ރާއްޖޭން އަދާކުރަންޖެހޭ ދަރަނި އޮތީ ބިލިޔަން ޑޮލަރަށް ވުރެ މަތީގައެވެ. އެތެރެއާއި ބޭރުން ދަރަނި ނުނަގާ ދައުލަތުގެ އާއްމު ހަރަދުތައް ހަމަޖެއްސޭކަށް ނެތެވެ. ލިބޭ އާމްދަނީއަށް ވުރެ ހިންގުމުގެ ހަރަދު ބޮޑެވެ. ބާޒާރުގެ އިންފްލޭޝަން އެހާ މައްޗެވެ. ޑޮލަރގެ އަގު މައްޗަށް އަރަމުން ދަނީ ރޮކެޓް ސްޕީޑްގައެވެ.
ގާއިމު ކުރަން ފަށާފައިވާ އަސާސީ ހިދުމަތްތައް ގާއިމު ކޮށްދެވޭ ވަރުގެ ކެރި ފޯރުންތެރި ކަމެއް ގައުމުގެ ހަޒާނާގައި ނެތެވެ. މާލެ ސަރަހައްދާއި އައްޑޫފަދަ ބައިބޯ އާބާދީތަކުގައި ދެވޭ ކަރަންޓްގެ ހިދުމަތް އޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. މާލެ ސަރަހައްދުގައި އަލަށް އިމާރާތްކުރި 4000 ފްލެޓް މީހުނަށް ދިނަސް އެތަންތަނަށް ބޭނުންވާ ވަރަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް އަދި ނެތެވެ.
އާސަންދަ ލިބުމުގެ ތާށިކަން ބޮޑުވެ ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު ތިބީ މަރަށް ތެޅިތެޅިއެވެ. ބަލި ބައްޔަށް ބޭނުންވާ އެކަށީގެންވާ ރަނގަޅު ގިނަ ބޭސް ރާއްޖޭން ލިބުން އިންތިހާއަށް ދައްޗެވެ. ސަރުކާރު ހޮސްޕިޓަލްތަކުގެ ސާފު ތާހިރުކަން ހިފަހައްޓަން ބޭނުންކުރާ އަތްމަތީ އާއްމު ކެމިކަލްތަކާއި އެހެނިހެން އާލާތް ލިބުމުގެ އުދަގޫތަކާއި އެކު ސިއްހީ ހިދުމަތަށް ބޭނުންވާ މުހިންމު އެތައް ވަސީލަތެއް ލިބުމުގައި އިންތިހާއަށް ދައްޗެވެ. ކުރިން ހެދޭ އެތައް ޓެސްޓަކާއި ދެވޭ އެތައް ފަރުވާއެއް ފައިސާގެ ދަތިކަމާހުރެ ނުދެވުމާއި ހުއްޓުމާއި ލަސްވުން ވަނީ އާއްމުވެފައެވެ.
ޕެންޝަން ފަންޑަށް ޓީބިލުގެ ފައިސާ ނުދެވުމުން ރުފިޔާ ޗާޕް ކުރާ ހިސާބަށް ދިޔަސް ވަރިހަމަތާއެވެ. ކަރިސާގެ ހާލަތެއް ނެތި ގައުމަށް އިހުނަށްވުރެ ލިބޭ އާމްދަނީ އިތުރަސް ވިލުންތެރި އިގްތިސޯދެއްގެ ކުޑަވެސް އަސަރެއް ނެތެވެ. މީން ޒަމާނަކު ދިވެހިން ނުވެއްޓޭ ދަރަޖައަށް ފުދުންތެރިކަން ވެއްޓި ބިކާރީ ނުވާ މީހަކު މަދެވެ. ކުރުކޮށް ބުނާ ނަމަ ރާއްޖޭގެ މާލީ ހާލަތު ދަށްވެގެން ގޮސް ގައުމު މިވަނީ ބަނގުރޫޓް ވެދާފަދަ ނުރައްކާތެރި ފައްތަރެއްގެ މަތީގައެވެ.
އެހެނެއް ކަމަކު ފުލުފުލުގައި އަގުބޮޑު ޑްރޯނުތައް ގަނެގެން ރާއްޖެއަށް މިގެންނަނީ އަސްކަރީ ކިހާވަރެއްގެ ބާރަކަށް ގައުމު ހަދަން ބާވައެވެ. 90 މިލިޔަން ޑޮލަރ ހަރަދުކޮށްގެން ޑްރޯން ގަނެގެން ވިޔަސް އަސްކަރީ ގޮތުން ވަރުގަދަ ކުރުން، ގައުމު ދަރަނިވެރިކަމާއި ބަނގުރޫޓް ހާލަތަށް ވެއްޓުނަ ނުދިނުމަށްވުރެ ރައީސް މުއިއްޒަށް މުހިންމެވެ. ރައްޔިތުން ނުކައި ނުބޮއި އުޅުމާއި ބޭސްފަރުވާ ނުކުރެވިގެން ދިރި ތިބުމުން މަހުރޫމު ވެގެން ދިޔަ ނުދިނުމަށްވުރެ އެއަރފޯސް ބާރުވެރިކުރުން މުއިއްޒަށް މުހިންމެވެ. ޑްރޯނާއި މަނަވަރާއި ރަސްމާލެ އަކީ ގައުމު ލޫޓްވާލަން ދިޔަނެރެލަން އަޅާ އޮބި އޮތްބެކެވެ.
ޑްރޯން ގަތުމަކީ ލޫޓްވާލަން ދިޔަނެރެން އަޅާލާ އޮތްބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ