ބައި-އިލެކްޝަންގެ ވޯޓުލުން 5:00 ޖެހުމާއި ހަމައަށް

ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވަނީ ވޯޓުގެ ކިއުތައް ދިގުވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތު އިތުުރު ކޮށްފައިވާކަމަށެވެ.
މިއަދު މެންދުރު 15:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ޖުމްލަ 2055 މީހުން ވަނީ ވޯޓުލާފައެެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 49.87 އިންސައްތައެވެ. ވޯޓުލާފައިވަނީ 976 ފިރިހެނުންނާއި 1079 އަންހެނުން ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިތުރު ކުރި ވަގުތާއެކު ހަވީރު 5:00 ޖެހުމުގެ ފަހުން އެއްވެސް މީހަކަށް ކިޔޫއަށް އެރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށެވެ. އަދި އެ ވަގުތުގައި ކިޔޫގައި ތިބި ބަޔަކު ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނެއެވެ.
މި އިންތިޚާބުގައި ވޯޓު ގުނަން ފަށާނީ ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުންނެވެ.
މިއިންތިޚާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބެއެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ، މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ