ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ، ދައުލަތަށް ނެގޭނެ ވަށައިޖެހޭ ނިޒާމެއް ނެތުމަކީ، ކޮރަޕްޝަންފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް، އެފަދަ ފައިސާއާއި މުދަލުން ނަހަމަ މަންފާ ލިބިގަނެ، އޭގެ އަސްލު އޮޅުވާލައި، އެތަކެތިން ތަސައްރަފުކޮށް، ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމަށް ހުޅުވާލެވިފައިވާ ދޮރަކަށްވާތީ، މިކަމަށް ޙައްލެއް ހޯދުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން އިސްނަގައިގެން ކުރި މަސައްކަތުން އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނެއްވަނީ އެކުލަވާލާފައެވެ.
މި ނަމޫނާ ޤާނޫނުގެ ފޮތް ނެރެދެއްވީ، އެ ކަމަށްޓަކައި އޭސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް، މާފުށީ ދާއިރާގެ މެމްބަރު، އަލްއުސްތާޛް ޙުސައިން ރިޟާ އާދަމްއެވެ.
މި ޤާނޫނުގެ ފޮތް އެކުލަވާލުމުގެ މަޤްޞަދަކީ، ކުށުގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާއާއި މުދާ އަނބުރައި ހޯދައި، އެތަކެތި، ދައުލަތަށް ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނޭ ވަށައިޖެހޭ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމަށްޓަކައި މަގެއް ކޮށައިދިނުމެވެ. ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ހޯދުމާގުޅޭ ޤައުމީ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، އެކަމާގުޅޭ މުއައްސަސާތަކުގެ އިސްވެރިންގެ ބައްދަލުވުންތަކެއް، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ބޭއްވުނެވެ. އެސެޓް ރިކަވަރީ ޤާނޫނެއް އެކުލަވާލުމަށްޓަކައި، ފުރަތަމަ ޑްރާފްޓްގެ މަސައްކަތް ކުރެވިފައިވަނީ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއެކު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުންނެވެ.
ކުށްކޮށްގެން ހޯދާ ފައިސާއާއި މުދާ އަނބުރާ ދައުލަތަށް ނެގުމާ ގުޅޭ ވަކި ޚާއްޞަ ޤާނޫނެއް ދިވެހިރާއްޖޭގައި ނެތުމާއެކު، މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުރި ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން މި މަސައްކަތް ކުރެވެން އޮންނަ ގޮތާއި، މި މަސައްކަތް ކުރުމަށް ޤާނޫނީ ޒިންމާ މަތިކޮށްފައިވާ އިދާރާތަކަކީ ކޮބައިކަމާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ތަޢާރުޟުނުވާ ގޮތުގެމަތިން، އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނުގެ ފޮތުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އެގޮތުން ކޮމިޝަނުގެ މެންބަރުންގެ ލަފާއާއި ކޮމިޝަނުގެ ދިރާސާއަށް ބިނާކޮށް، ދިވެހިރާއްޖޭގެ ޙާލަތާއި، ތަންފީޒު ކުރަމުން އަންނަ ޤާނޫނުތަކާއި ގަވާއިދުތަކަށް ރިޢާޔަތްކުރުމާއެކު އެސެޓް ރިކަވަރީގެ ވަށައިޖެހޭ ނަމޫނާ ޤާނޫނެއް ޑްރާފްޓްކޮށް ނިންމާފައިވެއެވެ.
އެކުލަވާލާފައިވާ މި ނަމޫނާ ޤާނޫނުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި:
1. ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ ޤާނޫނީ އުޞޫލުތައް ކަނޑައެޅުން.
2. ކުށްކުށާ ގުޅުންހުރި ފައިސާއާއި މުދާ އެހެން ފަރާތްތަކުގެ އަތްމައްޗަށް ދިޔަނުދިނުމަށް އެ ތަކެތި ހިފެހެއްޓުމާއި ތަޞައްރަފުކުރުން މަނާކުރުން.
3. ކުށްކުރުމަށް މަގުފަހިކުރާ ފައިސާއާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމުތަކަށް ހުރަސްއެޅުން.
4. ރާއްޖެއިން ބޭރުގައިވާ ކުށްކުށާގުޅޭ ފައިސާއާއި މުދާ ހޯދުމާއި ހަވާލުކުރުމުގެ އުޞޫލުތައް ކަނޑައެޅުން.
5. ބޭރު ޤައުމުތަކުގެ ކުށްކުށާ ގުޅޭ، ރާއްޖޭގައިވާ ފައިސާއާއި މުދާ ހޯދާ އެތަކެތި ޤައުމުތަކާ ހަވާލުކުރުމުގެ އުޞޫލުތައް ބަޔާންކުރުން.
6. ދައުލަތަށް ނެގޭ ފައިސާއާއި މުދަލާގުޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުން.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ކުރަމުންދާ މި މަސައްކަތުގެ އުންމީދަކީ ކުށުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާއާއި މުދާ ހޯދުމަށް އެކަށީގެންވާ، ވަށާ ޖެހޭ އެސެޓް ރިކަވަރީ ޤާނޫނެއް ވީހާވެސް އަވަސް މުއްދަތެއްގައި ތަސްދީޤުވެގެން ދިއުމެވެ.
"އެސެޓް ރިކަވަރީ ނަމޫނާ ޤާނޫނު"ގެ ފޮތް އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ