ކަސްޓަމްސްއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ އަތުލައިގަތް 18 ކިލޯގެ ޑްރަގު މައްސަލައިގައި އެ މުދާތައް ކްލިއާ ކުރަން ދިޔަ ބިދޭސީ މީހާ ފުލުހުން މިއަދު ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ ބެންގަލޫރުން އައި ފްލައިޓަކުން ގަސް ޕޮޓްތަކެއްގައި ފޮރުވައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު 18 ކިލޯގެ ޑްރަގު ކަސްޓަމްސްއިން އަތުލައިގަތީ، އަންގާރަ ދުވަހުގެ ރޭ އެ މުއައްސަސާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އެގޮތުން:
އެ ތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާ؛ އެ ޑްރަގު ހުރި ޝިޕްމަންޓް ކްލިއާ ކުރަން ދިޔަ 35 އަހަރުގެ ބަންގްލަދޭޝްގެ ބިދޭސީއަކު އެ ރޭ ފުލުހުން ހައްޔަރު ކުރި
ނަމަވެސް މިއަދު އޭނާ ދޫކޮށްލި ކަމަށް ފުލުހުން ބުނި
ފުލުހުންގެ ބަސް - މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ތަހުގީގަށް ބެލިބެލުމުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތެވެ.
"ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން، މަސްތުވާތަކެތި ރާއްޖެ އެތެެރެ ކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ މި މައްްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ވަނީ ދޫކޮށްލާފައި،" އޭނާ ދޫކޮށްލި ސަބަބެއްގެ ގޮތުގައި އޮފިޝަލް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިއީ މި އަހަރު މިހާތަނަށް އެއްފަހަރާ އެންމެ ގިނައިން ރާއްޖެއިން މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެވެ. ދެން އެންމެ ގިނައިން މި އަހަރު ހިފަހައްޓާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އަތުލައިގަތް 14 ކިލޯގެ ޑްރަގެވެ.
މިދިޔަ އަހަރުގެ ރިކޯޑް އަދަދަކީ މިދިޔަ ނޮވެމްބަރުގައި އަތުލައިގަތް 400 ކިލޯގެ މަސްތުވާތަކެއްޗެވެ. އެ ތަކެތީގެ މަގުމަތީ އަގު 1 ބިލިއަން ރުފިޔާއަށް އަރަ އެވެ.
18 ކިލޯ ޑްރަގު މައްސަލައިގައި ހައްޔަރު ކުރި ބިދޭސީ މީހާ ދޫކޮށްލައިފި: 'އެތެރެ ކުރި މީހުންނާއި އޭނާއާ ގުޅުމެއް ނެތް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ