2024 ވަަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން 46.5 އިންސައްތައިން ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވަނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދުގެ އެކި ދާއިރާތަކުގެ އުފެއްދުންތެރިކަން ހުރި މިންވަރު އާންމުކޮށްފައެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ އެކޮމޮޑޭޝަން އެންޑް ފޫޑް ސާވިސަސް ދާއިރާގެ ހިދުމަތްތަކާއި އުފެއްދުންތައް 2.5 ބިލިއަން ރުފިޔާއިން އަގުކުރެވެ އެވެ. އަދި މި ދާއިރާގެ އުފެއްދުންތެރިކަން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު 20.4 އިންސައްތައިން އިތުރުވެފައިވާކަމަށް ބުނެފައިވާއިރު އެ އަހަރުގެ ޖެނުއަރީ މަހަށްވުރެ 15.9 އިންސައްތަ އިތުރުކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެ މުއައްސަސާއިން ބުނާގޮތުން މި ދާއިރާ ފުޅާވެފައި ވަނީ އެ މަހުގެ ތެރޭގައި ޓުއަރިސްޓް ބެޑްނައިޓްގެ އަދަދުތައް އިތުރުވެފައި ވާތީ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު 17.2 އިންސައްތައިން އެ އަދަދުތައް އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މީގެއިތުރުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ޓްރާންސްޕޯޓޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާގެ ހިދުމަތްތަކާއި އުފެއްދުންތަކުގެ އަގު 1.40 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހަށްވުރެ 9.4 އިންސައްތައިގެ އިތުރުވުމެކެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން މި ދާއިރާއިން ކުރިއެރުން ލިބެމުން ދަނީ އެއަކްރާފްޓުތަކުގެ މޫވްމެންޓް އިތުރުވަމުންދިއުމާއި އެއަރ ކާގޯގެ އިތުރުން މެއިލް އާއި އިމްޕޯޓުގެ އަދަދުގެ އިތުރުން ޓެކްސީ ރެޖިސްޓްރޭޝަން މަސައްކަތްތަކާއި ގުޅިގެންނެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާގޮތުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް ދާއިރާ 835 މިލިއަން ރުފިޔާއިން އަގު ކުރެވެ އެވެ. މި ދާއިރާގެ އުފެއްދުންތެރިކަން 2024 ވަަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު 11.2 އިންސައްތައިން ދަށްވެ، އެ އަހަރުގެ ޖެނުއަރީ މަހަށްވުރެ 0.1 އިންސައިގެ ވެއްޓުމެއް އައިސްފައި ވެއެވެ. މި ދާއިރާގެ އުފެއްދުންތެރިކަން ބިނާވެފައި ވަނީ އިމްޕޯޓު ކުރެވޭ މުދަލުގެ މިންވަރުގެ މައްޗަށްކަމަށްވާއިރު 2024 ވަނަ އަހަރަށްވުރެ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މުދާ އިމްޕޯޓު ކުރި މިންވަރު 4 އިންސައްތަ ދަށެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފައިނޭންޝަލް ސާވިސަސް ދާއިރާ 559 މިލިއަން ރުފިޔާއިން އަގުކުރެވޭއިރު 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު 0.3 އިންސައްތައިން އުފެއްދުންތެރިކަން ދަށަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. ސްޓެޓިސްޓިކް ބިއުރޯއިން އިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ 416 މިލިއަން ރުފިޔާއިން އަގު ކުރެވޭނެ އެވެ. މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާނަމަ 15.9 އިންސައްތައިގެ ކުރިއެރުމެއްކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތްތަކުގެ އަގު ހުރީ 190 މިލިއަން ރުފިޔާގައެވެ. ރިޕޯޓުގައި ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު މިއީ 46.5 އިންސައްތައިގެ ދަށްވުމެއްކަމަށް ބުނެފަ އެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރު މަހަށްވުރެ 96.1 އިންސައްތަ އުފެއްދުންތެރިކަން އިތުރުކަންވެސް ވެސް ދައްކަ އެވެ. މި ދާއިރާގެ އުފެއްދުންތެރިކަން ބިނާވަނީ ބާނާ މަހުގެ އަދަދުގެ މައްޗަށެވެ.
މި އަހަރުގައި މަސްވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން 46 އިންސައްތައިން ދަށް: ސްޓެޓިސްޓިކްސް ބިއުރޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ