ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް "ބީއެމްއެލް ސްޕްލިޓް ޕޭ" ތައާރަފްކޮށްފި އެވެ.
މިހާރު ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ރޭ ތައާރަފްކުރި އެ ހިދުމަތަކީ ކްރެޑިޓް ކާޑުން ވިޔަފާރި ކުރާއިރު ހަރަދުތައް މެނޭޖް ކުރުމުގައި އިތުރު ފަސޭހަތަކެއް ކަސްޓަމަރުންނަށް ލިބޭނެ ހިދުމަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ސްޕްލިޓް ޕޭ ހިދުމަތާއެކު 1,500ރ. އިން ފެށިގެން އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދައްކަންޖެހޭ އަދަދު ތިން މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އެއާއެކު އަގުބޮޑު ތަކެތި ގަތުމުގައި މާލީގޮތުން ރޭވުންތެރިކަމާއެކު ފައިސާ ބެލެހެއްޓުމަށް ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ވިސާ ނުވަތަ މާސްޓަކާޑް ބްރޭންޑްގެ ކްރެޑިޓް ކާޑުތަކުން ޕީއޯއެސް މެޝިން މެދުވެރިކޮށް ފައިސާ ދެއްކުމުން އެ މުއާމަލާތަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އަލަށް ތައާރަފްކުރި އެ ހިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް ސްޕްލިޓް ޕޭ މެދުވެރިކޮށް ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި ފަސޭހަވެ، ކަސްޓަމަރުންގެ މާލީ ކަންކަން ބަޖެޓްކޮށްގެން ރާވާލުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
އެ ހިދުމަތަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރާ މަސައްކަތުގެ ދަށުން ތައާރަފްކުރި ހިދުމަތެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.
އިންސްޓޯލްމަންޓަށް ފައިސާ ދައްކަން ބީއެމްއެލްއިން "ސްޕްލިޓް ޕޭ" ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ