ދެ މަހުގެ މެދުކެނޑުމަކަށް ފަހު ޕީއެންސީގެ މެންބަރުންނަށް މި މަހު ފައިސާ ބަހައިފި

ދެ މަހުގެ މެދުކެނޑުމަކަށް ފަހު، ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ދޭ 50،000ރ. މި މަހު ދީފި ކަން އެނގިއްޖެ އެވެ.
މި ނޫހާ ވާހަކަ ދެއްކި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، މިދިޔަ ދެ މަސް ދުވަހު މި ފައިސާ މެންބަރުންނަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް، މި މަހުގެ ފައިސާ މިހާރު ވަނީ މެންބަރުންނާ ހަވާލުކޮށްފައެވެ.
މި ފައިސާ ދޫކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މައްސަލައިގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކަން މި ނޫހާ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވި އެވެ.
ނާޒިމް ފިޔަވައި، ޕީއެންސީގެ ހުރިހާ މެންބަރުން ސޮއިކުރި އެ މައްސަލަ މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.
މަޖިލިސް މެންބަރުންނަށް މިގޮތަށް ފައިސާ ބަހާ މައްސަލަ މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ބަލަމުންދާ ކަމުގެ ނުވަތަ އެޅި ފިޔަވަޅެއްގެ އެއްވެސް މައުލޫމާތެއް އެ ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
މުލީއާގެއިން ދިއްކުރާ ރަތް ނޫޓުގެ ބަންޑެލި ރިޝްވަތަށް ނުވާނެ ގޮތެއް ނެތްއިރު އެއީ އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއަށް އޮތް ހުރަހެއްކަން ސާފު. ދައުލަތުގެ އެއްވެސް އިދާރާއަކުން މިފަދަ މައްސަލައެއް ބަލާކަމެއް އެނގިފައެއް ނުވޭ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމާއި އެ މެންބަރުން ރިޝްވަތުގައި ހިފުމަކީ ބޮޑު ކުށެކެވެ. މިފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރު ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުމަށްޓަކައި ނުވަތަ ނުކޮށް ދޫކޮށްލުމަށްޓަކައި، އެމީހަކު އަމިއްލައަށް، ނުވަތަ އެހެންމީހަކު މެދުވެރިކޮށް، ނުވަތަ އެހެންމީހެއްގެ ފަރާތުން ވިޔަސް، ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ލިބިގަތުމަށް އެއްބަސްވުމަކީ ކުށެއް ކަމަށެވެ. އަދި މެންބަރުކަމުގެ ހައިސިއްޔަތުން ކަމެއް ކުރުވުމަށް، ނުވަތަ ނުކުރުވުމަށް، ނުވަތަ މިއިން ކަމަކަށް ޝައުގުވެރި ކުރުމަށް، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މި ނޫން ގޮތަކުން ވިޔަސް ރިޝްވަތު ދިނުމާއި، ރިޝްވަތު ދިނުމަށް ހުށަހަޅުމާއި، ދިނުމަށް އެއްބަސްވުމަކީވެސް ކުށެއް ކަމަށް އެ މާއްދާގައި ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ