ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި އެންމެ ފަހުން ކުޅުނު މެޗުތަކުން އއ. މަތިވެރި، ފ. ނިލަންދޫ އަދި ގއ. ކަނޑުހުޅުދޫ މޮޅުވެއްޖެ އެެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އިއްޔެ ހަވީރާއި ރޭގަނޑު ވަނީ، ފަސް އަތޮޅުން 12 މެޗު ކުޅެފަ އެވެ.
އެ ގޮތުން، ރޭ، އއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، މަތިވެރިން ވަނީ 2-0 އިން ހިމަންދޫ ބަލިކޮށްފަ އެވެ. މަތިވެރިން މި މެޗުގައި ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު ޝަފުރާޒް އާއި ހައިޝަމް އަލީ އެވެ. މި މެޗުގައި، ހިމަންދޫން ވަނީ ޖުމްލަކޮށް ބަލާއިރު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މަތިވެރި ޓީމުގެ ޝަފްރާޒް ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
އިއްޔެ ހަވީރު ށ. އަތޮޅުގެ ގްރޫޕްގެ ހަތަރު މެޗެއް ވަނީ ކުޅެފަ އެވެ. އަތޮޅު ޗެމްޕިއަންކަން ހަތަރު ފަހަރަށް ހޯދާފައިވާ ކަނޑިތީމުން ވަނީ މަރޮށީގެ މައްޗަށް 4-2 އިން ކުރިހޯދައިފަ އެވެ. މި މެޗުގައި، މަރޮށީގެ ލަނޑުތައް ޖެހީ، އިބްރާހީމް ނިޔާޒު އާއި ޝައިބާން އުސްމާން އެވެ. މި މެޗުގައި، ކަނޑިތީމުގެ ރައުލް ނިޔާޒް ހެޓްރިކް ހެދި އެވެ. އެ ޓީމުގެ އަނެއް ލަނޑު ޓީމުގެ ކެޕްޓަން، އިބްރާހީމް ނަދާދު (ކުޑައްޓެ) އެވެ.
ކަނޑިތީމު ގްރޫޕްގެ އަނެއް މެޗުގައި، ފީވަކާ ކުޅެގެން ފޯކައިދޫ މޮޅުވީ 3-2 އިންނެވެ. މެޗުގައި ފޯކައިދޫގެ ގޯލްތައް ޖަހައިދިނީ މުހައްމަދު އިޔާން އިސްމާއީލް، އަބްދުﷲ ރުޝްދާން އަދި، މުހައްމަދު ސަމްހާން އެވެ. މެޗުގައި، ފީވަކުގެ ލަނޑުތައް ޖެހީ ހުސައިން ފާރިސް އާއި އަބްދުﷲ ރިމާހު އެވެ.
މި އަތޮޅު ގްރޫޕް ބީގައި ކުޅުނު މެޗުން، ފުނަދޫން ވަނީ ކޮމަންޑޫ އަތުން 3-2 އިން މޮޅުވެފަ އެވެ. މި މެޗުގައި ފުނަދޫގެ ލަނޑުތައް ޖެހީ، އަލީ ޝައިހާން ނަސީމް ދެ ލަނޑުގެ އިތުރުން، ހަސަން އާދިލް އެވެ. އަދި، ފޯކައިދޫގެ ލަނޑުތައް ޖެހީ ހުސައިން ހައްމާދު އެވެ.
ށ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން،. މިލަންދޫން ފެށީ އުނދަގޫ މޮޅަކުންނެވެ. އެ ގޮތުން، މިލަންދޫން ގޮއިދޫ ބަލިކުރީ 1-0 އިންނެވެ. ދެ ވަނަ ހާފުގައި މިލަންދޫގެ ހަމައެކަނި ގޯލް ޖެހީ އަހުމަދު ސިޔާމް އެވެ. މި މެޗުގައި ގޮއިދޫން ޖެހި ގޯލެއް ވަނީ ވީޑިއޯ ސަޕޯޓް މެދުވެރިކޮށް ކެންސަލްކޮށްފަ އެވެ.
ދެއްވަދޫގެ ޝިފާޒް (ކ) ރޭގެ މެޗުގެ ތެރެއިން ވިިލިނގިލީގެ މިފްރާހު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މުބާރާތުގައި ރޭ، ގއ. އަތޮޅުން ކުޅުނު މެޗުތަކަށް ބަލާއިރު، ދެއްވަދޫން ވަނީ ވިލިނގިލި 2-1 އިން ބަލިކޮށްފަ އެވެ. އެކި ސަބަބުތަކާ ހުރެ ދެއްވަދޫ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅުނު މި މެޗުގައި، އެ ޓީމުގެ ލަނޑުތައް ޖެހީ ވިޝާހް އަބްދުލް މަޖީދު (ވިއްޓު) އާއި ނަސޫހު ސައީދު އެވެ. ވިލިނގިލީގެ ލަނޑު ޖެހީ ހުސެއިން މިފްރާހު ވަހީދު (މިއްޕެ) އެވެ.
މި އަތޮޅުގައި ރޭ ކަނޑުހުޅުދޫން ކޮލަމާފުށި އަތުން ވަނީ 7-0 އިން މޮޅުވެފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. މި މެޗުގައި، ކަނޑުހުޅުދޫގެ އަހްނަފް ޒާހިރު ހަތަރު ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ޖެހީ އަހުމަދު ޖަވާދު އާއި ފަޒްލީން މުހައްމަދު އަދި އިސްމާއީލް އަންވާރު އެވެ. މި އަތޮޅުގައި ރޭ ދާންދު އާއި ގެމަނަފުށި ކުޅުނު މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ދާންދޫގެ ގޯލްތައް ޖެހީ، އަހުމަދު ޒިޔާދު އާއި އަރުޝަމް ސައީދު އެވެ. މި މެޗުގައި، ގެމަނަފުށީގެ ލަނޑުތައް ޖެހީ ޓީމުގެ ކެޕްޓަން، އަލީ ޝާޒް ހަބީބު އާއި ހުސެއިން ތައިމް އެވެ.
ނިލަންދޫ ޓީމުގެ ރާއިދު (ވ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ އިޔާޒްއާ އެކު.--- ފޮޓޯ: އިމޭޖަސް.އެމްވީ
މުބާރާތުގައި ރޭ ފ. އަތޮޅުން ކުޅުނު މެޗުތަކަށް ބަލާއިރު، ނިލަންދޫން ފީއަލީ ބަލިކުރީ 5-1 އިންނެވެ. މި މެޗުގައި، ނިލަންދޫގެ ހަސަން ރާއިދު އާއި އިޔާޒް އަހުމަދު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަނެއް ލަނޑު ޖެހީ، ޝަހުދާން އަބްދުލްގަނީ އެވެ. މި މެޗުގައި، ފީއަލީގެ ހަމައެކަނި ލަނޑު ޖެހީ ޝާއިފް އަބްދުﷲ ހަމީދު އެވެ.
ފ. އަތޮޅުގެ ޗެމްޕިއަން ދަރަނބޫދޫން އެ ޓީމުގެ ކެޕްޓަން، މުޒްދާން ހަސަން ނުލައި ކުޅުނު މެޗުގައި ބިލެއްދޫއާ 2-2 އިން ވަނީ އެއްވަރުވެފަ އެވެ. ބިލެއްދޫ އަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ޒީދާން ޒުހުރީ އާއި ނަދީފް އިބްރާހީމް އެވެ. މެޗުގައި، ދަރަނބޫދޫގެ ލަނޑުތައް ޖެހީ މުއައްލިމް އުމަރް އާއި ސާއިން އަލީ އެވެ.
ރޭގެ މެޗުގެ ތެރެއިން، ދިއްގަރު ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
މުބާރާތުގައި ރޭ މ. އަތޮޅުގެ ކުޅުން ވެސް ފެށިގެންދިޔަ އެވެ. މ. ގެ އެންމެ ފަހުގެ ޗެމްޕިއަން، ދިއްގަރުން ރޭ މުލަކުގެ މައްޗަށް ކުރިހޯދީ 2-0 އިންނެވެ. މި މެޗުގައި، ދިއްގަރުގެ ލަނޑުތައް ޖެހީ އައްމާރު ބިން އާސިފް އާއި އިސްމާއީލް ވާއިލް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ކ. ގުޅި - ކ. ގުރައިދޫ
16:00 - ކ. ކާށިދޫ - ކ. ދިއްފުށި
17:00 - އއ. ތޮއްޑޫ - އއ. ބޮޑުފޮޅުދޫ
17:00 - ކ. ގާފަރު - ކ. ހިންމަފުށި
--------------------------------------------
20:00 - އދ. މާމިގިލި - އދ. މަހިބަދޫ
20:00 - އދ. އޮމަދޫ - އދ. ހަންޏާމީދޫ
21:00 - އދ. ކުނބުރުދޫ - އދ. މަންދޫ
21:00 - އދ. ދަނގެތި - އދ. ފެންފުށި
22:00 - ލ. އިސްދޫ - ލ. ގަން
22:00 - ލ. ދަނބިދޫ - ލ. ފޮނަދޫ
23:00 - ލ. ކަލައިދޫ - ލ. މާވަށް
23:00 - ލ. މުންޑޫ - ލ. ކުނަހަންދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް: މަތިވެރި، ނިލަންދޫ އަދި ކަނޑުހުޅުދޫން މޮޅަކުން ފަށައިފި ގޯލްޑަން ފުޓްސަލް ޗެލެންޖް: މަތިވެރި، ނިލަންދޫ އަދި ކަނޑުހުޅުދޫން މޮޅަކުން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ