އަބަދު ފައިސާއަށް ކިޔާތީ ކަމަށް ބުނެ ކޮއްކޮ، ބޭބެއަށް ހަމަލާދީފި

ރ. މަޑުއްވަރީގައި އެއްބަނޑު އެއްބަފާ ދެބެއިން މާރާމާރީއެއް ހިންގި މައްސަލައިގައި މީހަކު ހައްޔަރުކޮށް, ފުލުހުން ތަހުގީގު ފަށައިފިއެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މަޑުއްވަރީގައި ދެމީހުންގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް ރޭ 11:28 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މާރާމާރީގައި އެކަކަށް އަނިޔާވެފައިވާއިރު، އޭނާއަށް މަޑުއްވަރީ ހެލްތު ސެންޓަރުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އެ މައްސަލައިގައި ރޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. https://www.sun.mv/168203 އެ ރަށުން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ, އެ ރަށު ބީޗްހައުސް، އިސްމާއިލް އާސިފް, ކަމަށެވެ. އޭނާ ހަމަލާދިނީ އޭނާގެ ބޭބެއަށް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. "ބޭބެ އަބަދު ފައިސާއަށް ކިޔާތީ ރުޅި އައިސްގެން ހަމަލާދިން ކަމަށް ވަނީ. އާސިފަކީ މީގެ ކުރިން ވެސް މިފަދަ ރެކޯޑެއް އޮތް މީހެއް. އޭނާގެ ބޭބެއަކީ ވެސް ކުށުގެ ވެށީގައި އުޅޭ ކަމަށް ތުހުމަތު ކުރާ މީހެއް," އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި, އާސިފަކީ, ލަނޑާ ނަގާ ދޯންޏެއްގެ ތެރޭގައި 2019 ވަނަ އަހަރުގެ ފަހުކޮޅު ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދަށް ވަޅިން ހަމަލަދީ މޫދަށް އެއްލާލި މައްސަލައާ ގުޅިގެން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ހުކުމް ކޮށްފައިވާ މީހެކެވެ. އޭނާ ޖަލުން މިނިވަންވީ މިފަހުންނެވެ. "މި ފަހުން ރަށަށް އައިސް ވަރަށް ރަނގަޅަށް އުޅުނީ ވެސް. މީހުންނާ ވެސް ވަރަށް ގުޅިގެން. އެކަމަކު ނޯމަލް މީހުންނާ ތަފާތު ނަފްސާނީ މައްސަލައެއް އޭނާގެ ހުންނަކަން ފާހަގަ ކުރެވޭ," އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މާރާމާރީއާ ގުޅޭގޮތުން މަޑުއްވަރީ ކައުންސިލްގެ ބަހެއް މިހާތަނަށް ލިބޭގޮތެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ