ލިވަޕޫލްގެ ކޯޗުކަމުން ސްލޮޓް ވަކިކޮށްފި

ލިވަޕޫލް (މެއި 30) - ލިވަޕޫލްގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ އާނާ ސްލޮޓް، އެ ކްލަބްގެ ތާރީހުގައި ވެސް ދަށް ސީޒަނަކަށް ފަހު މަގާމުން ވަކިކޮށްފި އެވެ. 
ސްލޮޓް ވަނީ ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ސީޒަނުގައި އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެކަމަަކު، މި ސީޒަނުގައި އޭނާ ނިންމާލަން ޖެހުނީ ދަށް ރެކޯޑަކާ އެކު އެވެ. އެ ގޮތުން، މި ސީޒަނުގައި ލިވަޕޫލް ވަނީ ހުރިހާ މުބާރާތެއްގައި 20 މެޗުން ބަލިވެފަ އެވެ. އަދި، މިއީ، އެކާވީސް ވަނަ ގަރުނުގައި އެ އަދަދަށް އެއް ސީޒަނެއްގައި ލިވަޕޫލް މެޗުތަކުން ބަލިވި ފުރަތަމަ ފަހަރެވެ. 
އަންނަ ސީޒަނުގައި، ލިވަޕޫލްގެ ކަންކަން އޭނާގެ ކޯޗުކަމުގައި ރަނގަޅުކުރަން ފުރުސަތު ލިބޭނެ ކަމަށާއި ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ. އެކަމަކު، ސީޒަން ނިމުމުން ލިވަޕޫލުން ކުރިއަށްގެންދިޔަ، ރިވިއު ބައްދަލުވުންތަކަށް ފަހު، ނިންމާފައިވަނީ، ސްލޮޓް މަގާމުން ވަކިކުރުމަށް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 
ލިވަޕޫލްގެ ކޯޗުކަމާ ދެން ހަވާލުވާނީ، ބޯންމައުތުގެ ކޯޗަކަށް މިދިޔަ ސީޒަންތަކުގައި ހުރި ސްޕެއިނުގެ އަންޑޯނީ އިރައޯލާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިރައޯލާ އަށް އޭސީ މިލާނާއި ޗެލްސީން ލިބުނު އޮފާތައް ދޫކޮށްލީ، ލިވަޕޫލް ނޫނީ ބަޔާ ލެވަކޫސަނާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރުމުން ކަމަށް ރިޕޯޓްތައް ބުނެފައިވެ އެވެ. 
ޖަރުމަނުގެ ކޯޗު، ޔާގަން ކްލޮޕްގެ ކާމިޔާބު ނުަވަ އަހަރަށް ފަހު، މަގާމުން ވަކިވުމުން، މީގެ އެއް އަހަރު ކުރިން ލިވަޕޫލާ ހަވާލުވެ ސްލޮޓްގެ ފުރަަތަމަ ސީޒަނުގައި އޭނާ ކުރީ ތައުރީފު ހައްގު މަސައްކަތެކެވެ. އެހެން ނަމަވެސް ނިމިދިޔަ ސީޒަނުގައި ލިވަޕޫލްގެ ކުޅުން ވަރަށް ބޮޑަށް ދަށްވެ، ސްލޮޓަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އަދި، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފައި ޖެހިގެން އައި ސީޒަނުގައި ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހުމުން އޭނާ އަށް ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. 
މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ނުަވައެއްގައި ނިންމި ޓީމުތަކާ ދެކޮޅަށް ލިވަޕޫލުން ލީގުގައި ކުޅުނު 18 މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ. ލިވަޕޫލުން މި ފަހަރުގެ ލީގުގެ ފަސް ވަނައިގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ނަމަވެސް މިއީ، އެ ކްލަބްގެ ތާރީހުގައި މިދިޔަ 15 ވަރަކަށް އަހަރު ތެރޭ އެންމެ ދަށް އެއް ސީޒަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ