ޝެއިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގަލަދޭޝްގައި މިސްކިތެއް އެޅުމަށް، ޝެއިޚް ފަރީދު މަސައްކަތްކުރެއްވި ޚިދުމަތް ޖަމިއްޔާގެ ފަރާތުން ނިންމައިފިއެވެ. ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ ހޯމަ ދުވަހު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. މެލޭޝިއާއަށް ފަރީދު ވަޑައިގަތީ އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްްގައި ޚިދުމަތް ޖަމިއްޔާގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށެވެ. އެއާއެކު، ޚިދުމަތް ޖަމިއްޔާއިން އިއްޔެކުރި ޕޯސްޓެއްގައިވަނީ ޝެއިޚް ފަރީދުގެ ފަރާތްޕުޅުން އިސްލާމްދީނަށް ކޮށްދެއްވި ޚިދުމަތަކީ "ދުލާއި ގަލަމުން ކިޔައިިދެވޭނެ ވަރަށްވުރެ އަގުހުރި މަސައްކަތެއް" ކަމަށެވެ. އަދި ޝެއިޚް ދޫކުރެއްވި ހެޔޮ ނަސޭހަތާއި، އިލްމުން އަދިވެސް ފައިދާ ލިބިގަންނަމުން ދާ ކަމަށް ބުންޏެވެ. އެހެންވެ ޝެއިޚް ފަރީދުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އަވަހާރަވުމަށްފަހުގައި ވެސް މަންފާކުރާނެ، ދެމިގެންދާ ސަދަޤާތެއް ކުރަން، ފަރީދުގެ ނަމުގައި ބަންގްލަދޭޝްގައި މިސްކިތެއް އަޅަން ނިންމައިފައިވާ ކަމަށް ޚިދުމަތް ޖަމިއްޔާއިން ބުންޏެވެ. ބަންގްލަދޭޝްގައި އަޅަނީ 455 މީހުންނަށް ނަމާދުކުރަން ވަދެވޭ، 255 އަކަފޫޓުގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް އަޅަން ހޭދަވާނެކަމަށް ބެލެވެނީ 760،000 ދިވެހި ރުފިޔާއެވެ. އެއާއެކު އެ ޖަމިއްޔާއިން ވަނީ މިސްކިތް އެޅުމަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލައިފައެވެ. ޚިދުމަތް ޖަމިއްޔާގެ އެކައުންޓް ނަންބަރަކީ: 7770000141496 ޝެއިޚް ފަރީދުގެ ޖަނާޒާގެ ކަންކަން މިއަދު މެލޭޝިއާގައި ކުރިއަށްދާނެއެވެ. ކުރިން ނިންމީ ރާއްޖެއަށް ހަށިކޮޅު ގެންނަން ނަމަވެސް، މެލޭޝިއާގައި ޖަނާޒާ ބާއްވަން ނިންމީ ފަރީދުގެ ހަށިކޮޅު މެލޭޝިއާއިން ބޭރުކުރާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީއެވެ. ޝެއިޚް ފަރީދުގެ މައްޗަށް އަންނަ ހުކުރު ދުވަހު، ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށުނަމާދުކުރަން ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ