ފަސް ކުއްޖެއްގެ ގައިން ނުރައްކާތެރި އިންފެކްޝަން ފެނިއްޖެ، ފަރުވާއަށް ބޭރަށް

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ފަރުވާ ދެމުންދާ ފަސް ކުއްޖެއްގެ ހަށިގަނޑުން ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ އެމްޑީއާރު “ބަރކޯލްޑޭރިއާ ސެޕޭޝިޔާ” ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އެ މައުލޫމާތު އިސްްވެ އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ. ފުރަތަމަ އެކަނަ ހާމަކުރީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. އޭގެ ފަހުން ތަފްސީލް ހިމެނޭ ބަޔާނެއް މިރޭ ވަނީ ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ 28 ހަފްތާއަށް ވުރެ ކުރީން އުފަންވެ އެންއައިސީޔޫގައި ފަރުވާ ދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގި ސާމްޕަލްއަކުން އެމްޑީއާރު “ބަރކޯލްޑޭރިއާ ސެޕޭޝިޔާ” ފެނުނު ކަމަށެވެ. އެ ކޭސްއާ ގުޅިގެން ވަގުތުން ކުއްޖާ އައިސޮލޭޓްކޮށް އިންފެކްޝަން އިތުރަށް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅި ކަމަށް ބުންޏެވެ.
Advertisement
އަދި އިތުރު ކުދީންގެ ގައިން ނެގުނު ސާމްޕަލްތަކުން ހަތަރު ކުއްޖަކުގެ ގައިން މި ބެކްޓީރިއާ ފެނިފައިވާ ކަމަށާ އެއީ ދުވަސް ނުފުރާ ވިހާފައިވާ ތިން ކުއްޖަކާއި ދުވަސްފުރާ ވިހެއި ކުއްޖެއް ކަމަށް ބުނެފައިވެ އެވެ.
އެ ހުރިހާ ކުދީންނަކީ ވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ކުދީންނެވެ.
އެންއައިސީޔޫގައި މިވަގުތު 10 ކުއްޖަކަށް ފަރުވާ ދެމުންދާއިރު ފަސް ކުއްޖަކީ މި އިންފެކްޝަނަށް ޕޮޒިޓިވްވެފައިވާ ކުދީން ކަމަށާ މި ފަސް ކުދީންގެ ފަރުވާގެ ކަންކަން ކުރިއަށް ދަނީ ރައްކާތެެެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓް ކުރެވިގެން ކަމަށް ވެސް ބުންޏެވެ.
ހޮސްޕިޓަލުން ބުނީ މި ކުދީންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.
އަދި ބުނީ އަވަސްކަމާއެކު އެޅި ފިޔަވަޅުތަކުން އިންފެކްޝަން ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ