކް' ރެކޯޑްކުރެވިފައިވެ އެވެ.
ހެނދުނު 8:19: ފުރިހަމަނުވާ 'ހޭންޑްޝޭކް' އެއް ރެކޯޑްކުރެވިފައިވެ އެވެ. މީގެން ދައްކުވައިދެނީ ކަރަންޓު ކެނޑުމެއް ނުވަތަ ތެޔޮ ހުސްވުމެއް ހިނގާފައިވާކަމަށެވެ.
ހެނދުނު 9:15: ޝެޑިއުލްކުރެވިފައިވާ 'ހޭންޑްޝޭކް' އަށް އެއްވެސް ޖަވާބެއް ލިބިފައެއްނުވެ އެވެ. މީގެން ދޭހަވަނީ މަތިންދާބޯޓު މިހާރު އޮޕަރޭޝަންގައި ނެތްކަމެވެ.
ފަހުން ދިމާވި ކަންތައްތައް
15 މާރިޗު 2014: ސެޓެލައިޓް ޑޭޓާގެ ތަހުލީލުން ހާމަވެފައިވަނީ މަތިންދާބޯޓާ ގުޅުން ގެއްލުނު ފަހުންވެސް ގިނަ ގަޑިއިރުތަކެއް ވަންދެން ދަތުރުކުރަމުން ދިޔަކަމެވެ. މީގެން ފާހަގަކުރެވިފައިވަނީ ދެ ފްލައިޓް ކޮރިޑޯ: އުތުރު ރޫޓެއް މެދު އޭޝިއާއާ ދިމާލަށް އަދި ދެކުނު ރޫޓެއް ދެކުނު އިންޑިއާ ކަނޑާ ދިމާލަށެވެ.. 24 މާރިޗު 2014: މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރަޒާކް އިއުލާންކުރެއްވީ، ސެޓެލައިޓް ޑޭޓާއަށް ބަލާއިރު، ފްލައިޓް އެމްއެޗް370 ގެ ދަތުރު ނިމުނީ ދެކުނު އިންޑިއާ ކަނޑުގައި ކަމަށާއި، އެއްވެސް ދިރިހުރި މީހަކު ނެތްކަމަށެވެ.. އޭޕްރީލް 2014: ދެކުނު އިންޑިއާ ކަނޑުގައި ފުޅާ ދާއިރާއެއްގައި ކަނޑު އަޑި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެއީ އޮސްޓްރޭލިއާގެ ހުޅަނގު ސަރަހައްދަށް އަމާޒުކޮށްގެންނެވެ.. 29 ޖުލައި 2015: އެމްއެޗް370 ގެ ފްލަޕަރޮން (ފިޔަގަނޑުގެ ބައެއް) ރިޔޫނިއަން އައިލެންޑަށް ލައްގާފައިވަނިކޮށް ފެނިއްޖެ އެވެ. މިއީ މަޑަގަސްކަރާގެ އިރުމަތީގައިވާ ރަށެކެވެ. މިއީ ފުރަތަމަ ފަހަރަށް ޔަގީންކުރެވުނު ބޯޓުގެ ބައެވެ.. 17 ޖަނަވަރީ 2017: 120,000 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި ހޯދުމުގެ މަސައްކަތް ކުރުމަށްފަހު މަތިންދާބޯޓު ނުފެނުމާއެކު، ކަނޑުއަޑި ބެލުމުގެ މަސައްކަތް ރަސްމީކޮށް ހުއްޓާލި އެވެ.. ޖަނަވަރީ 2018: ކަނޑުތެރޭގެ ތަހުލީލުތައްކުރާ އަމިއްލަ ކުންފުންޏެއްކަމުގައިވާ އޯޝަން އިންފިނިޓީ، 'ނޮޓް ފައިންޑް، ނޯ ފީ' އުސޫލުން އަލުން ހޯދުން ފަށައިފިއެވެ. އެހެންނަމަވެސް މޭ 2018 ގައި މަސައްކަތް ނިންމާލީ ކާމިޔާބެއް ނުލިބި އެވެ.. 30 ޖުލައި 2018: މެލޭޝިއާ ސަރުކާރުން ފައިނަލް ރިޕޯޓެއް އާންމުކޮށްފައިވެ އެވެ. އޭގައި ބަޔާންކޮށްފައިވަނީ ބޯޓުގެ ބައިތައް ނުފެންނަހާ ހިނދަކު މަތިންދާބޯޓުގެ މަގުބަދަލުވުމާއި ގެއްލުމުގެ ސަބަބު ކަނޑައެޅިގެން ނުބުނެވޭނެ ކަމަށެވެ.
މާރިޗު 2025 ގެ ނިޔަލަށް، ބޯޓު ހޯދުމުގެ އެކި މަސައްކަތްތައް ކުރެވިފައިވީ ނަމަވެސް، ފްލައިޓް އެމްއެޗް370 ގެ މައިބަނޑުގަނޑު އަދިވެސް ފެނިފައެއްނުވެ އެވެ.
10 އަހަރަށްފަހު ގެއްލުނު ފްލައިޓް އެމްއެޗް370 ހޯދުމަށް އޯޝަން އިންފިނިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް މެލޭޝިއާގެ ކެބިނެޓުން ހުއްދަދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ