ބާރްތީއަށް މިފަހަރުވެސް ލިބުނީ ފިރިހެން ކުއްޖެއް

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި ބަތަލާ ބާރްތީ ސިންގްއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. ބާރްތީ އާއި ފިރިމީހާ ހަޝް ލިމްބަޗިޔާއަށް ދެވަނަ ދަރިފުޅު ލިބުނުކަން މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު ބާރްތީ ވިހާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ބާރްތީ ދިޔައީ އާދައިގެ އެހެން ދުވަސްތަކެކޭ އެއްފަދައިން އޭނާ ހޯސްޓު ކުރަމުން އަންނަ "ލާފްޓާ ޝެފްސް"ގެ ޝޫޓިންގްއަށް ދިއުމަށް ތައްޔާރުވަމުން ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި އިމަޖެންސީގައި ބަތަލާ ގެންދެވުނީ ހޮސްޕިޓަލަށް ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ބާރްތީ ވިހެއިކަން އެނގުމާ އެކު "ލާފްޓާ ޝެފްސް"ގެ ޓީމުން އިންސްޓަގްރާމް މެދުވެރިކޮށް ބާރްތީގެ އާއިލާއަށް ވަނީ މަރުހަބާ ކިޔާފައެވެ. ބާރްތީ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފައި ވަނީ ބަލިވެއިންތާ މަސްތަކެއްވީ ފަހުން މިދިޔަ އޮކްޓޯބަރު މަހުތެރޭގައެވެ. ދެވަނަ ދަރިފުޅު ލިބެން އުޅޭކަމުގެ ޚަބަރު ސަޕޯޓަރުންނާ ހިއްސާކުރީ އާއިލާއާ އެކު ބާރްތީ ސުވިޒަލޭންޑަށް ކުރި ޗުއްޓީ ދަތުރެއްގައެވެ. ބާރްތީ އާއި ހާޝް ބާރްތީ--ފޮޓޯ.އިންޑިއަންއެކްސްޕްރެސް ބާރްތީ އާއި ހާޝްގެ ކައިވެނި ކުރީ 2017 ވަނަ އަހަރެވެ. އަދި ދެމީހުންގެ އަލަތު ދަރިފުޅު ލަކްޝްޔާ (ގޯލާ) ލިބުނީ 2022 ވަނަ އަހަރެވެ. އަލަތު ދަރިފުޅު ލިބުމަށްފަހު ބާރްތީ ބައިވެރިވި ވަރަށް ގިނަ އިންޓަވިއުތަކުގައި ދެވަނަ ކުއްޖަކު ބޭނުންވާކަމަށާއި ދެން ބޭނުންވަނީ ވެސް އަންހެން ކުއްޖެއް ކަމަށް ބާރްތީ ވަނީ ތަކުރާރުކޮށް ބުނެފައެވެ. އިންޑިއާގެ އެންމެ މަގުބޫލު އަދި މަޝްހޫރު އަންހެން ކޮމޭޑިއަނުންގެތެރޭ ހިމެނޭ ބާރްތީ އަކީ އަންހެނުން، ކޮމޭޑިއަނުންގެ ގޮތުގައި ކުރިއަށް ނެރެން މަސައްކަތްކުރާ، އެކަމަށް ހިތްވަރު ދިނުމުގައި ވެސް ދެމިހުރި މީހެކެވެ. ބާރްތީގެ ފިރިމީހާ އަދި ލިޔުންތެރިޔާ ހާޝް ވެސް މިހާރު އަންނަނީ ބާރްތީއާ އެކު ޝޯ ހޯސްޓު ކުރުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ. ދެމަފިރިން އެކީގައި ހިންގަމުން އަންނަ ޔޫޓިއުބް ޗެނަލަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ ޗެނަލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ