މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލް ދިރާސާކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލާ މެދު ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާ ކައުންސިލް އަދި ޖާނަލިސްޓްސް އެސޯސިއޭޝަނުގެ އިތުރުން ބައިނަލްއަޤްވާމީ ގިނަ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް މި ބިލު ވަނީ ދައުރުން ބޭރު ޖަލްސާއެއްގައި މަޖިލީހުން ބަލައިގަނެފައެވެ.
ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ ވިދާޅުވި ގޮތުގައި، ކޮމިޓީ ސިއްރުކުރަން ނިންމީ އާންމުންގެ ފަރާތުން ބިލަށް ލިބިފައިވާ ކޮމެންޓްތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެތީއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ބިލުގެ ކޮންމެ މާއްދާއަކަށް ވެސް 10-12 ކޮމެންޓް އާންމުންގެ ފަރާތުން ލިބިފައިވެއެވެ.
މީގެ ކުރިން ކޮމިޓީން ވަނީ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ އެކު ތާވަލުކުރި ބައްދަލުވުންތައް ކެންސަލްކޮށްފައެވެ. އަދި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުން ވަނީ ބިލާ ދެކޮޅު ހަދާފައެވެ.
ކޮމިޓީން މީގެ ކުރިން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލުގެ މަސައްކަތް ނިންމަން ފާސްކޮށްފައެވެ. އަދި އަންނަ ހޯމަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފައެވެ. މި ބިލުގައި ހިމެނޭ ގިނަ މާއްދާތަކަކީ މީޑިއާގެ މިނިވަންކަމަށް ނުރައްކާވެދާނެ މާއްދާތަކެއް ކަމަށް ނޫސްވެރިންނާއި މީޑިއާގެ ދާއިރާގެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ސިއްރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ