"މި ރޯދަ މަހަކީ ތޮއްޑޫ ދަނޑުވެރިންނަށް ވެސް ގެއްލުން ބޮޑު މަހެއް"

ނިމުނު ރޯދަ މަހު ދަނޑުތަކުން ފައިދާއެއް ނުލިބޭ ކަމަށާއި މިއީ އެންމެ ގެއްލުން ބޮޑު ރޯދަ މަސް ކަމަށް ތޮއްޑޫގެ ވިޔަފާރިވެރިއަކު މިއަދު ބުނެފިއެވެ. މި ރޯދަމަހާ ދިމާކޮށް، މާލެ ދަތުރުވެރީންގެ މާރުކޭޓުގައި ވެސް ކަންބޮޑުވާ މިންވަރަށް ވިޔަފާރި ދަށްވި ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ. އެގޮތުން، ދުވާލަކު 30،000 ރުފިޔާ ލިބޭ ވިޔަފާރިތައް 4،000 ރުފިޔާއަށް މި ރޯދަ މަހު ވެއްޓުނެވެ. https://sun.mv/203919 ރޯދައަށް އެންމެ ގިނައިން ކަރާ އެތެރެކުރާ މަޝްހޫރު ތޮއްޑޫގެ ދަނޑުވެރިއެއް ކަމަށްވާ އައިޝަތު ޖުނައިދާ 'ސަން'އަށް ބުނީ، އެހެން ރޯދަ މަސްތަކަށް ވުރެ، މި ރޯދަ މަހު ވަރަށް ބޮޑަށް ދަނޑުތަކުން ލިބޭ އާމްދަނީ ދަށްވި ކަމަށެވެ. ތޮއްޑޫގެ ކަރާ ދަނޑެެއް ---ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ އެގޮތުން، ދަނޑުތައް ހައްދަން ކުރި ޚަރަދުގެ ދެބައި ކުޅަ އެއްބައި ވެސް ނުލިބޭ ކަމަށާއި މިއީ އެންމެ ބޮޑަށް ގެއްލުންވި ރޯދަ މަސް ކަމަށް ޖުނައިދާ ބުންޏެވެ. "މިއީ ގެއްލުމުގެ އަހަރެކޭ ބުނެވޭނީ ދަނޑުވެރިންނަށް. އަމިއްލަ އަތުން މި ޚަރަދުކުރަނީ. އަޅުގަނޑުމެން ދަނޑުވެރިންނަށް ސަބްސިޑީއެއް ވެސް ނުލިބޭތާ. އެގޮތުން ވެސް ވަރަށް އުނދަގޫ ގޮތެއް ވެފައި މި އިންނަނީ. ވަރަށް އަގުބޮޑުކޮށް، އަޅުގަނޑުމެން ގިނަ ކާނާއާ އެއްޗެހި ވެސް މި ގަންނަނީ،" އޭނާ ބުންޏެވެ. ޖުނައިދާ ބުނީ، އެހެން ރޯދަ މަސް ތަކުގައި ޚަރަދުތައް ނުލައި، ދޮޅު ލައްކައެއްހާ ރުފިޔާގެ ފައިދާ އެ ރަށުގެ ދަނޑުވެރިންނަށް ލިބޭ ކަމަށެވެ. ނަމަވެސް، މި އަހަރު ލިބުނު ފައިދާއިން ޚަރަދުގެ ދެބައިކުޅަ އެއްބައި ވެސް ނުކެނޑުނު ކަމަށް އޭނާ ބުންޏެވެ. އއ. ތޮއްޑޫ ލެޓިއުސް ދަނޑެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ ރޯދައަށް ބާވަތްތައް ހެއްދި ގިނަ ދަނޑުތައް ދިޔައީ 'ފަނާ' ވެގެން ކަމަށާއި ރޯދައަށް 130 ދަނޑު ހެއްދި ކަމަށް އޭނާ ވަނީ ބުނެފައެވެ. "އެވަރެޖު ގޮތެއްގައި ބުނެވޭނީ ތިނެއް ނޫނީ ހަތަރެއް އެގޮތަށް ގުނާލެވޭ ވަރަށޭ ރަނގަޅަށް މީހަކަށް މިފަހަރު [ފައިދާ] ލިބިފައި އޮންނަނީ. އެހެން އެންމެނަކީ މިއަހަރު ހަމަ ގެއްލުންވި މީހުންނޭ," ޖުނައިދާ ބުންޏެވެ. އޭގެއިތުރުން، އެހެން ރޯދަ މަސްތަކަށް ވުރެ ބޮޑު ގެއްލުމެއް މި އަހަރު ލިބުނީ، މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށް ޖުނައިދާ ބުންޏެވެ. އެގޮތުން، ރޯދައަަށް ކަރާ އިންދި ތަނާ ވިއްސާރަވެ، ހަލާކުވުމުން އެކަން ރަނގަޅު ކުރުމަށް ދެ ފަހަރު މަތިން ޑަބަލް ޚަރަދު ދަނޑުވެރިން ކުރިކަމަށް ބުންޏެވެ. ނަމަވެސް، ކަރާ ކަނޑަން ތައްޔާރުވެފައި ވަނިކޮށް، ވިއްސާރަވުމުން ބަލި ޖެހިގެން ދަނޑުތައް އެއްކޮށް ހަލާކުވި ކަމަށާއި ރޯދައަށް ހެއްދި ހުރިހާ ބާވަތެއްގެ ދަނޑުތައް ވެސް ހަލާކުވިކަން އޭނާ ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ