ވިލާތުގެ ބާޒާރުން ނަގާ ޓެރިފްވެސް ކަނޑާލުމަށް މަޝްވަރާކުރަނީ

ވިލާތުގެ ބާޒާރުގައި ދިވެހި ކަނޑުމަހަށް ނަގާ ޓެރިފް ކަނޑާލުމަށް މަސައްކަތްކުރަމުންދާކަމަށް ޚާރިޖީ ވަޒީރު ޢިރުތިޝާމް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތަށް ބޭރުކުރާ ކަނޑުމަހަށް ނަގަމުން އައި ޓެރިފް އިނގިރޭސި ސަރުކާރުން ވަނީ 2 އަހަރު ދުވަހުގެ މުއްދަތަށް މެދު ކަނޑާލާފައެވެ. އިނގިރޭސިވިލާތުން ނަގަމުން 20 އިންސައްތައިގެ ޓެރިފް މެދުކަނޑާލާފައިވާއިރު، ދުނިޔޭގެ އެހެން ބާޒާރުތަކުގައި ނަގަމުން ދިވެހި ކަނޑުމަހަކަށް ނަގާ ޓެރިފް އުނިކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ އިނގިރޭސި ސަރުކާރާއެކު ދިވެހި ސަރުކާރުންވެފައިވާ އެއްބަސްވުން ދާއިމީ ކުރުމަށް ސަަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކުރިއަށް އޮތް ތާނގާއި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ހަމައެކަނި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ ޑިއުޓީ މަަޢާފްކުރުމެއް ނޫން. އޭގެ ބަދަލުގައި ދާޢިމީ ގޮތެއްގައި އިނގިރޭސިވިލާތަށް ބޭރުކުރާ ތަކެތިން ޑިއުޓީ މަޢާފްކުރެވި ޔޫރަޕިއަން މާކެޓަށް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވައްތަކުގެ ނެގޯޝިއޭޝަންސް ކުރިއަށް ގެންދިއުން. ކުރިއަށް އޮތްތާނގައި ރާއްޖޭގެ މަހުގެ ކުއަންޓިޓީ އިތުރުވެ، އަދި ރާޢްޖެއިން އެކްސްޕޯޓު ކުރާ ބާވަތްތައް އިތުރުވީމަ، ގުޑްސް އެންޑް ސާވިސެސް ކޮމްޕެރަބަލް ސްޓޭޓަކަށް އައީމަ، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުން" ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން އެކްސްޕޯޓްކުރާ ކަނޑުމަހަށް ވިލާތުގެ ބާޒާރުގައި ނަގަމުން ދަނީ 22 އިންސައްތައާއި 24 އިންސައްތައާ ދެމެދުގެ ޓެރިފެކެވެ. އިނގިރޭސިވިލާތާއި ޚިލާފަށް ވިލާތުގެ ބާޒާރުގައި، މަސް ޕްރޮސެސް ކޮށްފައިވާ ގޮތަށް ބަލައި އަގުތައް ތަފާތުވެއެވެ. ދިވެހި ކަނޑުމަސް ގަނޑުކޮށްގެން ވިލާތަށް އެތެރެކުރާނަމަ 22 އިންސައްތަ ޓެރިފެއް ނަގާއިރު، ދަޅު މަހަށް 24 އިންސައްތަ ޓެރިފެއް ނަގައެވެ.
ވިލާތުގެ އިއްތިހާދުގެ ޓެރިފަކީ ދިވެހިރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުން ތަރައްޤީވަމުން އަންނަ ޤައުމަކަށް 2011 ވަނަ އަހަރު ބަދަލުވުމުން ނަގަން ފެށި ޓެރިފެކެވެ. އޭގެ ފަހުން އިނގިރޭސި ބާޒާރު ހިމެނޭހެން ވިލާތުގެ ބާޒާރަށް އެއްކޮށް ޓެރިފް ކަނޑާލުމަށް މަޝްވަރާ ކުރިއެވެ. ނަމަވެސް އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުމުމަށްފަހު މި މަޝްވަރާތައް ދެބަޔަކަށް ބެހި އިނގިރޭސި ބާޒާރަށާއި ވިލާތުގެ ބާޒާރަށް ޓެރިފަކާއި ނުލައި ކަނޑުމަސް އެތެރެކުރުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އިނގިރޭސި ބާޒާރުގެ ތެރެއިން ލިބުނު ލުޔާއެކު ދިވެހި ކަނޑު މަހުގެ އުފެއްދުންތެރިކަން އިތުރުކޮށް ރަނގަޅު ކޮލިޓީ މަސް ބޭރުކުރުން އިތުރުކުރުމެވެ. އަދި ވާދަވެރި ބާޒާރެއްގެ ތެރެއިން ރަނގަޅު އަގެއް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދިވެހިރާއްޖެ ވާދަވެރިގޮތަކަށް އިނގިރޭސިވިލާތުގެ މާކެޓުގައި ޔޫރަޕުގެ މާކެޓުގައި ކޮމްޕީޓް ކުރަންޏާ، ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ ކުއަންޓިޓީ އަދި ކޮލިޓީ އިތުރުކުރަންޖެހޭ. ރާއްޖޭގައި އެންމެ ދެމެހެއްޓެނިވިގޮތަކަށް މަސްބާނާތީ، އެއީ ޕޯލް އެންޑް ލައިން ވަން ބައިވަން؛ އެމްއެސްސީ ސެޓިފައިޑް މިއީ ދުނިޔެވެސް ޤަބޫލުކުރާ. އެހެންވީމަ ވާދަވެރިކަމުގައި ކުރިއަރާނެ ކަމަށް އުއްމީދުކުރަން " ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.
ރާއްޖެއިން އެކްސްޕޯޓްކުރާ ކަނޑުމަހަށް ދުނިޔޭގެ އެހެން ބާޒާރުތަކުގައި ނަގާ ޓެރިފް އުނިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި އިނގިރޭސިވިލާތުން ލިބުނު ލިޔާއެކު ރާޢްޖޭގެ އެކްސްޕޯޓް އިތުރު ކުރެވި، ރާއްޖެއަށް ވިޔާފާރީގެ އެއްބަސްވުންތަކަކާއި ހަމައަށް ވާސިލްވެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ