'ކަލާ ތިހާ ކައިރީ ހުރީމަ ލޯ އެޅޭނެޔޭ': ތައްޔާރުނުވެ ނެށި ލަވައަށް ސަމާލުކަން ލިބުނީ އުންމީދު ނުކޮށް ތިއްބައި
މި އަހަރުގެ ބޮޑު އީދު ނިމުނުއިރު، މީސްމީޑިއާގެ ހުރިހާ މަންސަތައް ފަޅުފިލުވާލީ އެންމެ ލަވައަކުންނެވެ. ޓިކްޓޮކާއި ފޭސްބުކް ހުޅުވާލިޔަސް ފެންނަނީ ހަމަ އެ ލަވައެވެ. އެއީ ރ. އުނގޫފާރުގައި އަންހެނަކާއި ފިރިހެނަކު ނަށާފައިވާ "ކަލާ ތިހާ ކައިރީ ހުރީމަ ލޯ އެޅޭނެޔޭ" ލަވައެވެ. ހަތަރު މިނެޓާއި 29 ސިކުންތުގެ އެ ލަވައަށް ކަޅު ގަމީހަކާއި ޒަމާނީ ފޭއްޔެއްގައި ނަށާފައި ވަނީ، ފުލުހުންގެ ވަޒީފާ އަދާކުރަމުން އަންނަ ޙުސައިން ޝިޔާމެވެ. އެ ލަވައަށް އިތުރު ފުރިހަމަ ކަމެއް ގެނުވީ، ޝިޔާމާއެކު ނެށި ސީމާ އާދަމެވެ. ދެ މީހުންގެ ނެށުންތެރިކަމާއި ފަރި ހަރަކާތްތަކުން އެންމެން ކޮސްކޮށްލިއެވެ. ލަވައިގެ ޅެންވެރިކަމާއި ކިޔާފައިވާ ހިތްގައިމު ގޮތާއި ޝިޔާމާއި ސީމާގެ ނެށުމުގެ ހުނަރުތައް އެހާ ޗާލެވެ. މުޅި ރާއްޖެއަށް ވައިރަލްވުމުގެ ސިއްރަކީ، އެ ހުރިހާ ކަމެއް ގުޅިލާމެހިފައިވުމުން ކަމަށް ބެލެވެއެވެ. އަދިވެސް، މީސްމީޑިއާގެ އެކި މަންސަތައް މި ލަވައިން ފުރިފައި އޮންނަކަމީ އެކަމުގެ ހެއްކެކެވެ. ލަވަ ކިތަންމެ ދިގަސް، "ކަލާ ތިހާ ކައިރީ ހުރީމަ ލޯ އެޅޭނެޔޭ" އާ ގުޅިގެން ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލުތައް ވެސް މަދެއް ނޫނެވެ. މި ރިޕޯޓު ޚާއްސަ މި ކުރަނީ އެ ސުވާލުތަކުގެ ޖަވާބުތައް ކިޔައިދިނުމަށެވެ. އެސްއެސްޓީވީގެ ޕްރޮގްރާމުން އެ ޖަވާބުތައް ލިބެއެވެ. ތައްޔާރު ނުވެ ނެށި ލަވައެއް މަޝްހޫރުވެ، އެންމެންގެ ސަމާލުކަން އާ ކައުންސިލަރުން ހުވާ ކުރުމަށްފަހު، އުނގޫފާރު ކައުންސިލަށް ވެސް އީދަށް ތައްޔާރުވާން ލިބުނީ އެންމެ ހަތަރު ދުވަހެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ހުރިހާ ކަމެއް ތައްޔާރުކޮށް، އީދު ކޮމިޓީއެއް އެކުލަވާލިއެވެ. އީދުގެ ހަރަކާތްތަކަށް ތައްޔާރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ، އެ ގުރޫޕުންނެވެ. އެއީ، ޖަމިއްޔަތުލް ސައިފް ގުރޫޕެވެ. އެކަމަކު، ޒުވާނުންނާއި އެހެނިހެން އުމުރުގެ މީހުން މަސައްކަތް ކުރީ ދެ ބަޔަކަށް ބެހިގެންނެވެ. ޝިޔާމް މަސައްކަތް ކުރީ އެހެނިހެން މީހުންގެ ޓީމުގައެވެ. މިގޮތުން، އީދުގެ ހަރަކާތްތަކަށް ތައްޔާރުވުމަށް ލިބުނު މަދު ދުވަސްކޮޅު ތައްޔާރީތައް އައީ ބާއްވަމުންނެވެ. https://sun.mv/222720 އެސްއެސްޓީވީއަށް ދިން އިންޓަވިއުއެއްގައި އީދު ކޮމިޓީގެ ރައީސް އަހުމަދު ނިޔާޒު ކިޔައިދިން ގޮތުގައި، ކޮންމެ ރެއަކު ވެސް ޕްރެކްޓިސްތައް ނިންމުމަށްފަހު ދެތިން މީހަކު އެތަނުގައި ތިބޭ ކަމަށެވެ. އެ މީހުންގެ ތެރޭގައި ޝިޔާމް ވެސް ހިމެނެއެވެ. އެ ގަޑީގައި 'ކަލާ ތިހާ ކައިރި ހުރީމަ ލޯ އެޅޭނެހޭ' ލަވަ ޕްލޭކޮށްލާއިރަށް، ޝިޔާމް ނަށައެވެ. ދެ ތިން ރެއަކު އެ ގޮތަށް އޭނާ ނެށިއެވެ. އޭނާއަކީ، ނެށުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށްވާއިރު، އީދުގެ ހަރަކާތްތަކުގައި މި އަހަރު ވަރަށް ބޮޑަށް ހަރަކާތްތެރިވިއެވެ. އީދު ހަރަކާތްތަކުގެ ތެރެއިން، މި ލަވައަށް ޝިޔާމް ނަށަން އެދުނީ ނިޔާޒެވެ. އެކަމަކު، އޭރު އެ ކަމަށް ޝިޔާމްގެ މާ ބޮޑު ޝައުގެއް ނެތެވެ. ނަމަވެސް، ދެވަނަ ފަހަރަށް ނިޔާޒު އެ ކަމަށް އެދުނެވެ. އެއާއެކު، ޝިޔާމް އެ ކަމަށް އެއްބަސްވެސް ވިއެވެ. "އޭރުގަ ދެން ޝިޔާމް ކޮންމެސް ވަރަކަށް އެ ލަވައަށް ނަށާފަ ހުރީމަ، އަޅުގަނޑުމެން އެރޭ ކަންމަތީގައި ހުރި ހަރަކާތްތައް މަދުވީމަ އެ ތަނުގައި ހުރެފަ މި ރިކުއެސްޓުކޮށްލީ ޝިޔާމަށް ހިނގާށޭ މި ލަވަ ލާން. އެގަޑީގައި ޝިޔާމް ބުނުއްވި އޯކޭޔޭ" ނިޔާޒު ކިޔައިދިނެއެވެ. ސީމާ: އޭނާ ބުނީ ލަވައިގެ ހުރިހާ ކްރެޑިޓެއް ހައްގުވާނީ އޭނާގެ ފިރިމީހާ މަތީންނަށް ކަމަށް --- ފޮޓޯ/ އުނގޫފާރު. ކޮމް އޭރު އެންމެން ވެސް ކިޔަމުން ދިޔައީ ޝިޔާމް އެކަނި އެ ލަވައަށް ނެށުމަށެވެ. އެކަމަކު، ލަވައިގެ ޅެން ކުރިން އަޑުއެހިފައި ހުރުމުން އަންހެނަކު ނަށައިފިނަމަ، ލަވަ އިތުރަށް ފުރިހަމަ ވާނެ ކަމަށް ޝިޔާމް ނިންމިއެވެ. އެހެންވެ ޝިޔާމް އެ ކަންވެސް ހަމަޖެއްސިއެވެ. ފުލުހެއްގެ ވަޒީފާ އަދާކުރާ ޝިޔާމް ބުނި ގޮތުގައި، އެއީ ކުއްލިއަކަށް އައި ޚިލާޔެކެވެ. ދެން ހިތަށް އަރާނެ ސުވާލަކީ، ޝިޔާމާއެކު ނެށީ، ކޮން އަންހެނެއް ތޯއެވެ. އެއީ، އީދު ކޮމިޓީގައި ޝިޔާމާއެކު އުޅުނު މަތީންގެ އަންހެނުން ސީމާއެވެ. މި ލަވައަށް އެ މީހުން ނެށީ ވެސް، މަތީންގެ ހުއްދަ ލިބިގެންނެވެ. މި ލަވައިގެ މެދުތެރެއެއްހާ ހިސާބުން ނަށަން އަރަނީ ސީމާގެ ފިރިމީހާއެވެ. ސީމާ ބުނީ، ލަވައަށް ނެށީ ވެސް ތައްޔާރު ވެގެނެއް ނޫން ކަމަށާއި ނެށީ މިހާ ބޮޑަށް މަޝްހޫރު ވާނެ ކަމަށް އުންމީދުކޮށްގެން ނޫން ކަމަށެވެ. "މި ލަވައިގެ ސަބަބުން ރައްޓެހިންގެ ފަރާތުން ވަރަށް ބޮޑު ރަނގަޅު ކޮމެންޓުތަކެއް ލިބުނު. ދެން ވަރަށް އުފާވި. މީގެ ހުރިހާ ކުރެޑިޓެއް ދޭނީ އަޅުގަނޑު ފިރިމީހާއަށް. ފިރިމީހާގެ އެދުމުގެ މަތިން އަޅުގަނޑު މިކަން ކުރީ" ސީމާ ކިޔައިދިނެވެ. ސީމާގެ ފިރިމީހާ މަތީން --- ސީމާ އެކޭ އެއްގޮތަށް މިހާ ބޮޑަށް މަޝްހޫރުވުމުން ޝިޔާމް ވެސް ހުރީ ހައިރާންވެފައެވެ. އަދި، މި ލަވައިގެ ސަބަބުން، މީގެ އަހަރުތަކެއް ކުރީގެ ރައްޓެހިންނާ ބައްދަލުވުމުން ޝިޔާމް ހުރީ ވަރަށް އުފަލުންނެވެ. ނެށުމުގެ ހުނަރަށް ތައުރީފުކުރި މީހުން ގިނަވިޔަސް، ފާޑުކިޔުންތައް ވެސް އޭނާއަށް އަމާޒުވިއެވެ. އެކަމަކު، އެ ކަންކަން ވެސް އޭނާ ބަލައިގަތީ އުފާވެރިކަމާއެކީގައެވެ. އުންމީދުނުކޮށް ތިއްބައި، މިހާ ބޮޑަށް ލަވަ 'ވައިގައި' ހިފުމުން ބަދަލުތަކެއް ވެސް ދިރިއުޅުމަށް އަންނާނެތާއެވެ. އެގޮތުން މަސައްކަތަށް ސަމާލުކަން ނުދެވޭހާ ގިނައިން ޝިޔާމަށް ފޯނު ކޯލުތަކާއި މެސެޖުތައް ލިބުނެވެ. އަދި، ޝިޔާމާއި ސީމާއަށް ވެސް އެކި މުނާސަބަތުތަކުގައި ނަށަން ފުރުސަތުތައް އަންނަނީ ހުށަހަޅަމުންނެވެ. ނަމަވެސް، ފުލުހުންގެ ވަޒީފާ ދޫކޮށް، އެކްޓިންގެ ދާއިރާއަށް ނިކުންނާކަށް އޭނާގެ ޝައުގުވެރިކަމެއް ނެތެވެ. "އެކަމަކު ވެސް އަޅުގަނޑު މި މަސައްކަތްކުރާ ދާއިރާއިން މި ކަހަލަ ފުރުސަތެއް ލިބިއްޖެއްޔާ އަޅުގަނޑު އެ ފުރުސަތުގެ ބޭނުން ހިފާނަން. މި ފިލްމު ސްޓާރެއް ގޮތަށް އިޝްތިހާރު ކުޅެ، ނަށާ ގުރޫޕުތަކާ ޖޮއިންވުމުގެ ޝައުގެއް ނެތް" ޝިޔާމް ކިޔައިދިނެވެ. ޝިޔާމް ލަވައަށް ނަށަނީ: މި ތައްޔާރުވެގެން ނެށި ލަވައެއް ނޫން ކަމަށް އޭނާ ބުނޭ --- ފޮޓޯ/ އުނގޫފާރު.ކޮމް ގިނަ ބަޔެއްގެ ހިތްތަކާ ވަރަށް ބޮޑަށް ކުޅުނު މި ލަވައަކީ، މީގެ އަހަރުތަކެއް ކުރިން އަބްދުﷲ ވަހީދު (ފީއަލި)ގެ ޅެމަކަށް އޭނާ ކިޔާފައިވާ ލަވައެކެވެ. އޭނާ އެސްއެސްޓީވީއަށް ބުނި ގޮތުގައި، މި ލަވަ ހަދާފައިވަނީ ހިންދީ ލަވައިގެ ރާގާއި ޅެމާ ވައްތަރު ގޮތަށެވެ. މީގެ އަހަރުތަކެއް ކުރިން މި ލަވަ ހިމެނޭ އަލްބަމަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނު ކަަމަށް އޭނާ ބުންޏެވެ. އޭނާ ވެސް ދެކޭ ގޮތުގައި، މި އަހަރު ލަވަ މަގުބޫލުވީ، ޅެންވެރިކަމާއި ނެށުމާ ހުރިހާ ކަމެއް މީހުންނަށް ކަމުދިޔުމުންނެވެ. ކޮންމެއަކަސް، އަދިވެސް އެންމެން ކިޔަނީ "ކަލާ ތިހާ ކައިރި ހުރީމަ ލޯ އެޅޭނެހޭ"އެވެ. އީދު ނިމުނަކަސް، މި ލަވައަށް އޮތް މަގުބޫލު ކަމެއް އަދިވެސް ކުޑައެއް ނޫނެވެ. އެންމެންގެ ހިތްތަކުގައި މި ލަވައަށް އޮތް ޖާގަ ކުޑައެއް ވެސް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ