ދިވެއްސެއްގެ އެހީގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކޮށްފި އެވެ.
ވީ ކިހިނެއް؟ - ބަންގްލަދޭޝްގެ ޗަކަރިއްޔާ އަށުގައި ބިނާކުރި މި މިސްކިތުގެ ނަމަކީ 'މަސްޖިދު އަލް ވާލިދާން' އެވެ. މި މިސްކިތް އިއްޔެ ވަނީ ހުޅުވައި ބޭނުންކުރަން ފަށާފަ އެވެ.
އެ މިސްކިތް ހުޅުވައިދީ، އެ މިސްކިތުގެ ފުރަތަމަ ބަންގި ދީނީ ކަންކަމުގައި ޝާމިލްވެ އުޅޭ އަލީ ރަމީޒް އެވެ.
ތަފްސީލް - އަލީ ރަމީޒް ބުނި ގޮތުގައި:
އެ މިސްކިތް ބިނާކޮށްފައިވަނީ ދިވެހި އަމިއްލަ މީހެއްގެ ދީލަތި އެހީގައި، 'ހިދުމަތް' ޖަމިއްޔާއިން
މިސްކިތް ބިނާކުރި ސަރަހައްދަކީ ނަމާދު ކުރާނެ އެއްވެސް މިސްކިތެއް އަދި ފިރިހެނުން ނަމާދަށް އަރާނެ ގެއެއް ވެސް ނެތް ސަަރަހައްދެއް
މިފަދަ ސަރަހައްދެއްގައި މިސްކިތެއް ހުޅުވިގެން ދިއުމަކީ މި ސަރަހައްދުގެ އެންމެނަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެއް
އެ މިސްކިތް ހުޅުވައި ފުރަތަމަ ބަންގި ގޮވުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރުވެރިވަން
މި މިސްކިތް ބިނާކުރި އެހީ ޖަމިއްޔާއިން ބުނި ގޮތުގައި، އެ ސަރަހައްދުގައި މިސްކިތެއް ބިނާކުރީ އެ އަވަށުގެ ރައްޔިތުން އެކުއެކީގައި ނަމާދުކޮށްލާނެ މިސްކިތަކަށް ނުހަނު ބޭނުންވެފައި ތިއްބައި ކަމަށެވެ. އެކަމަށްޓަކައި އެ މިސްކިތް ބިނާކުރަން ފައިސާ ދިން ދިވެއްސަށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެނގުން މުހިންމު - ދިވެހީންގެ އެހީގައި މީގެ ކުރިން ބަންގްލަދޭޝްގައި ވަނީ ދީނީ އިލްމު ކިޔަވައިދޭނެ ސްކޫލެއް ވެސް ބިނާކޮށްފަ އެވެ. 'މާލްދިވް މަސްޖިދް މަދަރުސާ'ގެ ނަން ދީފައިވާ އެ އިމާރާތަކީ އެހީ ޖަމިއްޔާއިން އިއުލާންކޮށްގެން ހޯދި އެހީގެ ފަންޑުން އިމާރާތްކޮށްފައިވާ ތަނެކެވެ. އެގޮތުން:
ތިން ފަންގިފިލާގެ އެ އިމާރާތުގައި ވެސް މިސްކިތެއް ވަނީ ބިނާކޮށްފައި
އެ މިސްކިތް ބިނާކޮށްފައިވަނީ މިިދިޔަ ރޯދަަމަހާ ދިމާކޮށް ފައިސާ ހޯދަން އިއުލާންކޮށްގެން ދިވެހީންގެ ފަރާތުން ލިބުނު ފައިސާގެ އެހީގައި
މި މިސްކިތް ވެސް މިދިޔަ ހުކުރު ދުވަހު ވަނީ ހުޅުވާފައި
އެ އިމާރާތުގެ ތިރީ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ދީނީ އިލްމު ކިޔަވައި ދިނުމަށް
ބަންގްލަދޭޝްގެ އިތުރުން އިންޑޮނޭޝިއާ ފަދަ އެހެން ގައުމުތަކުގައި ވެސް ދިވެހީންގެ އެހީގައި މިސްކިތްތައް މީގެ ކުރިން ވަނީ ބިނާކޮށްފަ އެވެ.
ދިވެއްސެއްގެ އެހީގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ