ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މިންވަރު ޔޫރަޕާއި އެފްރިކާ އެއްކޮށްލުމުން ވާ ވަރަށް ވުރެ ވެސް ބޮޑު: ދިރާސާ
ދެހާސް ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގައި ބިން ހިއްކާފައިވާ މިންވަރު، ޔޫރަޕާއި އެފްރިކާ ބައްރުގައި ޖުމްލަ ގޮތެއްގައި ބިން ހިއްކާފައިވާ މިންވަރަށް ވުރެ ވެސް އިތުރުކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ. "ލޭންޑް ރިކްލެމޭޝަން އިން ދަ މޯލްޑިވްސް: ޓްރެންޑްސް އެންޑް އިމްޕެކްޓްސް ފްރޮމް 2000 ޓު 2024" ގެ ނަމުގައި ހުސައިން ޒިޔަތު، އީޑަން ރިގޯ، އަދި ފާތިމަތު ޝަންނާ އެކުލަވާލާފައިވާ މި ދިރާސާއަކީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާފައިވާ ބިން ހިއްކުމުގެ މަޝްރޫއުތައް މިހާ ތަފްސީލުކޮށް ބަލައި ދިރާސާކުރި ފުރަތަމަ ފަހަރެވެ. އެ ދިރާސާގައިވާ ގޮތުން ފާއިތުވި 24 އަހަރުގެ ތެރޭގައި ޖުމްލަ 4,000 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ރާއްޖެއަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މީހުން ދިރިއުޅޭ 69 ރަށެއްގައި 109 ބިން ހިއްކުމުގެ މަޝްރޫއު ހިންގާފައިވެއެވެ. އެއީ ރާއްޖޭގެ ނިސްބަތަށް ބަލާއިރު މީހުން ދިރިއުޅޭ ކޮންމެތިން ރަށަކުން އެއް ރަށުގައެވެ. ހިއްކާފައިވާ ބިމުގެ 71 އިންސައްތަ ނިސްބަތް ވަނީ މެދު ރާއްޖެތެރެއަށެވެ. މީގެ ތެރެއިން ވެސް ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ބިން ހިއްކާފައިވަނީ ކ. އަތޮޅުގައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި 2008 ވަނަ އަހަރު ގިނަ ޕާޓީ އެކުލެވޭ ނިޒާމަކަށް ރާއްޖެ ބަދަލުވި ފަހުން ބިން ހިއްކުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން އެންމެ ގިނަ މަޝްރޫއު ފަށާފައި ވަނީ 2023 ވަނަ އަހަރެވެ. އެ އަހަރު އެކަނިވެސް 25 މަޝްރޫއެއް ފަށާފައިވެއެވެ. ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އާބަންކޯ މި ދިރާސާއިން ވަނީ ބިން ހިއްކުމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އެގޮތުން: އާބާދީއާ ނުބައްދަލުވުން: ގިނަ މީހުން މާލެ ސަރަހައްދަށް ހިޖުރަކުރަމުން ދާއިރު އާބާދީ މަދު އަދި އާބާދީ އިތުރުވަމުން ނުދާ ރަށްރަށުގައި ވެސް ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވުން. އިސްރާފު ބޮޑުވުން: އެއް އަތޮޅެއްގައި ތަކުރާރުކޮށް ބޮޑެތި އުމްރާނީ ވަސީލަތްތައް (މިސާލަކަށް އެއާޕޯޓުތައް) ތަރައްގީކޮށްފައިވުން. މިއީ ގައުމީ ފެންވަރެއްގައި ރަނގަޅު ޕްލޭނެއް ނެތުމުގެ ނަތީޖާކަމަށް ދިރާސާގައި ބުނެފައިވެއެވެ. ތިމާވެށީގެ ނުރައްކާ: ރަށުގެ ގުދުރަތީ ބައްޓަމާއި ވެށީގެ ހާލަތަށް ބެލުމެއް ނެތި، އެއްގޮތަކަށް ފަރުމާކޮށްގެން ބިން ހިއްކުމުގެ ސަބަބުން ރަށް ގިރުމާއި ފެންބޮޑުވުމުގެ މައްސަލަތައް އިތުރުވުން. އަދި ގުދުރަތީ ދިފާއީ ނިޒާމު ކަމަށްވާ ފަރުތައް ހަލާކުވެގެން ދިޔުން. ދިރާސާގައި ޚުލާސާކޮށްފައިވާ ގޮތުގައި، ރާއްޖެ ފަދަ ބިން ކުޑަ ގައުމަކަށް ބިން ހިއްކުމަކީ މުހިންމު ކަމަކަށް ވިޔަސް، ހަރުދަނާ ޕްލޭނެއް އަދި ރަނގަޅު ގަވާއިދުތަކެއް ނެތި އެކަން ކުރުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އެކަން ހައްލުކުރުމަށްޓަކައި 2024 ވަނަ އަހަރު ސަރުކާރުން އިއުލާންކުރި ގައުމީ ތަރައްގީގެ މާސްޓާޕްލޭންގެ ތެރެއިން، ބިން ހިއްކުމުގެ ސިޔާސަތުތައް އާބާދީއާއި، ތިމާވެށި އަދި އިގްތިސޯދާ ގުޅޭ ގޮތަށް ބައްޓަންކުރުމަށް އެ ރިޕޯޓުގައި ވަނީ ގޮވާލާފައެވެ. "ލޭންޑް ރިކްލެމޭޝަން އިން ދަ މޯލްޑިވްސް: ޓްރެންޑްސް އެންޑް އިމްޕެކްޓްސް ފްރޮމް 2000 ޓު 2024" ދިރާސާ ކުރެއްވި ތިން ބޭފުޅުން -- މި ދިރާސާކުރެއްވި ބޭފުޅުންގެ ތެރެއިން އީޑަން ރިގޯއަކީ އޮކްސްފޯޑް ޔުނިވަސިޓީގައި "އެމްފިލް އިން ޑިވެލޮޕްމެންޓް ސްޓަޑީޒް" ކިޔަވަމުންދާ އަދި 2025 ވަނަ އަހަރުގެ ވެސްޓާން އޮސްޓްރޭލިއާގެ ރޯޑްސް ސްކޮލާއެކެވެ. އޭނާއަކީ އާބަން އެންޑް ރީޖަނަލް ޕްލޭނިން ދާއިރާއިން ފަސްޓް ކްލާސް އޮނާސް ހާސިލްކޮށްފައިވާ ގްރެޖުއޭޓެކެވެ. ފާތިމަތު ޝަންނާއަކީ ރާއްޖޭގެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގައި މަސައްކަތްކުރާ އާބަން ޕްލޭނިން ކޮންސަލްޓަންޓެކެވެ. އޭނާއަކީ އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގެ ދަށުން ކާޓިން ޔުނިވަސިޓީން ތައުލީމު ހާސިލްކޮށްފައިވާ ފަރާތެކެވެ. އަދި އޭނާއަކީ ބިމުގެ ބޭނުން ހިފުމުގެ ޕްލޭންތައް އެކުލަވާލުމާއި، ލޭންޑް މެނޭޖްމަންޓް ދާއިރާގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. ހުސައިން ޒިޔަތަކީ ކުރިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޗީފް ޕްލޭނިން އޮފިސަރުގެ މަގާމު ފުރުއްވާފައިވާ، އާކިޓެކްޗަރަލް އަދި އާބަން ޕްލޭނިން ދާއިރާގެ ތަޖުރިބާކާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ