ރޯދަ ނުހިފުނު މީހުން ފިދްޔަދިނުން

ރަމަޟާންމަހުގެ ރޯދައާ ގުޅިގެން ކުރެވޭ ބައެއް މުހިއްމު ސުވާލުތަކުގެ ތެރޭގައި ރޯދަނުހިފުނު މީހާއަށް މުއްދު ބެހުމާ ބެހޭ ގޮތުން ކަންތައް ކުރަންވީ ގޮތް އޮޅުންފިލުވަން ކުރާ ސުވާލު ވަރަށް ގިނައެވެ. އަދި އެ ސުވާލުތައް ފެންމަތިވަނީ ވެސް ރަމަޟާންމަސް ނިމެން ކައިރިވުމުންނެވެ. މިއަދުގެ ލިޔުމުގައި މި ކަމަށް ބަލައިލަން ގަސްތުކޮށްފީމެވެ. ރަމަޞާންމަހު ހާޒިރުވެހުރެއްޖެ މީހާއަށް އޮތް އާންމު ޙުކުމަކީ ރޯދަހިފުން ފަރުޟުވުމެވެ. އެ ކަން އެނގެނީ ބަޤަރާ ސޫރަތުގެ 185ވަނަ އާޔަތުންނެވެ. ﴿فَمَنْ شَهِدَ مِنْكُمْ الشَّهْرَ فَلْيَصُمْهُ﴾ މާނައީ: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރުވެހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!" މި އާޔަތުގައި އެ އަންގަވާ ހާޟިރުވެ ހުރުމަކީ ބަލިވުމެއް ނެތި ދުޅަހެޔޮ ސިއްޙަތެއްގައި ވުމާއި ދަތުރެއްގައި ނެތި ރަށުގައި ޤާއިމުވެގެން ހުރުމެވެ. އެ މަހު ބަލިވި ނުވަތަ ބައްޔެއްގައިވި މީހުންގެ ތެރެއިން ރަނގަޅުވާނޭ ކަމުގެ އުއްމީދު އޮތް މީހުން ރޯދަ މަހުގެ ރޯދަ ދޫކޮށްލުން އެއީ ޖާއިޒު ގޮތެއްކަން އެންގެވިއެވެ. އަދި ހަމައެހެންމެ އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން އޭނާގެ މައްޗަށް ވާޖިބުވާނެއެވެ. ދަތުރުވެރިޔާ ވެސް ރޯދަ މަހުގެ ރޯދަ ދޫކޮށްލުން އެއީ ޖާއިޒު ގޮތެއްކަން އަންގަވައި، އެހެނަސް އެހެން ދުވަސްތަކަކުން އެ އަދަދު ހަމަކުރުން އޭނާގެ މައްޗަށް ވާޖިބުވާނެކަން އެނެގެވިއެވެ. ފިދިޔަ ދޭޏް ޖެހެނީ ކާކު؟ އެ މީހާއަށް ކުރިމަތިވެފައި އޮތް ބަލިމަޑުކަމަކީ ރަނގަޅުވާނެ ކަމުގެ އުއްމީދެއް ނެތް ބައްޔެއް ކަމުގައި ވާނަމަ ރަމަޟާންމަހު ރޯދަ ދޫކޮށްލުން އޭނާއަށް ހުއްދަވެގެން ވެއެވެ. ބައެއް ޙާލަތުގައި އޭނާއަށް ރޯދަ ހިފުން ޙަރާމް ދަރަޖައަށް ވެސް ހިނގައިދެއެވެ. އަދި ހަމައެހެންމެ އެނޫން ދުވަސްތަކަކުން ވެސް އެ އަދަދު ހަމަކުރަން ނުޖެހޭނެއެވެ. އެފަދަ މީހާއަށް އޮތީ ނުހިފައި ދޫވާ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. އެއީ ފިދިޔަ ދިނުމެވެ. ނުވަތަ މުއްދު ދިނުމެވެ. ފިދިޔަ ދޭން ނުޖެހޭ ރޯދަ ނުހިފޭ މީހާ! ރޯދަހިފަން ނުޖެހޭ އަދި ފިދިޔަ ވެސް ދޭން ނުޖެހޭ ބަޔަކު ވެއެވެ. އެއީ ބައްޔެއްގެ ސަބަބުން ނުވަތަ އެ ނޫން ވެސް ސަބަބަކާހުރެ ބުއްދި ފިލައިގޮސްފައި ހުރި މީހާއެވެ. އޭނާއަށް ރޯދަ ހިފުމެއް ވެސް އަދި ފިދިޔަ ދިނުމެއް ވެސް ނުވެއެވެ. އެއީ ކުޑަކުއްޖާއަށް ވެސް ރޯދަ ހިފަން ނުޖެހޭފަދައިންނެވެ. عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ «رُفِعَ الْقَلَمُ عَنْ ثَلاَثٍ عَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الصَّغِيرِ حَتَّى يَكْبُرَ وَعَنِ الْمَجْنُونِ حَتَّى يَعْقِلَ أَوْ يَفِيقَ‏» (أبي داود) މާނައީ: ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "ތިން މީހެއްގެ ކިބައިން ގަލަމް ވަނީ އުފުލިގެންނެވެ. އެއީ ނިދާފައި އޮންނަ މީހާ ހޭލަންދެނާއި، ކުޑަކުއްޖާ ބާލިޣުވަންދެނާއި، އަދި މޮޔަ މީހާ ހޭބުއްދި ޖެހެންދެނެވެ." ބަލިމަޑުކަން ތަޙައްމަލް ކުރަމުންދާ އެންމެނަށް އަވަސް ޝިފާއެއް ދެއްވުން އެދި ﷲ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ. اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِ مَرْضَانَا، وَأَنْتَ الشَّافِي لَا شِفَاءٌ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا މުއްދަކީ ކޮބާ؟ މުއްދަކީ ނުވަތަ މުއްދު ދިނުމަކީ ރޯދަ ނުހިފޭ ބަލިމީހުންގެ ތެރެއިން ބަލި ރަނގަޅު ނުވާނޭ ކަމަށް ބެލެވޭ މީހުން، އޭނާއަށް ނުހިފި ދޫކޮށްލެވޭ ކޮންމެ ރޯދައަކަށް ފިދިޔަ ދިނުމެވެ. އެ ފިދިޔައަކީ މިސްކީނަކަށް ކާންދިނުމެވެ. ކާންދިނުން އިޚްތިޔާރު ކުރާނީ އެ މީހަކު އަމިއްލައަށެވެ. ނުވަތަ އެ މީހަކު ބެލެހެއްޓުމާ ހަވާލުވެހުރި ފަރާތަކުންނެވެ. ކޮންމެ ދުވަހަކު މިސްކީނަކަށް ކާންދޭނީތޯ ނުވަތަ މުޅި މަސް ނިމުމުން ކާންދޭނީތޯ ނިންމާނީ އެ ކަން ކުރާ ބައެކެވެ. މުޙިއްމު ކަމަކީ ކުރިޔައިލާ މުއްދު ނުވަތަ ފިދިޔަ ދޭން ނުޖެހޭކަން ދެނެގަތުމެވެ. މުއްދު ދޭނީ ކޮންއިރަކު؟ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފިދިޔަ ދިނުން އޭގެ ސަބަބަށްވުރެ އިސްކުރުމެއް ނުވެއެވެ. އެހެނީ ފިދިޔަ ދިނުން އެއީ ސަބަބަކާ ލައިގެން ކުރަން ޖެހޭ ކަމެކެވެ. އެ ސަބަބު ނުވާ ނަމަ އެ ކަން ކުރާކަށް ނުޖެހޭނެއެވެ. އެ ސަބަބަކީ ﷲ ފަރުޟުކުރެއްވި ރޯދަ ނުހިފޭގޮތް މެދުވެރިވުމެވެ. އެހެންކަމުން ސަބަބު މެދުވެރިވުމުގެ ކުރިޔަށް ފިދިޔަ ދިނުމެއް ނޯންނާނެއެވެ. ކަން މިހެން އޮތުމުން ފިދިޔަ ވާޖިބުވުމުގެ އާންމު ވަގުތަކީ ރަމަޟާންމަސް ފެށުމެވެ. އެހެނަސް އޭގެ ޚާއްޞަ ވަގުތެއް ވެސް އޮވެއެވެ. އެއީ ކޮންމެ ދުވަހެއް ވެސް ފެށުމުން އެ ދުވަހުގެ ފިދިޔަ އޭނާއަށް ވާޖިބުވާ ވުމެވެ. އެ ދުވަސް އައުމުންނެވެ. އޭގެ ކުރިޔަކުން ނޫނެވެ. އިސްލާމީ ކަލަންޑަރުގައި ދުވަސް ފެށެނީ އިރުއޮއްސުމުންނެވެ. އެހެން ކަމުން ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުން ހުކުރު ދުވަސް ފެށުނީއެވެ. އެ ދުވަހު މަރުނުވެ ހުރެއްޖެ މީހާއަށް ނުހިފޭ އެ ރޯދައަށް ފިދިޔަ ދޭން އޭރުން އޮންނާނީ ވާޖިބުވެފައެވެ. ކުރިޔައިލާ ފިދިޔަ ނުދެވޭނެތޯ؟ ކޮންމެ ރޯދައެއް އެ ދުވަހެއް ފެށުމުން ދޭން އޮންނަ ނަމަ، ދެން އުފެދޭ ސުވާލަކީ ކުރިޔައިލާ ފިދިޔަ ނުދެވޭނެތޯއެވެ؟ އެ ކަން ތަރުތީބުކޮށް ތަންފީޒުކުރާ ބަޔަކަށް ފިދިޔަ ދިނުމަށް ޓަކައި ފައިސާ ނުވަތަ ކާނާ ހަވާލު ކުރެވިދާނެކަމަށް ޢިލްމުވެރިން އެއްބަސްވެލައްވައެވެ. އެހެން ނަމަވެސް ބަލިމީހާ ރަމަޟާންމަހު މަރުވެއްޖެއްޔާ، އޭނާ މަރުވި ދުވަހުން ފެށިގެން ބާކީ ހުރި ދުވަސްތަކަށް ދީފައިވާ ފައިސާ ނުވަތަ ކާބޯތަކެތި، އަނބުރާ އޭގެ އަހުލުވެރިންނަށް ނުވަތަ ބަލިމީހާގެ ވާރުތަވެރިންނަށް ރައްދުކުރަންވާނެއެވެ. އެ ފައިސާ ނުވަތަ ކާބޯތަކެތި އަނބުރާ ގެންދަން ވާރުތަވެރިން ބޭނުން ނުވަންޏާ އެއީ މައްޔިތާގެ ފަރާތުން ކުރެވޭ ޞަދަގާތެއްގެ ގޮތުގައި ވާރުތަވެރިން ރުހެންވާނެއެވެ. ފިދިޔައިގެ މިންވަރު ފިދިޔަދިނުމުގެ ސަބަބާއި އޭގެ މިންވަރާއި އޭގެ ހައްޤުވެރިން ބަޔާން ކުރައްވަމުން الله تعالى ވަޙީކުރައްވަނީ... ﴿وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ فَمَنْ تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَهُ﴾ (البقرة: ١٨٤) މާނައީ: "އަދި އުނދަގޫކަމާ އެކު އެ ކަމަށް ކުޅަދާނަވާ މީހުން (އެބަހީ: ރޯދަ ނުހިފޭ މީހުން)ގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާ އެކު) ފިދިޔަދިނުމެވެ. (ފިދިޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، ތަޠައްވަޢުގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެ ކަންތައް އެ މީހަކަށް ހެޔޮކަން ބޮޑެވެ." ފިދިޔަ ދިނުން ނުވަތަ ކާންދިނުން އެއީ ރޯދަވީއްލުން ދިނުންތޯ؟ ކާންދިނުން ނުވަތަ ފިދިޔަ ދިނުން އެއީ، ކޮންމެހެން ވަކި ވަގުތަކަށް ޚާއްޞަ ކުރެވިފައިވާ ކަމެއް ނޫނެވެ. ކޮންމެހެން ރޯދަވިއްލުން ދޭކަށް ނުޖެހެއެވެ. އަދި ރޯދަވީއްލުން ދޭން ބޭނުމިއްޔާ އެ ގޮތަށް ވެސް އެ ކަން ކުރެވިދާނެއެވެ. ނޫން ނަމަ އެ ނޫން ގަޑިއެއްގައި ވެސް ކާންދެވިދާނެއެވެ. މި އާޔަތުން އެނގެނީ ގެއްލިއްޖެ ކޮންމެ ރޯރައަކަށް މިސްކީނުންގެތެރެއިން އެކަކަށް ކާންދޭންވީ ކަމެވެ. އެއީ އެއްއިރު އޭނާއަށް ކާންދިނުމެވެ. މުއްދު ނުވަތަ ފިދިޔަ ދޭންވީ އެއްކޮށްތޯ ނޫނީ ވަކިވަކިންތޯ؟ ފިދިޔަ ދިނުމުގައި ދޭ މީހާ ބޭނުންގޮތެއް އިޚްތިޔާރު ކުރުން އެއީ އެންމެ ރަނގަޅުގޮތެވެ. ކޮންމެ ދުވަހަކު މިސްކީނަކަށް ކާންދޭންވީއެވެ. ނޫންނަމަ ރަމަޟާންމަސް ނިމުމުން ތިރީސް ދުވަހު މިސްކީނަކަށް ކާންދޭންވީއެވެ. ނުވަތަ އެއް ދުވަހު ތިރީސް މިސްކީނުންނަށް ކާންދޭންވީއެވެ. ނުވަތަ އޭނާއަށް ފަސޭހަ އެހެން ގޮތަކަށް އެ ކަން ކުރަންވީއެވެ. އަނަސް ބުނު މާލިކު رضي الله عنهގެ އުމުރުފުޅު ދޮށިވެ ރޯދަފުޅު ހިއްޕެވުމަށް ނުކުޅެދުނުހިނދު އަހަރެއް ނުވަތަ ދެ އަހަރެއް ވަންދެން ނުހިފި ދޫވާ ކޮންމެ ރޯދައަކަށް، މިސްކީނަކަށް ކާންދެއްވިއެވެ. އެ ގޮތުން އަބޫ ޔަޢްލާ މައުސޫލީ އެކަލޭގެފާނުގެ މުސްނަދުގައި އައްޔޫބު ބިން ތަމީމާގެ ކިބައިން ރިވާކުރައްވައިފައި ވެއެވެ. "އަނަސްގެފާނު އާލަސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ރޯދަ ނުހިއްޕެވޭވަރުވިއެވެ. އެހެންކަމުން އެކަލޭގެފާނު "ތާރިދް" (އެއީ އޭގައި ސުރުވާއާއި، ރޮށްޓާއި، އެއްގަމު މަސް ހިމެނޭ ޖާފަތެއް) ތައްޔާރު ކުރަށްވައި (ރަމަޟާންމަސް ނިމުމުން) ތިރީސް މިސްކީނުންނަށް ދަޢުވަތު ދެއްވައި އެ މީހުންނަށް ކާންދެއްވައެވެ." މި ރޯދަމަހު އަޅުގަނޑުމެންގެ ތެރެއިން ރޯދަ ނުހިފޭ މީހުން ނުވަތަ އެފަދަ މީހުންގެ ހަވާލުދާރީން އެ މީހުންނަށް ނުހިފި ދޫވާ ކޮންމެ ރޯދައަކަށް މުއްދު ދޭން ވާނެއެވެ. އަދި ލަސްނުކޮށް މި ކަން އަވަސްކުރުން މޮޅުއިތުރުވެގެން ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ