އަތްބުރި ކުރަންޖެހޭ މީހުން ތިބީ ސަރުކާރުގައި: ޔާމީން

އަތްބުރި ކުރަންޖެހޭ މީހުން ތިބީ މި ސަރުކާރުގައި ކަމަށް ކުރީގެ ރައީސް އަަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ތަސްދީގުކުރައްވާފަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި އެ ގާނޫނަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ އެފަދަ ގާނޫނުތައް ހެދި ނަމަވެސް އެއީ ރާއްޖޭގައި ހިންގޭނެ ގާނޫނުތަކެއް ނޫން ކަމަށާއި މީހުންގެ އަތްކަނޑައި މީހުންގެ ބޯ ބުރިކުރުން ފަދަ އަދަބުތައް ރާއްޖޭގައި ނުދެވޭނެ ކަމަށެވެ.
"ފަނޑިޔާރުންގެ އިންސާފުވެރިކަމާއި އަދުލުވެރިކަން އެއް ކިބައިގައި ބާއްވާ. ރައްޔިތުންނެއް ޓޮލެރޭޓެއް ނުކުރާނެ މިކަހަލަ އަނިޔާއެއް. ބޯ ބުރި ކުރަންޏާ ކުރަންޖެހޭ މީހުން މިތިބީ ސަރުކާރުގައި. އަތްބުރި ކުރަންޏާ ކުރަންޖެހޭ މީހުން މިތިބީ ސަރުކާރުގައި،" ޔާމީން ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޔާމީން ވަނީ ފުލުހުންގެ މުއައްސަސާގެ ކަންކަން ރަނގަޅު ކުރަން އިހުސާނަށް ދެ އަހަރު ލިބިފައިވާ ކަމަށާއި ކުރެވުނީ ކޮން ކަމެއްތޯ ސުވާލުކުރައްވާފަ އެވެ. އަދި މުޅި ފުލުހުންގެ އިސްވެރިން ސަސްޕެންޑްކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމާފައިވާއިރު، އެއީ މަޖިލީހުގެ ކޮމިޓީއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިހުސާނަށް އެ ފުލުހުން ދިފާއުނުކުރެވޭނަމަ މަގާމުން ދުރަށް ވަޑައިގަތުމަށް ވެސް ޔާމީން ގޮވާލެއްވި އެވެ.
"އެހެންވީމަ އެހެން މީހުންގެ ބޮލަކަށް ޒިންމާ ކަނޑަން އުޅޭނެ ކަމެއް ނެތް. މިހާރު ކަންކަމާ ހަވާލުވެ ތިތިބީ ކަލޭމެން. ކަލޭމެންނަށް ނުކުރެވެންޏާ ދުރަށް ދޭ،" ޔާމީން ވިދާޅުވި އެވެ.
އިހުސާނަށް ބަހުގެ ހަމަލާތައް ޔާމީން އަމާޒުކުރައްވާފައިމިވަނީ، ވެރިކަމުގައި ފުލުހުންނަށް އިތުބާރު ހޯދައިދިންނަމަ ސިޓިން ރޫމުގައި ފުލުހުންގެ ވާހަކަދައްކަން ޔާމީނަށް ނުޖެހުނީސް ކަމަށް އިހުސާން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ