ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ތުނބުޅި ބަހައްޓަން ޔަމާލް ވައުދުވެއްޖެ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ސްޕެއިނުން ކާމިޔާބުކޮށްފިނަމަ، ތިން ހަފުތާ ވަންދެން ތުނބުޅި އާއި މަތިމަސް ނުބާލާ ބަހައްޓާނެ ކަމަށް ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވައުދުވެއްޖެއެވެ. ބާސެލޯނާގެ ހުނަރުވެރި ކުޅުންތެރިޔާ ހާމަކުރި ގޮތުގައި، މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ސަޕޯޓަރުންގެ މެދުގައި ގުރުއަތެއްލައި، 100 ބީޓްސް ހެޑްފޯން ބަހަންވެސް އޭނާ ވަނީ ނިންމާފައެވެ. އުމުރުން އެންމެ 18 އަހަރުގެ ޔަމާލްގެ މި ތަފާތު ވައުދަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ، އޭނާގެ ހުންނަ ޒުވާން ސިފައާއި އާންމުކޮށް މޫނު އޮމާންކޮށް ބަހައްޓާތީއެވެ. މި އިއުލާނާއެކު ދޭހަވަނީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރުމަށް ސްޕެއިން ޓީމަށް އޮތް ބޮޑު އިތުބާރެވެ. ސްޕެއިންގެ ހުނަރުވެރި ކުޅުންތެރިޔާ ލަމީން ޔަމާލް-- ދުނިޔޭގެ އެންމެ އުންމީދީ އެއް ކުޅުންތެރިޔާގެ ގޮތުގައި ޔަމާލް ވޯލްޑް ކަޕަށް ކުރިމަތިލާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާއަށް ލިބުނު އަނިޔާއެވެ. ނަމަވެސް ސްޕެއިންގެ ހެޑް ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ވަނީ ޖޫން 16 ގައި ކޭޕް ވާޑްއާ ދެކޮޅަށް ސްޕެއިން ކުޅޭ ފުރަތަމަ މެޗަށް ޔަމާލް ފިޓްވާނެކަން ދާދި ފަހުން ކަށަވަރުކޮށްދީފައެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޔަމާލް ވަނީ ފުޓްބޯޅަ ދުނިޔޭގައި އާދަޔާޚިލާފު ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ނިމިދިޔަ ސީޒަނުގައި ބާސެލޯނާއަށް ކުޅުނު 55 މެޗުގައި އޭނާ ވަނީ 18 ލަނޑު ޖަހައި 25 އެސިސްޓް ހަދާފައެވެ. މީގެ އިތުރުން، ޔޫރޯ 2024 ގައި އުމުރުން އެންމެ 16 އަހަރުގައި ކުޅެ، މުބާރާތުގެ ތާރީޚުގައި ލަނޑު ޖެހި އަދި ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ފައިނަލްގައި ކުޅެ ތަށި ހޯދި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑުތައް އޭނާ ވަނީ މުގުރާލާފައެވެ. ސްޕެއިންގެ ހުނަރުވެރި ކުޅުންތެރިޔާ ލަމީން ޔަމާލް-- ޔަމާލްގެ ކާމިޔާބީތައް ދަނޑުން ބޭރުގައިވެސް ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށްދޭ ކޮޕާ ޓްރޮފީ ޖެހިޖެހިގެން ދެ އަހަރު ހާސިލްކޮށްފައެވެ. ސްޕެއިންގެ މިޑްފީލްޑަރު މިކެލް މެރީނޯ ބުނިގޮތުގައި ޔަމާލްއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއް ކުޅުންތެރިޔާއެވެ. އެހެންނަމަވެސް، ސްޕެއިންގެ ކާމިޔާބީ ބިނާވެފައިވަނީ ވަކި ކުޅުންތެރިއަކަށްވުރެ ބޮޑަށް، މުޅި ޓީމު އެކުގައި ކުރާ މަސައްކަތުގެ މައްޗަށް ކަމަށްވެސް މެރީނޯ ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ