ރަސްމާލެ ފަޅުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައިފި

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރުމަށް ގެނައި ދެ ޑްރެޖަރާއެކު އެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ރަސްމާލެ ފަޅު ހިއްކުމުގެ މަސައްކަތް މިވަގުތު ގޮސްފައިވާ ހިސާބު ހިއްސާކޮށްފައެވެ. އެގޮތުން މިއަދާ ހަމަޔަށް ރަސްމާލެ ފަޅުން 215 އަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމިފައިވާކަން އެޗްޑީސީން ބުންޏެވެ. ރަސްމާލެ މަޝްރޫޢުއަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ އުއްމީދީ މަޝްރޫޢުއެވެ. 
ރަސްމާލެއިން ޖުމްލަ 25000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބުރުގައި އެކަނިވެސް 15000 ގޯތިދޫކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ރަސްމާލެ ހިއްކާ ނިންމުމަށްޓަކައި ފަޅުގެ ތިން ސަރަހައްދަކުން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްގީ ކުރާ ރަސްމާލެ ތަރައްގީ ކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ