އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ބްރައިޓަން ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެ އެވެ.
ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި ބްރައިޓަން އިން ވަނީ ނުރައްކާތެރި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
ބްރައިޓަން އިން މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ މެޗުގެ 14 ވަނަ މިނިޓުގައި ޑެނީ ވެލްބެކް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުގެ އަށްވަނަ މިނިޓުގައި ލިވަޕޫލްގެ ހޫގޯ އެކިޓީކޭ އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ބަދަލުގައި ކަރޓިސް ޖޯންސް ވަނީ ކުޅެން އަރުވާފަ އެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން 15 މިނިޓަށް ވެފައިވަނިކޮށް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މިލޮސް ކަރކޭޒް އެވެ.
ބްރައިޓަން އިން ދެވަނަ ފަހަރަށް ކުރި ހޯދާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ޑެނީ ވެލްބެކް އެވެ.
އުމުރުން 35 އަހަރުގެ ޑެނީ ވެލްބެކް މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 12 އަށް އަރާފަ އެވެ. މި ސީޒަނުގައި ޕްރިމިއާ ލީގުގައި އިނގިރޭސި އެއްވެސް ކުޅުންތެރިއަކަށް އަދި 12 ލަނޑު ޖެހިފައެއް ނުވެއެވެ. ނަމަވެސް އިންގްލެންޑްގެ ގައުމީ ކޯޗު ތޯމަސް ޓުޗެލް ދާދި ފަހުން އިއުލާން ކުރި 35 ކުޅުންތެރިންގެ ގައުމީ ސްކޮޑުގައި ވެލްބެކް ހިމެނިފައެއް ނުވެއެވެ.
މި މެޗުން ލިވަޕޫލް ބަލިވެފައިވާއިރު މިއީ މި ސިޒަނުގައި ޕްރިމިއާ ލީގުގައި އެ ކްލަބު ބަލިވި 10 ވަނަ މެޗެވެ. މި އަދަދަށް ލީގުގައި ލިވަޕޫލް އެންމެ ފަހުން ބަލިވެފައިވަނީ 16-2015 ވަނަ އަހަރުގެ ސީޒަނުގަ އެވެ.
މި މެޗުން ބްރައިޓަން މޮޅުވެފައިވާއިރު އެ ޓީމަށް ވަނީ މިހާތަނަށް ކުޅުނު 31 މެޗުން ޖުމްލަ 43 ޕޮއިންޓާއެކު ތާވަލުގެ 10 ވަނަ މަގާމް ލިބިފަ އެވެ. ލިވަޕޫލް އަށް ލިބިފައިވާ 49 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ.
ވެލްބެކްގެ ދެ ލަނޑުން ލިވަޕޫލް ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ