ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދު ކުރަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނަސް މަރާލާފައި ވަނީ ޖުލައި 31، 2017 ގައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނަސްގެ މަރުގެ ދައުވާ 7 މީހެއްގެ މައްޗަށްކޮށްފައެވެ. އެ ހަތް މީހުންނަކީ މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރައްޒާގް، ސ. ފޭދޫ/ ވެސްޓަންވިލާ ހަސަން މަހްފޫޒް، ޅ. ކުރެންދޫ/ އަސަރުމާގެ އަހުމަދު ޒަޔާން، ތ. ކިނބިދޫ/ ގުލްފާމްގެ މުހައްމަދު ޝާޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲގެ އިތުރުން މ. ދިމިޝްގު އުސްމާން ޝަރީފްއެވެ. މީގެ އިތުރުން ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
މި މައްސަލައިގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ވަނީ މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައެވެ. އެ ނިންމުން ވަނީ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށް އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން އެމީހުން ބަންދުކޮށްފައި ބެހެއްޓުމަށް އެދިފައެވެ. ނަމަވެސް ދެ ފަހަރުވެސް ހައިކޯޓުން ވަނީ އެމީހުން ބަންދު ނުކުރަން ނިންމާފައެވެ. އެހެންކަމުން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މި މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ އަގުލަބިއްޔަތުން ނެރުއްވި ހުކުމުގައި ވަނީ އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ބަލާއިރުގައި މުޖުތަމައަށް ނުރައްކާ އޮތް މިންވަރަށް ބަލަން ޖެހޭ ކަމަށެވެ. ދައުލަތުން ހުށަހެޅި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން މުޖުތަމައަށް ނުރައްކާ އޮތް ކަމުގެ ހާލަތު ވުޖޫދުގައި އޮތް ކަން ސާފުވާ ކަމަށާއި އެ ހާލަތު އޮތް ކަން ދައުލަތުން ސާބިތުކޮށްދީފައިވާތީ ވެ، ބަންދުގައި ކިތަންމެ ދިގު މުއްދަތެއް ހޭދަކޮށްފައި އޮތަސް މި މަރުހަލާގައި ވެސް ބަންދު ކުރަން ޖެހޭ ކަމަށް އެ ފަނޑިޔާރުން ނިންމެވިއެވެ.
ނަމަވެސް އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔު ތަފާތެވެ. ޝުޖޫންގެ ރައުޔަކީ މުޖުތަމައަށް ނުރައްކާ އޮތް ކަން ސާބިތުވާ ވަރަށް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. އެ ގޮތުން މުޖުތަމައަށް ނުރައްކާ އޮތްކަން ސާބިތުކުރަން ދައުލަތުން ހުށަހެޅީ އެންމެ ލިޔުމެއް ކަމަށެވެ. ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބަލައިގެން މީގެ ކުރިން ވެސް މަތީ މަރުހަލާގެ ކޯޓުތަކުން ގޮތެއް ނިންމައިފައި ނުވާ ކަމަށް ސޫޖޫންގެ ރައުއުގައި ވެއެވެ.
އަނަސްގެ މަރުގައި ތުހުމަތުކުރެވޭ މީހުން ހައިކޯޓުގެ މައްސަލަ ނިމެންދެން ބަންދުކުރަން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ