މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުމަށް ދޭ ނޯޓިސްގެ މުއްދަތު 3 ދުވަހަށް ކުރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުމަށް ދޭ ނޯޓިސްގެ މުއްދަތު ތިން ދުވަހަށް ކުރުކޮށް، މަޖިލީހުގެ ގަވާއިދު މިއަދު އިސްލާހުކޮށްފިއެވެ. މިހާތަނަށް މަޖިލީހުގެ ގަވައިދުގައި ކޮމިޓީތަކަށް މީހުން ހާޒިރުކުރުމަށް ދޭ ނޯޓިސްގެ މުއްދަތު ހަމަވާނީ ފަސް ދުވަސް ތެރޭގައެވެ. މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރެވެ. މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 50 މެންބަރުންގެ އިއްތިފާގުން އެ އިސްލާހު ވަނީ ފާސްކޮށްފައެވެ. އޭގެ ތެރޭގައި އެ އިސްލާހަށް ތާއީދުކޮށް އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދާއި، މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވެސް ވަނީ ވޯޓުދެއްވައިފައެވެ. މެންބަރު ނަސީރު އިސްލާހު ހުށަހެޅުއްވީ މަޖިލިސް ގަވައިދުގެ 180 ވަނަ މާއްދާއަށެވެ. އެ އިސްލާހުގައި ވަނީ: މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް މީހެއް ހާޒިރުކުރެވޭނީ ނޯޓިސް ފޮނުވާ ތާރީޚުން ފެށިގެން، ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށް، ތިން ދުވަސް ދިނުމަށްފަހު ކަމަށް. މައުލޫމާތެއް ހޯދުމަށް، ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ހާލަތެއްގައި އެކަމަކަށް އެދެވޭނީ ވެސް ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތަށް، ތިން ދުވަސް ދިނުމަށްފަހު ކަމަށް. މި އިސްލާހުގެ މަސައްކަތް ކުރުމަށް އިއްޔެ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމި ކަންތައްތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ނަމަ، މި އިސްލާހާއެކު ކޮމިޓީ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އަވަސް ވާނެއެވެ. އަދި ކޮމިޓީތަކަށް މީހުން ހާޒިރުކުރުމާއި، މައުލޫމާތުތައް ސާފުކުރުމަށް ވެސް ފަސޭހަވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ