އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން މެއި 17 ގައި

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެކި ދާއިރާތަކަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ތާރީހު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ހަމަވާ ދުވަހަށް ބަލައިގެންނެވެ. މިހާރު ތިބި ކައުންސިލަރުންގެ ހުވާކޮށްފައިވަނީ 17 މެއި 2021 ގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ރަށު ކައުންސިލްތަކަށާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް ވަނީ މެންބަރުން އިންތިހާބުކޮށްފަ އެވެ. ނަމަވެސް އަންހެނުންގެ ކޮމިޓީގެ މެންބަރުން ހުވައެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި އެ ކޮމެޓީތަކުގެ މެންބަރުން މެއި 17 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގެ ތެރެއިން އިގުރާރުގައި ސޮއިކުރާނެ އެވެ.
އަލަށް އިންތިހާބުވި ކައުންސިލަރުން އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ހުވާކުރަން ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން އަދިވެސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ