އަހަރެމެންނާ ބައްދަލުމިކުރަނީ، ބަރަކާތްތެރި ރަމަޟާން މަހެވެ. ކީރިތި ޤުރްއާން ބާވައިލެއްވުނު މަހެވެ. އެ މަހު ހިފާ ރޯދައާއި ކުރާ ހެއު ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާ މަހެވެ. އެންމެ ރެއެއްގެ އަޅުކަން އެ ރޭ ނުހިމެނޭ އެއް ހާސް މައްސަރަށް ވުރެ، ހެޔޮވެގެންވާ ރެއެއް، އެ މަހުގައި ވެއެވެ. އެއީ ނަރަކައިން ދިންނެވުމުގެ މަހެވެ. ހެއު ޢަމަލުތަކަށް މަގުފަހިވާ މަހެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެވެ. ޝައިޠާނުން ކަސްތަޅުއެޅުވޭ މަހެވެ. ނުބައިކަންތަކަށް ހުރަސްއެޅޭ މަހެވެ. ރޯދައާ ބެހޭ ގޮތުން ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (اَلصَّوْمُ جُنَّةٌ)[1] މާނައީ: "ރޯދައަކީ ރައްކާތެރި ކަމެކެވެ." މިއީ ވަރަށް ފުރިހަމަ ބަސްފުޅެކެވެ. ރޯދައަކީ ހުރިހައި މާނައެއްގައި މެ ކުށްތަކާއި، ފާފަތަކަށް އަރައިގަތުމުން ނަފުސު ރައްކާތެރިކޮށްދޭ އަޅުކަމެކެވެ.
ރޯދަމަހަކީ، ތަޤުވާވެރިކަމުގެ މަހެވެ. މި މަހު ރޯދަހިފުން މާތް ﷲ ވަނީ، ފަރުޟުކުރައްވައިފަ އެވެ. މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ. --- މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން، ތަޤްވާވެރިވުމަށް ޓަކައެވެ."
ރޯދައިގެ މައިގަނޑު މަޤްޞަދަކީ ތަޤުވާވެރިވުމެވެ. ތަޤުވާގެ މާނައިގައި، ހެއުޢަމަލުކުރުމާއި، އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނެއެވެ. ރޯދައަކީ ތަޤުވާގެ އިތުރަށް، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ވެސް މެއެވެ. ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމީ، ދުންޔަވީ އެދުންތަކާ ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫޙާނީ ބާރު އިތުރުވެއެވެ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެންނެވެ. ނުބައި ބަސްތައް ބުނުމާއި، އެ ފަދަ ޢަމަލުތައް ކުރުން ހުއްޓައިލައިގެންނެވެ. އަރައިރުންވުމާއި، ޒުވާބުކުރުމުން ދުރުހެލިވެގެންނެވެ. ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާ ނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كَمْ مِنْ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْـجُوْعُ)[2] މާނައީ: "އެ މީހެއްގެ ރޯދައިން، ބަނޑުހައި ހޫނުކަން ނޫން އެހެން ކަމެއް ނުލިބޭ ކިތައް ރޯދަވެރީން ވޭހެއްޔެވެ؟" މި ޙަދީޘުގެ މުރާދަކީ، ރޯދައަށް ތިބޭ މީހުންގެ ތެރޭގައި އެ ފަދަ މީހުން ވަރަށް ގިނައެވެ. އަދިވެސް رَسُوْلُ الله z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ لَـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ وَالْـجَهْلَ، فَلَيْسَ لِلَّهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ)[3] މާނައީ:" ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު ބަސްތައް ގޮވައި ހެދުން ހުއްޓައިނުލައިފި މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވުމަކަށް ﷲ تَعَالَى އެދިވޮޑިނުގަންނަވަތެވެ." ދޮގުހެދުމާއި، ދެބައޮޑުވުމާއި، ނެތިމޮށުމާއި، މަކަރުހެދުން ފަދަ ޢަމަލުތައްކުރާ މީހާގެ ރޯދަ ނުގެއްލުނެއް ކަމަކު، އެ ރޯދައިން މާބޮޑު ފައިދާއެއް ނުކުރާނެއެވެ.
ޝަރީޢަތުގައި ރޯދަ ގެއްލޭ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ، ރޯދަވެރިޔާ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންކަމެވެ. އެއީ ގަދަކަމުން ހޮޑުލުމާއި، ކެއިންބުއިމާއި، ޖިމާޢުވުމާއި، މިއިން ކަމެއްގެ ޙުކުމުގައި ހިމެނޭ ކަންކަމެވެ. މުޅި ދުވާލު މަސްތުގެ ޙާލަތުގައި ހުރި މީހާގެ ރޯދަ ވެސް ގެއްލޭނެ އެވެ. ނަމަވެސް ރޯދައަށް ހުރިކަން ހަނދާންނެތި އެއްޗެއް ކެވުނަސް އަދި ފެންފޮދެއް ބޮވުނަސް އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. އަނެއްބައި ކަންކަމަކީ ރޯދަވެރިޔާގެ އިޚްތިޔާރެއް ނެތި ކުރިމަތިވާ ކަންކަމެވެ. އެއީ މުޅި ދުވާލު ހޭނެތިފައި އޮތުމާއި، ޙައިޟުވެރިކަމާއި ނިފާސްވެރިކަމެވެ.
ޚުޠުބާ: ރޯދަހިފުމަކީ މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫޙާނީ ބާރު އިތުރުވާ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ